"ހިތްވަރުގަދަކަމާއި، ރަގަޅު އަޚުލާގު، ތަގުވާވެރިކަމަކީވެސް ރަހުމަތެކެވެ. ﷲތައާލާއަށް ތަވައްކަލު ކޮށް ކެތްތެރިވެ ގަދައަޅާ މަސައްކަތްކުރުމުން ދުނިޔެ ތިބާގެ ފަހަތުން އަންނާނެއެވެ. އަދި ﷲ ތައާލާ ދެއްވި މިންވަރާއިމެދު ހިތްހަމަޖެހި ޝުކުރުކުރާނެއެވެ."

***

"ކޮއްކޮއަކަށް ވީ އެހެންވެތަ؟"އާރިކްއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ. ނިގާބު އަޅައިގެން ހުރި ކުއްޖަކު އެހާ ފަސޭހައިން ހިލޭ ފިރިހެނެއްގެ ކައިރީ މޫނުބުރުގާ ނަގާފާނެކަމަށް ގަބޫލުކުރަން އުދަގޫވީއެވެ. ނޫނީ އެއީ އެހެން މަގުސަދެއްގައި މޫނު ބުރުގާ އަޅަނީއެވެ.

"ދޮންބެ ކިޔަސް އޯކޭތަ؟"

ގަމަރިއްޔާ އިނީ އުފާވެރިކަމާއެކު ދެބެންގެ ވާހަކަތައް އަޑުއަހައިގެން ހިނިތުންވެލައިގެންނެވެ.

ކެއުމަށްފަހު ބާބިލް ބެލްކަންޏަށް ނިކުތުމާއެކު ޖޭސްމިން މަލުގެ ވަސް އެކުލެވޭ ފިނި ވައިރޯޅިތައް އޭނަގެ މޫނުގައި ބީހިލިއެވެ. ދުރުދުރަށްދާންދެން ފެންނަނީ އެކި އިމާރާތްތަކުގެ އަލިތަކެވެ. އޭނަ ކޮފީތަށިން އެތިފޮދެއް ބޯލުމުން ސިކުނޑި އިތުރަށް ތާޒާވިއެވެ.

"ބާބިލް..."

އާރިކް ގޮވައިލުމުން އޭނަ ބަލައިލީ ހިނިތުންވެލަމުންނެވެ.

"އަހަންނަށް އެނގޭ..."

"ތިބުނީ....."

"އަހަންނަށް އެނގޭ ތިއީ ކޮއްކޮއެއްކަން..މިބުނީ މަންމަގެ ދަރިއެއްކަން..."

ބާބިލް އެކަމާއި ދެކޮޅެއްނަހަދައެވެ. އެސްފިޔަ ޖަހައިލީއެވެ. އެއާއެކު ލޯ ތެމި އަޑަށް މޮޅިވެރިކަމެއް އައެވެ." ނުބުނާކަށް ނޫން...ރަގަޅު ފުރުސަތަކަށް ބަލަބަލާ ހުރީ...ކިރުގެ ގޮތުން އުޚުތެކޭ މާމަ ބުނީވެސް ކުއްލިއަކަށް އެފަދަ ސަޕްރައިޒެއް ނުދޭންވެގެން.. އަނެއްކާ ހިތަށް އެރީ އަހަރެންދެކެ ރުޅިއަންނާނެއޭ..."

"ނޫން..ރުޅިއެއްނާދޭ..ހީވީ...ހަމަ ދެވަނަފަހަރަށްވެސް ގެއްލިދާނެހެން.......ފުރަތަމަ ކުޑައިރު...ދެން މިހާރު އަނެއްކާ...."

"އިތުރަށް ހަމަޖެހުން ގެއްލިދާނެހެން ހީވާތީ......."

ފުން ހިމޭންކަމެއްގެ ދިގުދެމިގެން ދިޔައެވެ."ނޫން ހަމަޖެހުން ގެއްލުވައިލީ ބާބިލްއެއްނޫން...އޭނަ.."

އެދެބެން ހިއްސާކޮށްލީ ހިމޭން ވަގުތުކޮޅެކެވެ. ތަދާއި ލޯބި އަދި ހިމޭން ރޭގަނޑުވެސް މެއެވެ.

އާރިކް އޭނަގެ ކޮއްކޮގެ މާޒީ ދެނެގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނަ އަވަސް އަރުވައިގަނެ ސުވާލުކުރަން ބޭނުންނުވީއެވެ. ބާބިލް އަމިއްލައަށް މާޒީ ކިޔައިދޭނެ ދުވަހަކަށް އޭނަ އިންތިޒާރުކުރާނެއެވެ. އާއިލާގެ އެންމެނާއި ދުރުން އެކުއްޖާ އުޅުނީ ކޮން ހާލެއްގައި ކަމެއްވެސް ނޭގެއެވެ.ކޮންމެފަދަ ދިރިއުޅުމެއް ވޭތުކުރިނަމަވެސް ބާބިލް އުޅެބޮޑުވީ އިސްލާމީ މާހައުލެއްގައި ކަން ޔަގީނެވެ. މަންމަފަދައިން އަނދިރި ކޮއްކޮ އަނދިރި މަގެއް ޚިޔާރުނުކުރީތީ އޭނަ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.

***

ހޮސްޕިޓަލގައި ތެރަޕީ ސެޝަނެއް ކުރިއަށް ދިޔައެވެ. ބަލިމީހުން އަމިއްލަ އިހުސާސްތައް އެންމެނާއިއެކު ހިއްސާކުރިއެވެ. އެތަނުގައި އުއްބައްތިތައް ދިއްލާ އަޅާފައިވިއެވެ. ކުއްލިއަކަށް އެތަނަށް ހައިޖާނެއް އައެވެ. ނިކްސަން ތުނބުން ވޭޕް ގަލަމެއް ހިައިގެން އައީ އެސޮރަށް ލިބިފައިވާ ވާދަވެރިކަމުގެ ތަށްޓެއްހެންނެވެ. އެންމެން ގަނޑުވިއެވެ

ޖެނީފާވެސް ވަށްބޮޅުގެ ތެރޭގައި ހުރި ގޮނޑިއެއްގައި ރަނިކަން ކުރަން އިނދެފައި ލޯހަނިކޮށްލިއެވެ.

"ތިއީ މަގޭ ވޭޕްތަ؟"ޖެނީފާގެ އަޑު ހަރުކަމުން ފާރުތަކަށް ލޮޅުން އެރިއެވެ. ތެރަޕިސްޓުވެސް އަނގަހުޅުވިފައި އިންދާ ނިކްސަން ފަޚުރުވެރިކަމާއެކު މިރިއަމްގެ ފައި ކައިރިއަށް އޭތި ވައްޓާލާފައި ލޮލުން ބުނިފަދައެވެ." ޝާހީ ކަމަނާގެ އަސާކޮޅު..."

"ނުރައްކާތެރި ބުޅަލެއް...."އެކަކު ކިޔައިލިއެވެ.

"ނޫން މަށަށް ހީވަނީ ޖިންނި އަވަލާފައި އޮތް އެއްޗެއްހެން.."

'އަހަރެމެންނަށް މި އެޑޮޕްޓްކުރެވިދާނެތަ؟ އިމޯޝަނަލް ސަޕޯޓްދޭ ސްޓާފެއްގެ ގޮތުގައި؟"

ނިކްސަމް ޖެނީފާެގެ އުނގަށް އަރާ ހަމަޖެހިލަމުން ވަށައިގެން ލޯ ހިންގައިލީ މުރާޖައާކުރާފަދައިންނެވެ.

***

އަލާނާ ސްޓާފް ކެފޭގައި ބަލަން ހުރީ އާރިކް ހޯލުން ހިނގާފައި ދާ މަންޒަރަށެވެ. އޭނަ ކައިފިހެއްޔެވެ؟ ފަހަރެއްގައި ބަނޑުހައިވެފައި ހުރެދާނެއެވެ. ރަގަޅަށް ނިދިހެއްޔެވެ؟ ލޯމަތިން ފެންނަނީ ވަރުބަލިކަމެވެ. ހިނިތުންވުމެއްނެތެވެ. ހަމަ ކުއްލިއަކަށް އާރިކްއާއިމެދު މިހެން ވިސްނެންފެށީ ކީއްވެހެއްޔެވެ؟ އޭނަ ކެއިއްޔާ ނިދިއްޔާ ނޫނީ ހިނިތުންވެލައިގެން ހުރިއްޔާ އޭނައަށް ކޮންކަމެއްހެއްޔެވެ؟

"އަގް......"އޭނަ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ."މިއީ ކްރަޝްއެއްނޫން. އަހަންނަކީ އެކަހަލަ ކަންތައްތަކާއި އުޅޭ މީހެއްނޫން. އަހަންނަށް އެނގޭނީ ސަކަރާތްޖަހަން..މަޖާކުރަން....އަހަރެން ދުނިޔެއަށް އައީ ހިތާމަކުރާކަށް ނޫން.. ހަޔާތަކީ ކުރު އެއްޗެއް...."

އަހެދް ގާތުގައި ހުއްޓުނީ ކޮފީއެއް ހިފައިގެންނެވެ. އޭގެ ތާޒާވަހުން ސިކުނޑި ހޭލައްވަމުންނެވެ.

"ލޯބިވެވުނީ ދޯ.."

"ވަޓް؟ ނޫން..."އަލާނާ ސިހި ފުންމައިގެން ދިޔަގޮތަށް އަޑުކޮޅަށް ކިޔައިލިއެވެ.

"ހިތާމަވެރި އެނިމޭ ކެރެކްޓާއެއްހެން ވިއްޔާ އޭނައާއި ދިމާލަށް ބަލަން ތިހުންނަނީ..."

"އަހަންނަކީ އެނިމޭ ނަޒަރުން ބަލާ މީހެއްނޫން..."

އެކަމަކު ޑޮކްޓަރ އާރިކް ލޯމަތިން ގެއްލުނީމަ ލީ ދިގުނޭވާއެއް..."

"އެއަށް ކިޔަނީ ދިގު ނޭވާއެއްނޫން... އަސްމާ.......އަހަރެން މީ ނޭވާއަށް އުދަގޫވާކުއްޖެއް.."

"އިޓްސް އޯކޭއޭ..އަހަރެމެން އެންމެނަށްވެސް ލޯބި އިހުސާސްކުރެވޭނެ...އަލާނާއަށްވެސް. ޑޮކްޓަރ އާރިކްއަކީވެސް އިންސާނެއް..ހަމަ ހިތުގައި ކޮންމެވެސް އަންހެންކުއްޖަކުވާނެ.. އަލާނާވެސް ފެންނާނެ....."

"އޭނައަށް އަހަރެން ނުފެންނާނެ...އެކުއްޖާ ހީކުރަނީ ހިޖާބުއާއި ހިމޭންކަމަށް އަހަރެން އެލާޖިކްހެން...."

"އަލާނާ ވަރަށް އަޑުހަރު...."

އޯ އެހެންވިއްޔާ މަގޭ ދުވަސް ތިދިޔައީ...." އަލާނާ ހިނިގަނޑެއް ޖަހައިލިއެވެ.

***

ހަވީރު ބާބިލް ޖެނީފާއަށް ޒިޔާރަތްކުރިއެވެ. ޖެނީފާ ވަގުތުން މޫނަށް ވައްތަރެއް ޖެއްސިއެވެ.

"އަހަރެން ގާތުގައި އިށީދެލިޔަސް ހެޔޮތަ؟"

"ކަލޭމެން ދުރުކުރަން އުޅުނަސް ފަހަތުން ނުނެއްޓިގެން އެބައާދެއެއްނު. މަ އެހެން ގައުމަކަށް ހިޖުރަކުރަންވީ..."ޖެނީފާގެ ނަޒަރު ބާބިލްގެ އަތުގައި ވި ކޮތަޅަށް ހުއްޓުނެވެ."ހަދިޔާވެސް ތި ގެންނަނީ މަގޭ ހިތް ބަދަލުކުރަންތަ؟ ސޮރީ....ތިއަށް ކިޔަނީ ރިޝްވަތު..."

"މިއީ ހެޔޮއެދޭ ފަރާތަކުން ދިން ސަދަގާތެއް.."

"އެންމެ ރަގަޅު. ގެނޭ..."ޖެނީފާ ކޮތަޅު އަތުލައިގެން ވަގުތުން ކޭކުގަނޑެއްނެގިއެވެ. ކޭކު މީރުވެގެން ދެތިން ފޮތި އެއްފަހަރާ ކައިލެވުނެވެ. އެކަމަކު ކޭކު އެޅިމީހާއަށް ތައުރީފުކުުމުގެ ބަދަލުގައި ފާޑުކިއެވެ. ކޭކުއަޅާ ކްލާހަކަށް ފޮނުވަން އެންގިއެވެ. މަންމަގެ މިޒާޖާއިމެދު އޭނަ ހައިރާންވިއެވެ،

"އަހަރެން ހަނދާން އެބަހުރި....އަހަރެންގެ ގެއަށް ގޮސް..އެދުވަހު..އަހަރެން ބުނިން ދާށޭ..ނިންޖާއެކޭވެސް ކިން...އަދި ބާބިލް ރުއި....މަ ހޫރުވައިލި ހައިހީލް ދިޔައި ކަލޭމެން ބޯމަތިންލާފައި..އެވަރުންވެސް ފަހަތުން ނުފިލާ....."

އޭނަ ހިމޭންކަމައެކު ބޯ ޖަހައިލިއެވެ.

"ތީ މަގޭ ދަރިއެއް އެކަމަކު...އަހަރެން ބޭނުމެއްނޫން ދަރިންގެ ފަރާތުން އުފަލެއް...."ޖެނީފާ ބުނެލިއެވެ."އަހަންނަށް މަންމައަކަށް ވުމުގެ ހައްގެއްނެތް..އަހަރެން ކަލޭ ދޫކޮށްފައި ދިޔައީ..ކަލޭގެ ބޭބެވެސް..އެންމެން ދޫކޮށްލީ....ކަލޭމެން ދެމީހުންވެސް އަހަރެންދެކެ ނަފްރަތުކުރަންޖެހޭ..."

"މި ހިތުގައި ނަފްރަތަށް ޖާގައެއްނެތް..."

"ކީއްވެ؟"ޖެނީފާ އެނދުން ތެދުވުނުއިރު ކުށުގެ އިހުސާސް ފޮރުވަން ރުޅިގަދަކޮށްލިއެވެ."ޢަހަންނަކީ މޮންސްޓާއެއް...އަބަދު ރުޅިއައިސް ހަލާލުވެ، ދެވިހިފާފައި ގިނައިރު....ހުރިހާކަމެއް ހަލާކުވީ އެހެންވެ."

"އެކަމަކުވެސް ތިއީ މަންމަ..."

"ޢަހަންނަކަށް ނޭގޭ އިންސާނެއްގެ ގޮތުގައި އުޅެން...މަންމައެއްގެ ރޯލު ކުޅެން...މަންމައެއްގެ ހައިސިއްޔަތުން ދަރިން ނުބަލާ ރީހެބްގައި އޮތީމަ ނަމެއްގައި މަންމައެއް...."

"ޢަދި ދަސްވާނެ އިންޝާﷲ.."

ބާބިލް ދިޔުމުން އޭނަގެ ލޮލަށް ކަރުނަޖަމާވިއެވެ. އެތައް އަހަރެއްފަހުންނެވެ. ކުށުގެ އިހުސާސްތަކަށް ފިލައިގެން އުޅޭނެ ތަނެއް ނެތުމުން އޮހޮރޭފަދަ ކަރުނައެކެވެ. ނިކްސަން އޭނަގެ އުނގަށް އަރާފައި އަތުން ކަކުލުގައި ބީއްސައިލިއެވެ. އެސޮރަށްވެސް މި ފިނި ހަގުރާމަ ނިމުމަކަށް އަންނަނީހެން ހީވީއެވެ.”

***

"ދަ އޮންލީ ވޭ ޓު ސްޓޮޕް ދަ ޕެއިން އިން ޔޯ ލައިފް އިޒް ޓު އެކްސެޕްޓް ފަ ފެކްޓް ދެޓް

ނަތިން އިސް ޔޯސް ނަތިން ވޯޒް ޔޯސް އެންޑް ނަތިން ވިލް އެވާ ބީ ޔޯސް....ދޭ އާ ވޯލްޑްލީ

އެޓޭޗްމެންޓްސް ގިވެން ބައި ﷲ...ބިލޯންގިން ޓު ﷲ އެންޑް ރިޓާނިން ބެކްޓު ﷲ................."

