ރަންވީރުގެ ފިލްމު 'ދުރަންދާރު'އަށް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެއްޖެ

ފިލްމު "ދުރަންދާރު"ގެ ޑައިރެކްޓަރު އަދިތިޔަ އަދި އެކްޓަރު ރަންވީރު ސިން--ފޮޓޯ/ބޮލީވުޑްހަންގާމާ

ކުރިއަށް އޮތް ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް އެކްޓަރު ރަންވީރު ސިންގްގެ ފިލްމު "ދުރަންދާރު"އަށް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

ނިއުދިއްލީ ހައި ކޯޓަށް ފިލްމާ ގުޅޭ މައްސަލައެއް ހުށަހަޅާފައި ވަނީ، އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރު މޭޖަ މޯހިތު ޝަރުމާގެ އާއިލާއިންނެވެ.

ދިއްލީ ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ތަފުސީލުގައި ބުނެފައިވާ ގޮތުގައި ފިލްމު "ދުރަންދާރު"ގައި، މަރުވެފައިވާ މޭޖަ މޯހިތު ޝަރުމާގެ އަސްކަރީ ހަޔާތުގެ ވަރަށް ގިނަ ހާދިސާތައް ވަނީ ހިމަނާފައެވެ.

އެ ހާދިސާތައް ގެނެސްދީފައި ވަނީ އާއިލާގެ ހުއްދަ ނުހޯދާ ކަމަށާއި އެހެންވެ ފިލްމުގެ ޑައިރެކްޓަރު އަދިތިޔަ ދާރުގެ އިތުރުން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމާ މެދު ފިޔަވަޅު އަޅައި ފިލްމު ރިލީޒްކުރުން ހުއްޓުވައިދިނުމަށް އާއިލާއިން ވަނީ ކޯޓުގައި އެދިފައެވެ.

އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރު މޭޖަ މޯހިތު ޝަރުމާ އަދި ފިލްމުގެ ލީޑް އެކްޓަރު ރަންވީރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި "ދުރަންދާރު"ގެ ޑައިރެކްޓަރު އަދިތިޔަ ދާރު ބުނެފައި ވަނީ އެ ފިލްމަކީ މޭޖަ މޯހިތު ޝަރުމާގެ ހަޔާތާ އެއްވެސް ގުޅުމެއް ހުރި ފިލްމެއް ނޫން ކަމަށެވެ.

އެކަން ރަސްމީކޮށް އިއުލާނު ކުރަމުން އަދިތިޔަ ބުނެފައި ވަނީ މޯހިތު ޝަރުމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބައޮޕިކްއެއް އުފައްދާނަމަ އާއިލާގެ ރުހުން އެކަމުގައި ހޯދާނެ ކަމަށެވެ.

އިންޑިއާގެ އެއްވެސް އަސްކަރީ އޮފިސަރެއްގެ ވާހަކަ އާއިލާގެ ރުހުމާއި ހުއްދަ ނެތި އަދިތިޔަގެ ފިލްމެއްގައި މިހާތަނަށް ގެނެސްދީފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އަމަލުކުރާނީ އެގޮތަށް ކަމަށް ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ހަމައެއާއެކު އަސްކަރީ އޮފިސަރުންގެ ވާހަކަ ގެނެސްދޭނީ އެ އޮފިސަރުން ޤައުމަށް ވެދިން ގުރުބާނީގެ އަގުވަޒަންކޮށް އިޙުތިރާމާ އެކު ކަމަށް ވެސް އަދިތިޔަ ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭގޮތުން ދިއްލީ ހައިކޯޓުގެ އަޑުއެހުންތައް އަންނަ ހަފުތާގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. ފިލްމު "ދުރަންދާރު" ސިނަމާތަކަށް ގެންނާނީ އަންނަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

comment ކޮމެންޓް