ރެގޭ މިއުޒިކުން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި މަޝްހޫރު ފަންނާނު ޖިމީ ކްލިފް މަރުވެއްޖެއެވެ.
އުމުރުން 81 އަހަރުގައި ލެޖެންޑު މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޖިމީ ކްލިފް މަރުވުމާ ގުޅިގެން އާއިލާގެ ފަރާތުން އަންހެނުން ލަތީފާ ޗެމްބާސް އާއި ދެ ކުދިން ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކްލިފް މަރުވީ ނިއުމޯނިއާ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ކްލިފްގެ މަރާއި ގުޅިގެން އެ އާއިލާއަށް ފުން ހިތާމައެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އާންމުންގެ ފަރާތުންނާއި މީޑިއާގެ ފަރާތުން އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދިނުމަށް ވެސް މި ބަޔާނުގައި ވަނީ އެދިފައެވެ.

މަޝްހޫރު ރެގޭ މިއުޒިކް ފަންނާނު ޖިމީ ކްލިފް--ފޮޓޯ/އީނިއުސް
ޖިމީ ކްލިފް އަކީ ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ފަންނާނަކަށް ވެފައި މިހާތަނަށް ސަޕޯޓަރުންގެ ފަރާތުން ކްލިފަށް ލިބެމުންދިޔަ ލޯތްބަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކްލިފްގެ މިއުޒިކީ ކެރިއަރުގައި ގެނެސްދިން މަޝްހޫރު ބައެއް ލަވަތަކުގެތެރޭ "ވޮންޑަފުލް ވާލްޑް، ބިއުޓިފުލް ފީޕަލް،، "ޔޫ ކޭން ގެޓް އިޓް އިފް ޔޫ ރިއަލީ ވޯންޓް އިޓް"، "މެނީ ރިވާސް ޓު ކްރޮސް"، "ރެގޭ ނައިޓް" އަދި "ހަކޫނާ މަޓާޓާ" ހިމެނެއެވެ.
މިހާތަނަށް ކްފިލްގެ 31 އަލްބަމެއް ރިލީޒްކޮށްފައިވާއިރު އޭނާ އެންމެ ފަހުން ގެނެސްދިން "ރެފިއުޖީސް" ރިލީޒްކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ.
މިއުޒިކީ ދާއިރާގެ އިތުރުން އެކްޓިންގް ދާއިރާގައި ވެސް މަސައްކަތްކޮށްފައިވާ ކްލިފްގެ މަގުބޫލު ފިލްމުތަކުގެތެރޭ 1972ގެ ކްރައިމް ޑްރާމާ "ދަ ހާޑާ ދެއި ކޭމް"، 1986 ގެ ފިލްމު "ކްލަބް ޕެރެޑައިސް" އަދި 2003ގެ ފިލްމު "ރޫޑް ބޯއި: ދަ ޖެމައިކަން ޑޮން" ފާހަގަކޮށްލެވެއެވެ.