ދެކުނު އެފްރިކާ މުބާރާތުގެ ފައިނަލަށް ނަބާއާއި ނަބީ ދަތުރުކޮށްފި

ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލްގެ ފައިނަލަށް އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ދަތުރުކޮށްފިއެވެ.

ނަބާއާއި ނަބީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، މި މުބާރާތުގައި ދެ ކުޅުންތެރިންވެސް ރާއްޖެ ތަމްސީލުކޮށްފައިވަނީ ރިވައިވަލް ސްޕޯޓްސްގެ ފަރާތުންނެވެ.

އަންހެން ޑަބަލްސް ކުއާޓާގައި ނަބާއާއި ނަބީގެ ޕެއާއިން ބައްދަލުކުރީ ދެކުނު އެފްރިކާގެ ޑެބޯރާ ގޮޑްފްރޭ އާއި އަންރީ ޝޫންސްއާ އެވެ. އެ މެޗުން ނަބީ އާއި ނަބާގެ ޕެއާއިން މޮޅުވީ 21-17 އާއި 21-13 އިންނެވެ.

ސެމީ ފައިނަލުގައި ވަނީ މޮރިޝަސްގެ ޝިއާރާ ހައު ހޮން އާއި އެލްސާ ހައު ހޮން އަތުން ތިން ސެޓު ކުޅެގެން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-19، 18-21 އަދި 21-14 އިންނެވެ.

ފައިނަލުގައި މިއަދު ނަބާ އާއި ނަބީގެ ޕެއާ އިން ކުޅޭނީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނިޓާ ޝޯލްޓްޒްގެ ޕެއާއާ އެވެ.

މިމުބާރާތުގެ ކުރިން ނަބާއާއި ނަބީ ވަނީ ޒެމްބިއާ އާއި ބޮޓްސްވާނާ އިންޓަނޭޝަނަލްގައި ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އަންހެން ޑަބަލްސްއިން ރިހި މެޑަލް ވަނީ ހޯދާފައެވެ.

މީގެއިތުރުން މުބާރާޔުގެ އަންހެން ސިންގަލްސްގެ ސެމީއަށް ނަބާ ވަނީ ދަތުރުކޮށްފައެވެ. ނަމަވެސް ސެމީގައި ކުޅެގެން ނަބާ ވަނީ 21-12، 21-08 އިން ބަލިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު