އަންގާރަ ދުވަހު މޫސުން ރަނގަޅުވާނެކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، އެ ދުވަހު ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ހުކުރު ދުވަހު ބުނި ގޮތުގައި، ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށެވެ. އަދި މޫސުން ރީތިވާނީ އަންނަ އަންގާރަ ދުވަހުގެ ފަހުން ކަމަށް ވަނީ ބުނެފައެވެ. މެޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، "ދިތުވާ"ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މިއަދު "ސަން" އަށް މައުލޫމާތުދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގައި މޫސުން އަލިނުވާނެ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ދަތުރުކުރަން ދަތިވާ ވަރަށް މޫސުން ގޯސް ނުވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.
މިއަދުގެ މޫސުން ލަފާކޮށް، މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ބުނެ، ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ 12:30 އިން 18:30 އާ ހަަމައަށެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދާވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހަ ފޫޓާ ހަމައަށް އުސްވާނެކަމަށް ބެލެވޭއިރު، ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދަށް އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.