ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން ސޮއިކޮށްފައިވާ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ނާގްޒިއްލާ"އަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު ރިގްދީޕް ސިންގް ލާމްބާ އަދި ޕްރޮޑިއުސަރު މަހާވީރު ޖެއިންގެ އިތުރު ފިލްމެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން މި ފިލްމަކީ މަޝްހޫރު ކޮމެޑީ ފިލްމު "މުންނާ ބާއި" ސްޓައިލަށް ގެނެސްދޭ، އެ ކޮމެޑީ ކޮންސެޕްޓަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ ކާތިކްގެ ކުރިއަށް އޮތް ފިލްމު "ނާގްޒިއްލާ"ގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ.
ފިލްމު "ނާގްޒިއްލާ"ގައި ކާތިކްއާ އެކު މަސައްކަތްކުރަމުން އަންނަ ރިގްދީޕް އާއި މަހާވީރުއަށް އެކްޓަރުގެ މަސައްކަތް ވަރަށް ކަމުގޮސްފައިވާ ކަމަށާއި އެއީ އެކީގައި ގިނަ ފިލްމުތަކެއް އުފެއްދިދާނެ އެކްޓަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ނާގްޒިއްލާ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ކާތިކް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދަރުމާގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"އިންނެވެ. ބަތަލާ އަނަނިޔާ ޕާންޑޭއާ އެކު ކާތިކް ލީޑް ރޯލްއިން ފެންނާނެ މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ގެންނާނީ މި ފެށޭ ޑިސެމްބަރު މަހުގެ 25ގައެވެ.
ކާތިކްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ޑައިރެކްޓަރު އަނޫރާގް ބާސޫ އުފައްދާ ލޯބީގެ ފިލްމެއް ވެސް ހިމެނެއެވެ. މި ފިލްމުގައި ކާތިކްއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ އެކްޓަރާ އެކު ލޯބީގެ ގުޅުމެއް އޮތްކަމަށް ބުނަމުން އަންނަ ސައުތު ބަތަލާ ސްރީލީލާއެވެ.