ލަންކާއިން މަރުވި މީހުންގެ އަދަދު 193 އަށް އަރައިފި، އެތައް ބަޔަކު ގެއްލިފައި

ލަންކާގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދަނީ. ފޮޓީ/އޭއެފްޕީ

ތޫފާން 'ދީތްވާ' ގެ ސަބަބުން ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 193 އަށް އުފުލިއްޖެއެވެ.

އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ އަދި ބަދުއްލާއިންނެވެ.

ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި 200 އަށް ވުރެ ގިނަ މީހުން ގެއްލި، 20،000 އަށް ވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައެވެ. އެއްލައްކަ އަށް ހާސް މީހުން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ފޮނުވާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނު ކޮށްފައިވާއިރު، އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ތިބީ ފެންނާއި ކަރަންޓުން މަހުރޫމްވެފައެވެ.

ކެލާނީ ކޯރުގެ ފެންގަނޑު ހަލުވިކަމާއެކު އުފުލެމުން ދާތީ، ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ އަމުރުތައް ވަނީ ނެރެފައެވެ.

ލަންކާގެ މަގެއްގައި ފެން ބޮޑުވެފައި.ފޮޓޯ/ރޮއިޓާސް

ތޫފާންގެ އަސަރުކޮށް މަރުވި މީހުންގެ ތެރޭގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހު މެދުތެރޭގެ ކުރޫނޭގަލާގައި ފެންބޮޑުވެ، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެއެއްގައި ތިބި 11 މީހުން ހިމެނެއެވެ.

އަނޫރާދަޕޫރާގައި ފެނުގެ ތެރެއަށް ޣަރަގުވި ބަހެއްގެ ތެރެއިން 69 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

ލަންކާގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު އެ ގައުމުގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެހީއަށް ވެސް އެދިފައެވެ.

މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް މިހާބޮޑަށް މޫސުން ގޯސްވުމަކީ ވަރަށް މަދުން ކުރިމަތިވާ ކަމެކެވެ.

މި ގަރުނުގައި ލަންކާއަށް އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ ފަހަރު 254 މީހުން މަރުވެ ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.

ލަންކާގެ އިތުރުން ދިވެހިރާއްޖެ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށްވެސް އަންނަނީ ތޫފާންގެ އަސަރުކުރަމުންނެވެ.

comment ކޮމެންޓް