"އީމާންކަން ބަލިކަށިކޮށްލާ ސަބަބު ތެރޭގައި ބޭކާރު އަނގަތެޅުން، އެހެން މީހުންގެ ދިރިއުޅުމާއި ތިމާގެ ދިރިއުޅުން އަޅާކިޔުން، އަޅުކަމުގެ ވަގުތު ލަސްކުރުން އަދި ތިމާގެ ނަފުސްގެ ހާލަތާއިމެދު އަޅާނުލުން ހިމެނެއެވެ."

***

އާރިކްއާއި މުރުތަސިމް އެތައް އިރެއްވާންދެން އެކޮޓަރީގައި ވާހަކަދައްކަން ތިބެފައި ނުކުމެވުނީ އަހެދްގެ ކުރިމައްޗަށެވެ. މުރުތަސިމްއާއި ދެމީހުން މުޑިއެރިގޮތަށް އަހެދްއަށް ހިމާޔަތް ލިބުނީވެސް އޭނަގެ އަތުތެރެއިންނެވެ. ނޫންނަމަ ހަށިގަނޑު ސަމާލުނުވެ ބިމުގައި ޖެހުނީހެވެ.

"އަހެދް.....މިތާ؟"އޭނަ ސިހުނެވެ.

"އާނ...އާންޓް އެޑްމިޓްކޮށްފައި އޮތީ؟"އެހްދްއަށް އާރިކްއާއި ދިމާލަށް ބެލުނީ ސުވާލުގެ ނަޒަރަކުންނެވެ. ހައިރާންވިކަހަލައެވެ. އެއާއެކު އަވަހަށް ފަހަތަށް ޖެހިލަމުން އެދޭތެރޭގައި ފުދޭވަރެއްގެ ދުރުމިނެއް ބެހެއްޓިއެވެ. އާރިކްވެސް އެތަނުން ދުރަށް ދާން ހިނގައިގަތީ އޭނައާއި ގުޅުމެއްނެތް ކަމެއްގެ ތެރެއަށް ވަންނަން ބޭނުންނުވާތީއެވެ.

މުރުތަސިމްގެ މެޔަށް ބާރުވެލިގޮތުން އަވަހަށް ފާރުގައި އަތް ޖައްސައިލެވުނެވެ. މިހުރިހާ ދުވަހެއްކޮށްފައި ހަމަ މިއަދު މިތަނުން ދިމާވާންވީ ކީއްވެހެއްޔެވެ؟ އޭނަގެ ދުނިޔެވެސް ފުނޑުފުނޑުވެގެން ފައިބަން ފެށުމުން ސަލާމަތުގެ އައްސޭރިއެއް ހޯދަން އުޅެނިކޮށެވެ. އަހްދެގެ އެ ހަމަޖެހުން އޭނަގެ ގައިގާ ޖެހިގަތީ ރާޅެއްހެންނެވެ. ކުރިއާއި އެއްވެސް ތަފާތެއްނެތެވެ. ހަމަ އެ ކަރާމާތާއި ގަދަރުވެރިކަމާއި ހިތްތިރިކަން އަދި މަޑުމައިތިރިކަން އެކުވެފައިވާ ނާދިރު ޖަވާހިރެއްފަދައެވެ. އޭނަގެ މަންމަ އަބަދުވެސް ލޯބިކުރީ އެފަދަ އަންހެންކުދިންނަށެވެ. އޭނަވެސްމެއެވެ. ތަންކޮޅެއް މޮޔައީއެވެ. ލޮލުގައި ކެހިވެރި އަނދުނެއް އެޅުމުން ސާފުކޮށް ބޮޑު މަންޒަރު ނުފެނުނީއެވެ.

އޭނައަށް އެހްދެ ގެއްލުނީއެވެ.

އޭނަގެ ލޮލުން ދިލަނަގަންފެށިއެވެ. މަންމަ ވަކިވުމަށްފަހު މިގޮތަށް އަހެދް ފެނުމާއި، އޭނައާއި އެލީޒީގެ ވަކިވުން އަދި އަމިއްލަ ނަފުސްގެ ލަގަން އަތުން ދޫވެގެން ދިޔުން ވެގެން ދިޔައީ ކުށުގެ އިހުސާސަށް ހުށަހެޅިކަންތައްތަކަށެވެ.

"މުރުތަސިމް...އާ ޔޫ އޯލްރައިޓް؟"

އާދައިގެ ސުވާލެކެވެ. ނަމަވެސް އޭނަގެ ރޫހުވެސް ރޫރޫ އަޅައިގަތެވެ.

"ނޫން...އަހަންނަށް އަދިވެސް މަންމަގެ....އަހަރެން ބުނަން ނުވާއެއްޗެހި ބުނެވުނީ...އަހަންނަށް ހީވާގޮތުން މަންމަ ދުނިޔެއާއި ވަކިވެގެން ދިޔައީ އަހަންނަށް މާފުނުދީ..އަދި މިތަނުން އަހެދް ފެނުމުން..އަހަންނަށް ރިމައިންޑްކޮށްދިނީ އަހަރެން ބަރުބާދުކޮށްލި ހުރިހާ އެއްޗެއް..."

"ނޫން..މުރުތަސިމްގެ މަންމަ ދަރިންދެކެ ވަރަށް ލޯބިވި...ކޮންމެ ދުވަހަކު ހެޔޮ ދުޢާކުރޭ....މަންމަގެ ހިތަކީ ތަފާތު އެއްޗެއް... ދަރިއަކު އެކަމަށް ނޭދެނީސް މާފުކުރާނެ...."

އޭނައަށް ލޯ މަރައިލެވުނެވެ. އަހެދްގެ އަޑުވެސް ޝިފާއެއްފަދައެވެ. ހިތުގައި ބީހިލިއެވެ. އެހާ ނުރައްކާތެރިވެސް މެއެވެ. ހިތަށް ތަސައްލީއެއް ނުލިބި ކުށުގެ އިހުސާސްތަކުގެ ތެރެއަށް ވުޖޫދު ގެނބުނެވެ.

"އަހެދްއަށް މަންމަގެ އިހުސާސްތައް ދެނެގަނެވޭ...އަހަންނަށްވުރެ ބޮޑަށް...މަންމަ ބޭނުންވީ އަހަންނާއެކު އަހެދްފަދަ ބައިވެރިޔަކު ހުންނަން. އެކަމަކު މަންމަދެކެ އެއްވެސް ވަރަކަށާް އެހިތުގައި ލޯތްބާއި ކުލުނެއް ނެތް މީހަކަށްޓަކާ އަހެދް ދުރަށް ކޮށްޕައިލެވުނީ....ނުބައި މީހެއްފެ ފަޅިއަށް އެރުނީ...މިހާރު އޭނަ ހިނގައްޖެ.."

އޭނަގެ ހިތް ބަންޑުންކޮށް ހިތަށް ހަމަޖެހުމެއް ލިބެންދެން އަހެދް ހިމޭންކަން ޚިޔާރުކުރިއެވެ.

އޭނަގެ ލޮލުން ކަރުނަތިކިތައް ތިރިއަށް ދެމިގަތެވެ."އަހަރެން ހިތަށް އަރާ އަނބުރާ މާޒީއަށް ދެވޭނެނަމައޭ..ހަމަ އެންމެ ފުރުސަތެއް.. ސޮރީއޭ ބުނަން..."

"މުރުތަސިމް..."އަހްދެގެ އަޑުގައި ވީ މަޑުމައިތިރިކަމެވެ."އެއީ މުރުތަސިމްގެ ކުށެއްނޫން..ގްރީފް ހުރިހާކަމެއް އަނބުރައިލަން މަސައްކަތްކުރާނެ. އެކަމަކުވެސް އޭގެ ސަބަބުން ތިމާ ހަލާކުވެގެން ދިޔަ ނުދީ.."

އަހެދްގެ ހިތްހެޔޮކަން އޭނަގެ ހިތަށް އަޖައިބެއްފަދަ އަސަރެއްކުރުވިއެވެ. އޭނަ ބޯއެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިނަމަވެސް އެތެރެ އެތެރެއިން އޭނަ ހަމަ ހުރިތަނަށް ތަންޑާވެގެން ދެމިދާނެފަދަ ނުބައިގޮތެއްވިއެވެ. އޭނަގެ މަންމަގެ ހޮވުން ކަމުގައި ވި އަންހެންކުއްޖާާ އަދި އޭނަގެ ހަލާކުވެފައިވާ ސިކުނޑިއަށް ފަރުވާ ހޯދަން އައި ފުރަތަމަ ދުވަހު މިގޮތަށް ފެނިލުމުން ހުރިހާ އެއްޗެއް ނަގައިގަންނަން ނުކުޅެދުނެވެ.

ޖަނާޒާއަށް ފަހު އޭނައަށް އިހުސާސްވީ ރާސްތާ ގެއްލި ބިކަވެފައިވާކަމެވެ. ނިކަމެތިކަމުގެ ހައްދެއްނެތެވެ. އެދެމީހުންގެ ދޭތެރެއަށްވެރިވި ހިމޭންކަން ފުންވަމުން ދިޔައެވެ. އެގޮތަށް ކަރުނަ އޮއްސުމުން ކަޑަވެ ލަދުވެތިކަމަށްވިއެވެ. އޭނަ ހަމަ އެހާ ފިޑި މީހަކީހެއްޔެވެ؟

"އަހަރެން ދަނީ...." އޭނަ އަނެއް ފަރާތަށް އެނބުރުނެވެ.

"ﷲ ހާފިޒު..."އަހެދްގެ ޖަވާބު އައެވެ.

ތަންކޮޅަކަށް ގޮސްފައި އެނބުރި ބަލައިލިއިރު އަހެދް އެހުރި ތަނުގައި މަޑުކޮށްލައިގެން ހުރެ އޭނަ ދާ މަންޒަރު ބަލަނީއެވެ. އެލީޒީއާއި ކިހާ ތަފާތުހެއްޔެވެ؟ ދެއްކުންތެރިކަމެއްނެތެވެ. އަޑުމަށެވެ. ކަމަކަށް ބޭނުންވެގެން އުދަގުލެއްނުކުރެއެވެ. ހިމޭންކަމާއި ސާދާކަން އަދި ހިތްހެޔޮކަން އެކުވެފައެވެ.

"އަހެދްއަކީ ހަމަ ލެއްވި ރަހުމަތެއް.އެކުއްޖާ އަތުން ބީވިޔަނުދައްޗޭ..." މަންމަގެ އަޑު އޭނަގެ ހަނދާނުގައި ގުގުމައިލިއެވެ.

މަންމަ އެހެން ބުނިކަމުގައިވިޔަސް އަހެދް ގެއްލުނީއެވެ.

އެކުށް އޭނަގެ އެތެރެހަށީގައި ވަކިއަޅަންފެށުމުން ހާސްވެ ނޭވާ ހިނގަން ދަތިވިއެވެ. އެހަނދާންތައް އޭނަ ޗިސްކޮށްލުމުގެ ކުރިން އަވަހަށް ކާރަށް އަރާ ދޮރު ލައްޕާލައިފއެވެ،

***

އަލާނާ އަށް އާރިކް އޭނައާއި ދުރުހެލިވާން މަސައްކަތްކުރާކަން އެނގުމުން ހައިރާންކަމެއްލިބުނެވެ. ކުރިންވެސް އެދޭތެރޭގައި އޮތީ ހަމައެކަނި އެކީ މަސައްކަތްކުރާ މުވައްޒަފުންގެ އޮންނަ ގުޅުމެވެ. ނަމަވެސް މިހާރު އެގުޅުންވެސް އެއްކޮށް ކެނޑި ނަމެއް ދޭންވެސް ނޭގޭފަދަ ފާރެއް އެދެމެދުގައި ރޭނި އުސްވާންފަށައިފިއެވެ. ގަލަކަށްފަހު ގަލެކެވެ. އާރިކްގެ ސީރިޔަސްކަމާއި އަނގައިން ނުބުނެ ދުރުވާންފެށުމުން އަލާނާއަށް އެކަމުން ވިސްނައިގަންނަންވީ އެއްޗެއް ނޭގުނަސް އަހެދްއާއި ބާބިލްއާއި އެކަމުގައި ގުޅުމެއް އޮވެދާނެކަމުގައި ހީކުރެވުނެވެ. އާރިކްގެ ދިރިއުޅުމަށް ބޭނުންވާފަދަ އަންހެންކުދިންތަކެއް ފެނުމުން އޭނައާއި އަނގައިން ބުނަންވެސް ބޭނުންނުވީހެއްޔެވެ؟

އާރިކް ކެފޭގައި އާއްމުކޮށް އިންނަ އެކަހެރި މޭޒުކައިރީގައި ކޮފީއެއް ބޯން އިނެވެ. އަތުގައި ފޯނު ނެތްކަމީވެސް އަޖައިބެކެވެ. މިފަހަކަށް އައިސް އާރިކްއާއި ފޯނުވެސް ބޮޑު އަރައިރުމެއްގައި އުޅެނީހެން ހީވާވަރަށް ފޯނާއިވެސް ދުރެވެ.

އަލާނާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ކުރިމަތީގައި ހުރި ކޮފީތަށީގެ އާވި ނޭފަތުގައި ޖެހުމުން ސިކުނޑިއަށް ދިރުން ލިބުނެވެ. ކޮފީވެސް އޭނައަށް ހަމްދަރުދީވެ އޭނައަށް އެހީތެރިވެދިންފަދައެވެ.

"ކިހިނެއްވީ އާރިކް؟ ރުޅިއަޔަސް އެންމެ ރަގަޅު އެކަމަަކު ވީގޮތެއް ބުނެލަންވާނެ..އަނެއްކާ މަށަށް ނުބައިގޮތަކަށް ނޭވާއެއް ލެވުނީތަ؟ބުނީމަ ދޯ އެނގޭނީ........."

"ރުޅިއައިކަން އެނގުނިއްޔާ ސަބަބުވެސް އެނގެންވާނެ ދޯ.."އާރިކް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ.

އަނެއްކާ މަންމައާއި ދޮންބައްޕަގެ ސިއްރު ރޭވުމުގެ ޚަބަރު އެނގުނީހެއްޔެވެ؟ އޭނައާއި އާރިކް ގުޅިއްޖެއްޔާ އެންމެންގެ ދިރިއުޅުން ހަމަޔަކަށް އެޅިދާނެކަމަށް ފުރުގާން ގަބޫލުކުރެއެވެ. އަމިއްލަ ދަރިފުޅުގެ ލޯތްބާއި ގާތްކަން ހޯދެން އޮތް ވަސީލަތަކީ އަލާނާއެވެ. ހަގީގަތުގައި އެކަމުގައި އޭނަގެ ކުށެއްނެތެވެ.

"އާރިކް.އަހަރެން ވަރަށް ޑައިރެކްޓްކޮށް ބުނެލާނަން...ފޮރުވާކަށް ބޭނުމެއްނޫން...ސަބަބަކީ އަހަންނަށް ވިސްނޭގޮތުގައި އެއްވެސް ގުޅުމެއްގެ ބިންގާ ކަތްޗަކަށް އެޅިއްޖެއްޔާ އެ ގުޅުން ދުވަސްކޮޅަކަށް ދެމިގެންދާނީ..ދޮގެއްގެ މައްޗަށް މި ގުޅުން ބިނާކުރަން ބޭނުމެއްނޫން..އާރިކްއަށް އެނގުނީ ރަގަޅަކަށް ނޫން....ފުރުގާންއަކީ މަގޭ ދޮންބައްޕަ.. ޑޭޑް އޭ އަހަރެން ކިޔަނީ.......އާރިކްގެ އާއިލާ ރޫޅިގެން ދިޔައީ މަންމަގެ ސަބަބުން ކަމަށްވަންޏާ މާފަށް އެދެން...."

އޭނަގެ އިއުތިރާފުން އާރިކްއަށް ހައިރާންކަމެއް ނުލިބުނެވެ. އެ ސިއްރުއޮތީ ހާމަވެފައެވެ.

"ޑޭޑްގެ ރިކުއެސްޓަކަށްވީ އަހަންނާއި އާރިކް މެރީކުރުން..."

އާރިކް ސިއްސައިގެން ދިޔަވަރުން ކޮށިނޭރީ ކިރިޔާއެވެ. އެއީ އާ ޚަބަރެކެވެ.

"ވަޓް؟ ކައިވެންޏޭ؟ތީ ޖޯކެއްނު.."

"ގަރުނުގެ ބޮޑު ޖޯކު ދޯ....އާނ ޑޭޑް ބޭނުންވީ އަހަރެމެންގެ ކައިވެނީގެ ސަބަބުން ޑޭޑްއާއި އާރިކްގެ ގުޅުން ރަގަޅުކުރަން. ހުރި އެންމެ ދަރި ވީމަ ބޭނުންވަނީކަން ނޭގޭ...ދުލުން ނުބުންޏަސް ހަމަ ލޯބިވާނެ..އާރިކް...އަހަރެން އަބަދުވެސް އާރިކްދެކެ ލައިކްވޭ..ކޮންމެހެން މަންމަ އެވާހަކަދައްކައިގެނެއް ވެސް ނޫން...އެކަމަކު ފަހުން ވިސްނުނު ހަގީގަތް އެނގުނީމަ އާރިކް ރުޅިއަންނާނެއޭ. އެހެން ދޯ މިވީ.އަހަރެންގެ ކުށެއްނެތް...ޓްރަސްޓްމީ އާރިކް...އެއްގޮތަކަށްވެސް މަންމަމެންގެ މަގުސަދު ފުރިހަމަކޮށްދޭކަށް ނޫން އާރިކް ދެކެ ލައިކްވީ....ޔޯ އެޓިޓިއުޑް ކައިންޑްނެސް އަދި އަންހެނުންނަށް ކުރާ ގަދަރުވެސް އަޅައިގަންނަކަމަކަށްވީ........"އޭނަގެ ހިތުގައިވާހާ އެއްޗެއް ކިޔައިލަދޭން ބޭނުންވިއެވެ. ނަމަވެސް ތަންކޮޅެއް އަވަހެވެ.

"ކީއްވެ އަނގައިން ނުބުނެ ތިއިނީ؟"އަލާނާއަށް އުދަގޫވިއެވެ. ހިމޭންކަމަކީވެސް އަދަބެކެވެ. ވައްތަރެއްގެ އަޒާބެއް ނޫންހެއްޔެވެ؟ ޔަގީނުންވެސް އޭނަގެ ހިތަށް ތަދުވެއްޖެއެވެ.

"ކީކޭ ބުނަންވީ؟"

"އަލާނާގެ ޑޭޑްފަދައިން ކައިވެންޏަކީވެސް ކުޅޭ އެއްޗެއްކަމަށް ހީކުރަންވީ އޭ ބުންޏަސް ރަގަޅު.....އެކަހަލަ ގޮތަކަށް ސިކުނޑިން ވިސްނާނީ..އަހަންނަށް އެނގޭ ކިތަންމެ ޑޭޑް ދެކެ ނަފްރަތުކުރިޔަސް އެކަމެއް ނުދައްކާ...ކީއްވެ؟ އެވާހަކަތައް ހިއްސާކުރުމުން ހީލްވާނީ..ސައިކޭޓްރިސްޓަކަށްވީމަ އެނގޭނެ..."އަލާނާވެސް މަސައްކަތްކުރީ އާރިކްގެ މޫނަށް ނުބެލުމަށެވެ. އާރިކްފަދައިންނެވެ.

އެއީވެސް އޭނަގެ ހިތް އާރިކްއަށް ފިދާވާ އެއް ސަބަބެވެ. އަލާނާއާއި ދިމާލަށް އެކަންޏެއްނޫނެވެ. އެހެން އަންހެންކުއްޖަކަށްވެސް ޝައުގުވެރި ނަޒަރު ހުއްޓުނުތަނެއް ނުދެކެއެވެ.

"އަހަރެން ދާންވެއްޖެ...."އާރިކް ގަޑި ބަލައިލިއެވެ.

"ރޭގަ ބެލިން ލެކްޗާއެއް...ރޭގަނޑު އަވަހަށް ނިދާފައި އަވަހަށް ތެދުވުގައި ހުރި ބަރަކާތުގެ ވާހަކަ ކިޔާދީފައި ހުރިލެއް ވަރަށް ސަޅި...އީމާންކަން މިހާރު ވިއްސަށް އަރައިފި..އެވަރު ރަގަޅުތަ؟ގައިޑެންސް ލިބޭނެއްނު......."

"އަލާނާ.......އައިމް ސޮރީ...އަހަރެންނޫން ތި ކަންތައް ޖަޖްކުރާނީ. އަދި އަޅުވެރިވާންޖެހޭނީ ވަކި މީހަކަށްޓަކައެއްނޫން....ފުރަތަމަ ނިޔަތް ރަގަޅުކުރަންވީ..ނުބައި ނިޔަތެއްގައި ކުރާ އެއްވެސް ކަމެއްގެ ނަތީޖާ ރަގަޅެއްނުވާނެ. ހިދާޔަތަކީވެސް އެހެން އިންސާނަކަށް ދެވޭނެ އެއްޗެއްނޫން...އެހެންވީމަ ދެއްވާ ފަރާތާއި އޮތް ގުޅުން ރަގަޅުކުރޭ..."އާރިކް ތެދުވުނެވެ.

އަލާނާގެ ނަޒަރު ފޯނަށް ހުއްޓުނެވެ. އެބުނި ޖުމްލަތަކާއިމެދު ވިސްނުމުން ދެރަވާންވީ ސަބަބެއް ނޭގުނެވެ. އާރިކް ބުނީ ހަގީގަތެވެ. ދެރަވަނީ އާރިކްގެ ސިއްރުވެރިކަމުންނެވެ. އެހިތާއި ސިކުނޑީގައި ހިނގާ އެއްވެސްކަމެއް އެއްވެސް އިންސާނަކަށް އެނގޭނެހެން ހިޔެއްނުވެއެވެ. ދުނިޔޭގައި ހުރި އެންމެ ސިއްރުވެރި އިންސާނާގެ ލަގަބު އޭނައަށް ލިބޭނެއެވެ.

***

ފުރުގާން ހޮސްޕިޓަލަށް ވަދެގެން އައިއިރު އޭނަގެ ހަށިފާރަވެރިޔާވެސް އެކީގައި އައެވެ. މުޅި ހޮސްޕިޓަލް ތެރޭގައި އަގުބޮޑު ވަހެއް ހިފައިލިއެވެ. އެންމެ ރުލެއްވެސް ނެތް ސޫޓާއެކު އިސްތަށިގަނޑު އޮމާންކޮށްފައިވަނީ ޝަޚުސިއްޔަތުގެ ވަރުގަދަކަން އަންގައިދޭފަދަގޮތަކަށެވެ. އަތުގައި އޮތް ގަޑީގައި ފަސް އެމްއާރުއައި މެޝިނުގެ އަގު ހުންނާނެއެވެ. އޭނަގެ މިސްރާބުހުރީ ސީދާ އާރިކްގެ ކެބިންއަށެވެ. ހުއްދަ ހޯދުމެއްނެތި އެތެރެއަށް ވަނެވެ.

"ޢާރިކް...."ފުރުގާންގެ އަޑުގައިވީ ރުޅިވެރިކަމެވެ.

ކޮމްޕިއުޓަރ ކައިރީގައި މަސައްކަތަކަށް ގެއްލިފައި އިނދެ ހޭވެރިކަންވީ އޭނަގެ ބައްޕަގެ ނުރައްކާތެރި ދެލޯ ފެނުމުންނެވެ. ބޮޑުކަމެއްވެއްޖެކަން ދެނެގަންނަން އެ ނަޒަރު ފުދެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު