ރާއްޖެއިން ލަންކާއަށް ބައި ލައްކަ ޑޮލަރާއި 25،000 މަސްދަޅުގެ ކޭސް ހަދިޔާކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 56 މީހުން ވަނީ މަރުވެފައި. ފޮޓޯ/ގެޓީ

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅުގެ ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ މި ނިންމުމަކީ، "ޑިޓްވާ" ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެ ވުޒާރާއިން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން، މި އެހީތެރިކަމުން ރަމްޒުކޮށްދޭ ކަމަށެވެ.

މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.

އަދި ދެ ހައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުން މިފަދަ އެހީތެރިކަމުން ދައްކުވައިދޭ ކަމަށް ވެސް ދިވެހި ސަރުކާރުން ބުންޏެވެ.

މިދިޔަ ހަފުތާއިން ފެށިގެން ލަންކާއަށް މޫސުން ގޯސްވެ، ބުރާސްފަތި ދުވަހު ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުން ގެތަކާއި ދަނޑުތަކާއި މަގުތަކުގައި ފެންބޮޑުވިއެވެ. ވެރިރަށް ކޮލަމްބޯގެ އިރުމަތީގައި ގާތްގަނޑަކަށް 300 ކިލޯމީޓަރު (186 މޭލު) ދުރުގައި އޮންނަ ބަދޫލާއާއި ނޫވާރާ އެލިޔާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އިއްޔެ 25 މީހުން ވަނީ މަރުވެފައެވެ.

ފަހުގެ ތާރީޚެއްގައި ލަންކާއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މޫސުމީ މި ކާރިސާގައި މަރުވި މީހުންގެ އަދަދު 69 އަށްވުރެން މައްޗަށް އަރާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް މިހާރު ވިއްސާރަ ކުރަމުންދަނީ ވަރަށް ބޮޑަށެވެ.

https://sun.mv/214580

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އަދި ބޭސްފަރުވާއަށާއި ކިޔެވުމަށާއި ޗުއްޓީ ހޭދަކުރަން ވެސް ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމެކެވެ. އެ ގައުމަށް ގައުމުގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން އިއްޔެ ރިޕޯޓުކޮށްފައިވެއެވެ. އެ މީހުން ތިބީ ސަލާމަތުން ކަމަށާއި، އެ މީހުން ތިބީ ލަންކާ މީހެއްގެ ގޭގައިކަން ފަހުން ވަނީ ކަށަވަރުވެފައެވެ.

އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުންޏެވެ.

comment ކޮމެންޓް