ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ޚާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް: ރައީސް

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ޚާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ކަމަށް ރައީސް ވިދާޅުވި --ފޮޓޯ/ ރައީސް އޮފީސް

ވިލިމާލޭގައި ގާއިމުކުރާ ތިން ކޮޓަރީގެ 300 ހައުސިން ޔުނިޓު ޚާއްސަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ހައުސިން ޔުނިޓުތަކަކީ މާލޭ ސަރަހައްދުގައި ގާއިމުކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 300 ހައުސިން ޔުނިޓު ކަމަށެވެ. އެގޮތުން މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވައުދުފުޅަކީ 500 ހައުސިން ޔުނިޓު އެތަނުގައި އެޅުން ކަމަށް ވިޔަސް، ޖާގަ އޮތީ 300 ޔުނިޓަށް ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ 300 ހައުސިން ޔުނިޓް ވެސް ޚާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށެވެ.

"މުޅި މާލެ ސިޓީގައި މި ގާއިމުކުރާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް މިކޮޅުގައި މި އަޅަނީ. މި 300 ހައުސިން ޔުނިޓް މި ކަނޑައަޅަނީ މި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކުރާ 300 ހައުސިން ޔުނިޓް ގޮތުގައި،" ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ އިތުރުން ވެސް އިތުރު ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ވިލިމާލޭގެ ގިނަ ރައްޔިތުން ވެސް އެމަނިކުފާނުގެ އަރިހުގައި އެންމެ ބޮޑަށް އެދިވަޑައިގަތް އެއް ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ.

ރައީސް ވަނީ އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވިލިމާލޭގެ ރައްޔިތުންނަށް ވެސް އަރުވައިފައެވެ.

comment ކޮމެންޓް