ތިނަދޫގެ ގެއެއްގައި ހަށިވިއްކި މައްސަލައިގައި ދިވެހި ފިރިހެނަކާއި ތައިލޭންޑު އަންހެނަކު ރޭ ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މައުލޫމާތުގައި ފުލުހުން ބުނީ، ތިނަދޫ ސިޓީގައި ފައިސާއަށް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލޭންޑް އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރީ ބަދުއަޚުލާގީ އަމަލު ހިންގަމުން ދަނިކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލިއިރު، އަންހެން މީހާގެ ބަންދަށް ހަތަރު ދުވަސް ޖަހާފައިވާ ކަމަށް، ކޯޓާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ދޭ މައުލޫމާތަށް ބަލާއިރު، ހަށިވިއްކުމުގެ މައްސަލަތަކުގައި އާންމުކޮށް ހައްޔަރުކުރަނީ ބިދޭސީ އަންހެނުންނެވެ. އެގޮތުން މިމަހުގެ 19ވަނަ ދުވަހު ބިދޭސީ ތިން އަންހެނުންނާއި ދިވެހި ފިރިހެނަކު ހައްޔަރުކުރިއިރު، ދިވެހި މީހާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. އަދި ތިން އަންހެނުންގެ ބަންދަށް ޖެހީ 30 ދުވަހެވެ.