ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ އިރު ދެކުނުގައި އޮންނަ ޚޫސްތު ސިޓީގައި ހުރި ގެއަކަށް ބޮން އަޅައި ނުވަ ކުޑަކުއްޖަކާއި އަންހެނަކު މަރާލާފައިވާ ކަމަށް އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވި ގޮތުގައި އެ ހަމަލާ ދީފައި ވަނީ ޚޫސްތު ސިޓީގެ ގޫރުބުޒް ޑިސްޓްރިކްޓްގައި ރޭ ދަންވަރުގެ ވަގުތެއްގައެވެ.
"ޕާކިސްތާނުގެ ބާރުތަކުން ބޮން އެޅި އާންމު ރައްޔިތެއް ކަމަށްވާ ޤާޒީ މީރުގެ ދަރިކަލުން ވަލިއަތު ޚާންގެ ގެއަށް." އެކްސްގައި މުޖާހިދު ލިޔުއްވާފައިވެއެވެ.
"އެ ހަމަލާގެ ސަބަބުން ނުވަ ކުދިން (ފަސް ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން) އާއި އެއް އަންހެނަކު ޝަހީދުވެ، އޭނާގެ ގެ ވެސް ވަނީ ހަލާކުވެފައި." އޭނާ އިތުރަށް ވިދާޅުވިއެވެ.
އިތުރު ވައިގެ ހަމަލާތައް އިރުއުތުރު ކުނާރާއި އިރުމަތީ ޕަކްޓިކާ ޕްރޮވިންސްތަކަށް ދީފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ. އެ ހަމަލާތަކުގައި އާންމުންގެ ހަތަރު މީހަކު ޒަޚަމްވެފައިވެއެވެ.
ޕާކިސްތާނުން އެ ހަމަލާދީފައިވާއިރު، ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕެޝަވާރުގައި ހުންނަ ޕެރަމިލިޓަރީ ފޯސްގެ މައި މަރުކަޒަކަށް އިއްޔެ ބަޑިޖަހައި ދިން ހަމަލާއަކާއި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ފެޑެރަލް ކޮންސްޓަބްލަރީ (އެފްސީ) ގެ މައި މަރުކަޒަށް ޖާނުން ފިދާވުމުގެ ހަމަލާ ދިނީ އެ މަރުކަޒުގެ ގޭޓުގައި ގޮވާތަކެތި ހަރުކޮށްގެންނެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައިވާތާ މަސްތަކެއް ވެއްޖެއެވެ. ގުޅުންތައް ގޯސްވަނީ ޕާކިސްތާނުގެ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ހިމެނޭގޮތަށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އަފްޣާނިސްތާނުން ހިޔާވަހިކަން ފޯރުކޮށްދޭ މައްސަލައިގައި ކަމަށް ޕާކިސްތާން ބުނެއެވެ.