ރާއްޖެއަށް މުދާ އަންނަ ހިސާބުން ފެށިގެން މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް، އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ސާވޭއެއް ހަދަން ފަށައިފިއެވެ.
ކަސްޓަމުން ބުނީ "ޓައިމް-ރިލީސް ސްޓަޑީ"ގެ ނަމުގައި ހިންގާ މި ސާވޭއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭގޮތަށް، އެ ޖަމިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ހިންގާ ސާވޭއެއް ކަމަށެވެ.
މި ސާވޭއަށް ބޭނުންވާ މައުލޫމާތު ނެގުން، (ޑޭޓާ ކަލެކްޝަން) އިއްޔެއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކަސްޓަމުން ބުންޏެވެ. މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ހަރަަކާތްތެރިވާނެ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

ރާއްޖެއަށް މުދަލެއް އަންނަ ހިސާބުން ފެށިގެން، މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް، އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ސާވޭ ކުރަނީ----ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސާވިސް
ކަސްޓަމުން ބުނީ، މިގޮތުން އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި މުދަލެއް ރާއްޖެއަށް އަންނަ ހިސާބުން އެ މުދާ ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި، މުދަލުގެ ލިޔެކިއުން ހުށަހެޅުމަށް ހޭދަވާ ވަގުތާއި، މުދަލުގެ ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މުދަލާ ބެހޭގޮތުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި، ކަސްޓަމްސްއިން ބަލައިފާސްކުރުމަށް ހޭދަވާ ވަގުތާއި އަދި ބަނދަރުން މުދާ ދޫކުރުމަށް (ގޭޓް އެގްޒިޓް)އަށް ހޭދަވާ ވަގުތުތައް ވެސް ދެނެގަނެވޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ކަސްޓަމުން ބުނީ، މިފަދަ ސްޓަޑީއެއްގެ ބޭނުމަކީ ރާއްޖެއަށް މުދަލެއް ގެންނައިރު، އެ މުދާ ކްލިއާކޮށް ދޫކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެންދިއުން ކަމަށެވެ. އަދި، ކަސްޓަމްސްއާއި ބަނދަރުތަކާއި އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާކުރުމަށް ހުރި ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތްކުރުމަށް ފުރުޞަތު ލިބުމަކީ މި ސާވޭގެ މަގުސަދެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މިއީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކުރިއަށްގެންދާ މިފަދަ ދެވަނަ ސްޓަޑީއެވެ. ޓައިމް ރިލީޒް ސްޓަޑީއެއް އެންމެ ފުރަތަމަ ހަދާފައިވަނީ 2021 ވަނަ އަހަރުގައި ކަމަށް ކަސްޓަމުން ބުންޏެވެ. އަދި، 2021 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މުދާ ކްލިއާކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވާ މިންވަރާއި، އެކަންކަމަށް ގެނެވިފައިވާ ކުރިއެރުންތައް މި ސްޓަޑީއިން ފެންނާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. މީގެ އިތުރުން، މުދާ ކްލިއާކުރުމުގެ މަރުހަލާތަކަށް ގެނެވިފައިވާ ތަރައްޤީއާއި އިތުރަށް ހަރުދަނާކުރަންޖެހޭ ކަންކަން ވެސް މި ސްޓަޑީގެ ސަބަބުން ދެނެގަނެވޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ރާއްޖެއަށް މުދަލެއް އަންނަ ހިސާބުން ފެށިގެން، މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް، އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ސާވޭ ކުރަނީ----ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސާވިސް
ކަސްޓަމުން ބުނީ، މި ސްޓަޑީއަށް އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ހޯދާ ހޯދުންތަކުގެ ރިޕޯޓު ޝާއިޢުކުރުމަށް މިހާރު ރާވާފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށެވެ. މި ސްޓަޑީގެ ސަބަބުން، ސިޔާސަތުތައް ކަނޑައެޅުމަށާއި، އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށާއި، އަދި ކަސްޓަމްސްގެ އިޖުރާއަތުތައް ޒަމާނީކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިއްމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި، ޤައުމުގެ ވިޔަފާރިތަކަށް އިތުބާރު ހުރި ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށްދިނުމަށް މަގުފަހިކުރެވޭނެ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.