ޒުވާނުންނަށް ގިނަ ވަސީލަތްތަކަކާއެކު މުލީއާގޭގެ ގަރާޖު ޒުވާނުންގެ ހަބެއްގެ ގޮތުގައި ހުޅުވައިފި

މުލީއާގޭގެ ގަރާޖުގައި ހުޅުވި ޔޫތު ހަބުގެ ޖިމް ތެރޭ ރައީސް މުއިއްޒާއި، ޒުވާނުންނާ ބެހޭ ވަޒީރު --

"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ސަރުކާރުން މާލޭގައި ތަރައްޤީކުރެއްވި ފުރަތަމަ "ޒުވާނުންގެ ވެހި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ސަރުކާރުން ބުނާ ގޮތުގައި ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްގީކޮށް ހުޅުވިއިރު ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުޞަތުތަކެއް ލިބެން ހުންނާނެއެވެ.

މުލީއާގޭގެ ގަރާޖުގައި ހުޅުވި ޔޫތު ހަބު ރައީސްގެ ދެކަނބަލުން ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ކުރެހުންތެރިންނަށް ޚާއްސަ ސަރަޙައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު"ގެ ޚިދުމަތްތައް ފާހަގަކުރެވެއެވެ. މީގެ އިތުރުން ވެސް ޒުވާނުންނާ ގުޅުންހުރި ގިނަ ޚިދުމަތްތަކަކާއި ފުރުޞަތުތަކެއް، މި މަރުކަޒުން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

"ޒުވާނުންގެ ވެހި" ފަރުމާކޮށްފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.

މުލީއާގޭގެ ގަރާޖުގައި ހުޅުވި ޔޫތު ހަބުގެ ތެރޭ ޒުވާނުން ހަރަކަތްތެރިވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތު ވެސް، ފަހިވެގެންދާނެއެވެ. މު

ލިއާގޭ ވެހިކަލް ގަރާޖު ހުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަޙައްދަކަށްވާއިރު، އިތުރު ޚަރަދަކާ ނުލައި، ސްޓޫޑަންޓް އައިޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށް ވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

"ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ މަރުކަޒު ބައްލަވާލައްވައި، އެކި ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ނިންމަވައި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، "ޒުވާނުންގެ ތާޑް ސްޕޭސް" ގެ ގޮތުގައި އެ ސަރަޙައްދު ތަރައްޤީކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހެވެ.

comment ކޮމެންޓް