ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ ޓެެލެތޯނު "ސިލޯނާއެކު ދިވެހިން" ފަށައިފިއެވެ.
މި ޓެލެތޯން ފެށީ މިއަދު ހެނދުނު 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ޓެލެތޯން މިރޭ މެންދަމުން އަލިވެ 01:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މި ޓެލެތޯން ފައްޓަވައިދެއްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދު ވިދާޅުވީ މިއީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތަކީ ލަންކާއާ ދިވެހިންނާ މެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް ދިވެހިން ލަންކާއާއެކު އެއްބައިވަންތަކޮށް ތިބިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ޓެލެތޯނުގައި ސަން ސިޔާމް މީޑިއާއިން ވެސް ބައިވެރިވާއިރު، ޓެލެތޯނުގެ އެންމެހާ އަދާހަމަތައް ސަން އޮންލައިނާއި އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދޭނެއެވެ.
މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލައިފައެވެ. އެގޮތުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް އެ ފުރުސަތު އެބައޮތެވެ.

މި ޓެލެތޯނަށް ލިބޭ ފައިސާގެ އެހީގެ ކަންކަން މެނޭޖުކޮށް ބެލެހެއްޓުމަށް ޓަކައި މިނިވަން އޮޑިޓްފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އާއެކު އެއްބަސްވެފައިވާކަމަށް ވެސް ޕީއެސްއެމުން ވަނީ ބުނެފައެވެ.
މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އޮންލައިން ޓްރާންސްފާ ކޮށްގެން ވެސް އެހީ ފޯރުކޮށްދެވޭނެއެވެ.
'ސިލޯންއާއެކު ދިވެހިން ޓެލެތޯން' އަށް އެހީވެވޭނީ:-
- ރުފިޔާ އެކައުންޓު ނަމްބަރު :7730000796107
- ރުފިޔާ އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން
- ޑޮލަރު އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން
- ޑޮލަރު އެކައުންޓު ނަމްބަރު: 7730000796106
- ޓީވީ ސްކްރީނަށް އަރާ ކިއުއާރްކޯޑު
- ޕީއެސްއެމްގައި ބަހައްޓާފައިވާ ފަންޑް ފޮށި
- މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބަހައްޓާފައިވާ ފަންޑް ފޮށިތައް
ތޫފާން 'ދީތްވާ' ގެ އަސަރު ލަންކާއަށް ވަރަށް ބޮޑަށް ކުރަމުން އަންނައިރު، ތޫފާނުގެ ސަބަބުން ހިނގި އެތައް ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު މިހާރުން ވަނީ 150 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 176 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ލަންކާ ޑިޒާސްޓާ މެނޭޖްމަންޓް (ޑީއެމްސީ)އިން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން 3،000 ގެއަށް ގެއްލުން ލިބިފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ޑީއެމްސީން ބުނީ ކުރިއަށް ދުވަސްތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ އެ ތޫފާން މިހާރު އަންނަނީ އިންޑިއާގެ އުތުރު ތަމިލް ނާޑޫ، ޕުޑުޗެރީ އަދި އަންދްރާ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށާ ކައިރިވަމުންނެވެ. މާދާމާ ހެނދުނުގެ ވަގުތެއްގައި އެ ސަރަހައްދުތަކަށް ތޫފާން އަރާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފައިވެއެވެ.