ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ދެކުނު އޭޝިއާގެ އެކި ހިސާބުތަކުން މަރުވި މީހުންގެ އަދަދު 600 އަށް އުފުލިއްޖެއެވެ.
ތޫފާންތަކުގެ ސަބަބުން ކުރިމަތިވި މޫސުމީ ވިއްސާރައިގެ ބައެއް ސަރަހައްދުތަކަށް ފާއިތުވެދިޔަ އަހަރުތަކުގައި ނުވާ މިންވަރަށް ފެންބޮޑުވެފައިވާއިރު، ފެންބޮޑުވުމުގެ ސަބަބުން އިންޑޮނޭޝިއާ، މެލޭޝިއާ، ތައިލެންޑް އަދި ސްރީލަންކާގައި އެތައް މިލިއަން ބަޔަކަށް ވަނީ އަސަރުކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާއިން 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ތައިލެންޑުން 160 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން މެލޭޝިއާއިން ވެސް އެތައް ބަޔަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އެތައް ބަޔަކު ވަނީ ގެއްލިފައި. ފޮޓޯ/ގެޓީ
ތޫފާން 'ދީތްވާ' ގެ އަސަރު ކުރި ލަންކާއިން 130 އަށް ވުރެ ގިނަ މީހުން މަރުވެ 170 އެއްހާ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މަދުން ނޫނީ ނުފެންނަ ޓްރޮޕިކަލް ތޫފާނެއް ކަމަށްވާ ތޫފާން 'ސެންޔާ' ގެ އަސަރު އިންޑޮނޭޝިއާއަށްކޮށް، ފެންބޮޑުވުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ.
ފެންބޮޑުވި ތައިލޭންޑުގެ 10 ޕްރިވިންސުން 160 އަށް ގިނަ މީހުން މަރުވި ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި 3.8 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކުރިއެވެ.

ތައިލެންޑްގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ހާސްބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުވެފައި. ފޮޓޯ/ގެޓީ
އަވަށްޓެރި މެލޭޝިއާގައި މަރުވި މީހުންގެ އަދަދު ދަށް ނަމަވެސް ލިބުނު ގެއްލުން ބޮޑެވެ.
ފެންބޮޑުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބި، އުތުރުގެ ޕާލިސް ސްޓޭޓްގެ ބައެއް ހިސާބުތައް ފެނު އަޑިއަށް ގޮސްފައިވާއިރު، ދެ މީހަކު މަރުވެ، ދިހަހާސް މީހުންނަށް ހިޔާވަހިކަން ހޯދަން މަޖުބޫރުވިއެވެ.
ލަންކާއަށް ވެސް ފާއިތުވި އަހަރުތަކުގައި ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި މޫސުމީ ކާރިސާއާ ކުރިމަތިލާން ޖެހިފައިވާއިރު، ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ފަނަ ހާހަށްވުރެ ގިނަ ގެއަށް ގެއްލުންވެފައިވާއިރު، ގާތްގަނޑަކަށް 78،000 މީހުންނަށް ވަގުތީ ހިޔާތަކަށް ބަދަލުވާން މަޖުބޫރުވި ކަމަށް އޮފިޝަލުން ބުނެއެވެ. އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުންނަށް ފެނާއި ކަރަންޓުވެސް ނުލިބެއެވެ.

ވިއްސާރައިގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި. ފޮޓޯ/ގެޓީ
މޫސުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ މޫސުން މިހާ ބޮޑަށް ގޯސްވެފައިވަނީ ފިލިޕީންސްގެ ކޮޓޯ ތޫފާނާއި، މަލައްކާ ކަނޑުއޮޅީގައި އުފެދުނު މަދުން ނޫނީ ނުފެންނަ ތޫފާން 'ސެންޔާ' ގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
މި ސަރަހައްދަށް އާންމުކޮށް މޫސުން ގޯސްވެ ވިއްސާރަ ކުރަނީ ޖޫންމަހާއި ސެޕްޓެމްބަރު މަހާއި ދެމެދެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތޫފާނުގެ އުސޫލުތަކަށް ބަދަލު އައިސްފައިވާއިރު، މުއްދަތަށްވެސް ބަދަލު އާދެއެވެ. އޭގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުން، ވަޔާއި ކަނޑުތައްވެސް ގަދަވެއެވެ.
މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.