އާރިކް އޭނަގެ ގާތަށް ނަފްސާނީ ފަރުވާ ހޯދަން އައި ޒުވާން ޕައިލެޓްގެ ފޯނުގެ ސްކްރީނަށް ބަލައިލަމުން ހިނިތުންވެލިއެވެ."ރީތި ބަސްކޮޅެއް..ވަރަށް އިބުރަތްތެރި...ސޯ...މުރުތަސިމް އެއްވެސް ވާހަކައެއް ހިއްސާކުރަން ބޭނުންތަ؟ އަހަރެން މިއިނީ އަޑުއަހަން....ހިތުގައިވާ އެއްޗެއް ބަންޑުންކޮށްލީމަ ބުރަ ފިލައި ލުއިވެދާނެ..."

މުރުތަސިމްގެ ލޮލުން ފެނުނީ އެތައް ހާސް އަސަރުތަކެވެ. ފެންކަޅިވެފައިވާ ދެލޮލެވެ.

"ޢަހަރެންގެ ސަބަބުން މަންމަ ނިޔާވީ..ކިހިނެއް އަމިއްލަ ނަފުސަށް މާފުދެވޭނީ؟ މަންމައާއި ވާހަކަދެއްކުނީ އެކަށީގެންވާގޮތަކަށް ނޫން..."

"އެންމެ ފަހު އެއްޗަކަށްވެސް މަންމައާއި ދިމާލަށް ބުނެވުނީ މަންމަގެ ސަބަބުންނޭ އަހަރެންގެ ދިރިއުޅުން ހަލާކުވީ..." މުރުތަސިމްގެ ހިތް ހަލާކުވެފައިވާކަން އެލޮލުން ހާމަކޮށްދިނެވެ. ދިރުމެއްނެތް ލޮލެކެވެ.

"ބައެއްފަހަރު ރުޅިބާލަން އެފަދަ ބަސްތައް ބުނެވެނީ ހިތުގައި އެހެން އޮވެގެނެއް ނޫން......އެންމެ ގާތް ލޯބިވާ މީހުންނާއި ދިމާލަށް އާއްމުކޮށް ބުނެވޭނީ......އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް މަންމަ މާފުދޭނެކަން......މާފުކުރާނެ...ދަރިންނަށްޓަކާ ގުރުބާންވާ ބަޔެއް އެެއީ..އަމިއްލަ ނަފުސްކުށްވެރިނުކުރޭ......................." އާރިކް ހިތްވަރުދިނެވެ.

"އަހަެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ..މަންމައަކީ އަހަރެންގެ ދުނިޔެ..."މުރުތަސިމް މޫނުގައި ދެއަތްއެޅިއެވެ.

ދަރިފުޅާއި މަންމައެއްގެ ހަގީގީ ލޯތްބާއި ގުޅުމަކީ އެއީއެވެ. އޭނައަށް މަންމަގެ ފަރާތުން އެފަދަ އެއްވެސް ކުލުނެއް އަދި ލޯތްބެއްވެސް ނުލިބެއެވެ. ޑޮކްޓަރަކާއި ބަލިމީހެއްގެ ގުޅުން އެކަނިއެވެ. އޭނަގެ މަންމަ ދުނިޔެ ދޫކުރިޔަސް މިވަރަށް ހިތަށް އަސަރުކުރާނެހެއްޔެވެ؟

އާރިކްއާއި މުރުތަސިމް އެތައް އިރެއްވާންދެން އެކޮޓަރީގައި ވާހަކަދައްކަން ތިބެފައި ނުކުމެވުނީ އަހެދްގެ ކުރިމައްޗަށެވެ. މުރުތަސިމްއާއި ދެމީހުން މުޑިއެރިގޮތަށް އަހެދްއަށް ހިމާޔަތް ލިބުނީވެސް އޭނަގެ އަތުތެރެއިންނެވެ. ނޫންނަމަ ހަށިގަނޑު ސަމާލުނުވެ ބިމުގައި ޖެހުނީހެވެ.

"އަހެދް.....މިތާ؟"އޭނަ ސިހުނެވެ.

"އާނ...އާންޓް އެޑްމިޓްކޮށްފައި އޮތީ؟"އެހްދްއަށް އާރިކްއާއި ދިމާލަށް ބެލުނީ ސުވާލުގެ ނަޒަރަކުންނެވެ. ހައިރާންވިކަހަލައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު