ރޯދަ ހަދިޔާގެ ގޮތުގަ ދޭ މަސްކޭސް އުފެއްދުން ޖެނުއަރީ މަހު މެދުތެރޭ ނިންމާލެވޭނެ: މިފްކޯ

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް: މިފްކޯއިން ބުނީ ޖެނުއަރީގައި މަސްކޭސް އުފެއްދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް --

އަންނަ ރަމަޟާން މަހުގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްކޭސްތައް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯއިން ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްކޭސްތައް މިދިޔަ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހު އުފައްދަން ފަށާފައިވާ ކަމަށާއި، މިހާތަނަށް އެ މަސައްކަތުގެ 33 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

އަމާޒަކީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ހަފުތާއަށް އެ މަސައްކަތް ނިންމާލުން ކަމަށް، މިފްކޯއިން ބުންޏެވެ.

މަސްދަޅު އުފައްދަނީ މިފްކޯއިން ބުނިގޮތުގައި، މިދިޔަ އަހަރު ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަށް މަސްދަޅު އުފެއްދި މިންވަރަށް ރިއާޔަތްކުރުމަށް ފަހެވެ.

މިދިޔަ ރޯދަމަހުގެ ހަދިޔާގެ ގޮތުގައި ބެހި މަސްކޭސްތަކުގެ ތެރެއިން މަސްކޭހެއް ހިފައިގެން އާއިލާއެއްގެ ބަޔަކު ހިނގާފައި ނުކުންނަނީ -- ސަން ފޮޓޯ: މޫސާ ނަދީމް

ސަރުކާރުން ވަނީ މިދިޔަ ރަމަޟާން މަހު މާލޭގެ ގޭބިސީތަކަށް 50،519 މަސްކޭހާއި ރަށްރަށުގެ ގޭބިސީތަކަށް 60،712 މަސްކޭސް ހަދިޔާކޮށްފައެވެ.

މި މަހުގެ 12ވަނަ ދުވަހު 'ސަން'އިން ސުވާލުކުރުމުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަންނަ ރަމަޟާން މަހުވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ. އެކަމަކު އެ މަސައްކަތަށް ޚަރަދުވާނެ ވަރުގެ ތަފްސީލެއް ނުދެއްވިއެވެ.

މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ކޭހެއް ދޭ އުސޫލުން މަސްދަޅު ކޭސް ބަހައިފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ މަސްދަޅުކޭސްތައް އުފެއްދުމާއި ބެހުމުގެ މަސައްކަތަށް 81 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ރޯދަމަހު ބެހި މަސްކޭސްތައް ބަލައި މީހުން ކިޔޫގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މަސް ދަޅަކީ ވަކިން ޚާއްސަކޮށް ރޯދަމަހު ބޭނުންކުރާ އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާ ރައީސް މީގެކުރިން ވިދާޅުވީ، 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ހަދިޔާކުރި ކަމަށެވެ. އެކަން ހަމަޖެހިގެން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްދަޅު ކޭސް ދިނުމުގެ އިތުރުން މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީ، 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ރަމަޟާން މަހާ ދިމާކޮށް ހިލޭ ފޯރުކޮށްދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް ވަނީ އަންނަ ރަމަޟާން މަހު ކަރަންޓު ބިލުތައް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް