"މައިންބަފައިންނަށް ކަމޭ ހިތާ ދަރިންނަށް ދުނިޔޭގައިވެސް ބަރަކާތް ލައްވައެވެ. ދިރިއުޅުން ފަސޭހަކޮށްދެއްވައެވެ. އެދެމީހުން ކޮންމެފަދަ ގޮތަކަށް ކަންތައް ކުރިޔަސް ތިބާގެ ވާޖިބު އަދާކުރާށެވެ."
***
"ތިދައްކަނީ މަންމަގެ ވާހަކަ؟ އަޅުގަނޑަށް ލިބުނު އަނިޔާ؟ ނޫނީ ދުވަހަކުވެސް ދިމާނުވާ އަންހެންކޮއްކޮގެ ވާހަކަ؟ "އޭނަގެ ކަންކަތުރަށް ވާންވެލިއެވެ.
"ކީކޭ؟" ފުރުގާންވެސް ސިހުނެވެ.
"އަޅާނުލާ..."
"އާރިކްގެ ހިތް ކަފަކޮޅެއްހާ މަޑު .އެއީ ބަލިފަޔަކީ..."
"އަބަދުވެސް އޯގާތެރިކަން ބަލިކަށިކަމުގައި ތިދެކެނީ..."އޭނަގެ އަޑުގައިވީ ސާބިތުކަމެވެ."އެހެންވެ ކަން ނޭގޭ އަޅާލާ މީހުން ގެއްލެނީ.."
އޭނަ ދުރަށް ދާން ހިނގައިގަތީ ފުރުގާން އެ ވާރެއާއި ކުށްވެރި އިހުސާސްގެ ދުނިޔެއަށް އެކަނިކޮށްލާފައެވެ. އެކަމަކު އެހެން މީހެއްގެ ހިތަށް ދެވުނު ބަހުގެ ހަމަލާއަށްފަހު އަމިއްލަ ހިތަށް ތަސައްލީ ނުލިބި ކުށުގެ އިހުސާސްކުރެވުނެވެ. މައިންބަފައިންނަށް އިހުސާންތެރިވާން ދީނުގައިވާއިރު އެކަމާއި ދެކޮޅުހެދެނީ އޭ ހިތަށް އެރިއެވެ. ފިޔަވަޅުތައް އަވަސްކުރަމުންގޮސް ދުވުމަކަށް ބަދަލުވެ ގެއާއި ހަމަޔަށް ދެވުނުއިރު އޭނައަށް ފަޒާގައިވީ ތެތްކަމުގެ އަސަރު ކޮށްފިއެވެ. ނިތުގައި ކުދި މުތީތަކެއްފަދައިން ދާތިކިތައް ވިދަައެވެ. މަންމަގެ ވާހަކަތަކައް ބުރަވެގެން އޭނަގެ ހިތް ބައްޕައާއި ދެކޮޅަށް ބަޣާވާތްކުރަންފެށިޔަސް ދެމީހުންވެސް އޭނައާއިމެދު ކަންތައްކުރީ އަމިއްލަ އެދުމަށޭވެސް ހިތަށް އެރިއެވެ. އަމިއްލަ އެދުން ބޮޑުނުވެ އޭނައަށް އިސްކަން ދިންނަމަ މިއަދު އޭނަވެސް ހުންނާނީ މައިންބަފައިންގެ ލޯތްބާއި އަޅައިލުން ލިބި ހާދަ އުފަލުގައެވެ.
***
ޖައިޝަން ކޮފީއަކަށް ދާން އާރިކްއަށް ގުޅައިގެން ކާރުގެ ޑިކީއަށް ލެނގިލައިގެން ހުއްޓެވެ. އޭނަގެ ސަމާލުކަން އަތުލައިގަތީ އެހެން އައި ނިގާބީ އަންހެންކުއްޖެކެވެ. އަތުން ކޮތަޅެއް ހިފައިގެން އަވަސް ހިނގުމެއްގައި އައިގޮތުން ހީވާގި ކުއްޖެއްހެން ހީވިއެވެ. މުޅިން ނިވާވެގެން ހުއްޓަސް ލޮލުގެ ރީތިކަން ފައުޅުވާން ހުއްޓެވެ. ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. އެކުއްޖާ ސިހުނުކަން އެނގުނެވެ. ވަގުތުން ފިޔަވަޅުތައް އަވަަސްކޮށްލާފައިގޮސް ވަނީ އާރިކް ދިރިއުޅޭ އިމާރާތަށެވެ.
އާރިކް ނުކުތީ އިރުކޮޅެއްފަހުންނެވެ.
"ނުވެސް ބުނެ ކަންތައް ގަނޑެއް އެބަ ހިންގައިލައެއްނު.."އޭނަ ދިމާކޮށްލިއެވެ.
"ތިބުނި އެއްޗެއް ނޭގުނު.." އާރިކް ކާރަށް އަރާ ދޮރު ލައްޕައިލިއެވެ.
"ދެންމެ ތިގެއަށް ވަނީ ކޮން އަންހެންކުއްޖެއްތަ؟"
"ނުދެނެހުރިން.....ކޮންއިރަކު؟"
އޭނަ އާރިކްގެ ސިއްރުވެރިކަމާއިމެދު އަންތަރީސްވިއެވެ. ލޮލުގެ ކުރިމަތިން ފެންނަ މަންޒަރާއިމެދުވެސް ދެކޮޅު ހަދަނީހެއްޔެވެ؟ އޭނައަށް އެކުއްޖާ ވަނީ އެގެއަށް ކަން އެނގުނީ އެގޭގެ ބެލްކަނީގައި އެކުއްޖާ ފޯނެއްގައި ހުރިތަން ފެނުމުންނެވެ.
"އެހެރީ. ފެނޭތަ؟ ނޫނީ....އަނެއްކާ މަ ހެލުސިނޭޓްވަނީ؟ ނޫނީ ޖިންނިއެއްތަ؟"އޭނަ ބެލްކަންޏަށް އިޝާރާތްކޮށްލިއެވެ.
"އޯ......"އާރިކްވެސް ކާރުގެ ދޮރުން ބޯ ނެރެލާފައި ބެލްކަންޏަށް ބަލައިލިއެވެ." އެއީ....އަހަރެން އައިއިރު ބާބިލް އާއި ދިމަލެއްނުވޭ....އެއީ މާމަގެ ފްރެންޑެއް..ތިމާގެ ކުއްޖެއް..ތި ހީކުރާކަހަލަ އެއްވެސް ގުޅުމެއް އެކުއްޖާއާއި ނެތް. އެކުއްޖާ މެރީޑް ވާހަކަވެސް މާމަ ބުނިހެން ހީވޭ..."
"ވަރުގަދަ ވަލީމާއެއްގެ ޚަބަރު ލިބެން އުޅެނީކަމަށް ހީކުރެވުނީ...މިވީގޮތުން އަނެއްކާ ވެއިޓްކުރަން މިޖެހުނީ...އާރިކް..ދެން އެކަހަލަ ކަމަކާ އުޅެބަލަ...."
ޖައިޝަންއަށްވެސް ދުނިޔޭގެ ހުރިހާ ނިއުމަތްތަކެއްހެން ލިބުނެވެ. ނަމަވެސް އެކްސިޑެންޓެއްގައި އަންހެނުން ނިޔާވީ ކުޑަދަރިފުޅުގެ އުމުރުން އެންމެ ހަ މަހުގައެވެ. އަންހެނުންނާއި ދޮށީ ދަރިފުޅު ސޯފީވެސް ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. އޭނައަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސްއެވެ. "ޑިޕްރެޝަން"އަށް ގޮސް މީހާ ހަލާކުނުވީ ހަމަކިރިޔާއެވެ. ނަމަވެސް އެ އަނދިރި ދުވަސްތަކުން ނިކުންނަން އެހީތެރިވެދިނީ އެންމެ ގާތް އެކުވެރިޔާ އާރިކްއެވެ. އެހެންނޫންނަމަ ދުނިޔެއާއި ކުރިމަތިލުމުގެ ހިތްވަރު ނުލިބުނީހެވެ. އޭނަ އޭރު އުޅުނީ ދީނާއި ބީރައްޓެހިކޮށެވެ. ދޭތެރެއަކުން ހުކުރު ނަމާދު ކޮށް ރޯދަމަހު މިސްކިތަށް ވަދެލައެވެ.ހުރިހާ ނިއުމަތެއް ލިބިފައިވުމުން އެއިން އެއްޗެއް ގެއްލިގެން ހިނގައިދާނެކަމަށް އޭނަ ނުދެކެއެވެ. ތައުލީމާއި މުއްސަދިކަމާއި ރީތިކަން އަދި އަގުބޮޑު ކާރާއި ހުރިހާ އެއްޗެެއް ހަމަޔަށް ހުއްޓެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔާއާއި ދެމީހުންގެ ފޮޓޯތަކާއި އެ އުފާވެރި ދިރިއުޅުން ސޯޝަލް މީޑިއާއިން ނުފެންނަ ފަރާތެއްނެތެވެ. ޖައިޝަން ދެކުނީ ހުރިހާ އުފަލެއް ފުރިހަމަވެ އަބަދަށް އެ އުފަލުގައި ހުރެވޭނެކަމުގައެވެ.ހެއްދެވި ފަރާތަށް ޝުކުރުވެރިވުމެއްނެތެވެ. ދުނިޔެއަށް އައި މަގުސޫދަކާއިމެދު ވިސްނައިލުމެއްނެތެވެ.
ޖައިޝަންގެ ހަޔާތުގެ ބައިވެރިޔާއާއި ދަރިފުޅުގެ ކުއްލި ވަކިވުން އޭނަ ދުނިޔެއިން މޮޔަވާވަރުވިއެވެ. އޭނަ ހެއްދެވިފަރާތައި ޝަކުވާކުރިއެވެ. އޭނައަށް އެ ހުރިހާ ހިތާމައަކާއި ބުރައެއް މެދުވެރިވާންވީ އޭނަ ކޮންކުށެއް ކޮށްގެންހެއްޔެވެ؟ ފެންނުވަރާ ނުކައި ނުބޮއި ހިތާމަކުރަމުންގޮސް ދުނިޔެއާއި ވަކިވެގެންދާން ޚިޔާލުކުރަންފެށި ދުވަހާއި ހަމަޔަށްވެސް އާރިކް އޭނަގެ ގާތުގައިވިއެވެ. ކުރީކޮޅު އާރިކްއާއި ދިމާލަށްވެސް އެއްޗެހި ކިޔުނެވެ. ނަމަވެސް ފަހުން އެ ވާހަކަތައް "ތެރަޕީ"އަކަށްވިއެވެ. ނަމާދާއި ގުރުއާން ޝިފާއަކަށްވިއެވެ. މިހާރުވެސް ދޭތެރެއަކުން އޭނަ މަގުން ކަސިޔާރުވާން އުޅުނަސް އާރިކް އޭނައަށް ހަނދާންކޮށްދެއެވެ.
***
އަލާނާއާއި މަންމަ ސަބްރާ އެކީގައި ރެސްޓޯރެންޓުން ނުކުމެގެން އަންނަތަން ފެނުމާއެކު އާރިކްއަށް ރަގަޅަށް ސަބްރާގެ މޫނަށް ބަލައިލެވުނެވެ. ފުރުގާންއާއި އެކު ފެންނަ އަންހެނެކެވެ. އަނެއްކާ އަލާނާއާއި ފުރުގާންގެ އޮތީ ކޮންގުޅުމެއްހެއްޔެވެ؟ މި އަންހެނާއަކީ ފުރުގާންގެ ކޮއްކޮއެއް ހެއްޔެވެ؟ އަލާނާ ފުރުގާން ފެނުމުން އެނގޭކަމަށް ހަދާނުލަނީ ކީއްވެހެއްޔެވެ؟
އޭނަ ޖެނީފާގެ ކޮޓަރިއަށްވަންއިރުވެސް އެ ސުވާލުތައް ހިތަށް އުދަގޫކުރެއެވެ.
"އަނެއްކާ އައީ ދޯ..އާރިކް..ތެދަށް ބުނަންޏާ އަހަރެން ބޭނުމެއްނޫން އާރިކްގެ މަންމައަކީ އަހަރެންކަން ދުނިޔެއަށް އެނގެން....މީހުން މަލާމާތްކުރާނެ... ލޭބަލްވާނެ ދޯ..އާރިކްގެ މަންމައަކީ ޑްރަގްނަގާ މޮޔައެކޭ ބުނާނެ..އެކަމަކު ބައްޕައަކީ މިނިސްޓަރެއް...މިނިސްޓަރެއްގެ ދަރިއެކޭ ބުނީމަ ފަޚުރަކަށްވާނީ............ކީއްވެ މަގޭ ފަހަތުން ތިއުޅެނީ؟"
"ފަޚުރާއި ލަދަކީ އެހާ މުހިއްމު އެއްޗެއް ކަން ނުދެނެހުރިން...ބައެއް ހާލަތްތަކުގައި...ކޮންމެގޮތެއްވިޔަސް މައިންބަފައިންވާނީ މައިންބަފައިންނަށް...ދޮންމަންމަ މިއަދު ފެނުނު........." އާރިކް ކުޑަދޮރު ކައިރީ ހުއްޓުނެވެ.
"ސަބްރާ ދޯ.......އަލާނާއަކީ ފުރުގާނުގެ ދޮންދަރިކަން ވެސް އެނގޭ ދޯ......." ޖެނީފާގެ މޫނުމަތި ކުއްލިއަކަށް ބަނަވިއެވެ.
"ވަޓް؟" އާރިކް ސިހޭގޮތްވިއެވެ.
"އަހަންނަށްވެސް އެނގުނީ މީހަކު ރޭ ގުޅާފައި އެހެން ބުނީމަ...އަލާނާ އާރިކްގެ ފަހަތުން ހިޔަނިހެން އުޅޭ ސަބަބު އަދި ކިރިޔާ މިއެނގުނީ..އަލާނާ ގާތު ބުނީ މިކޮޓަރިއަށް ވަދެގެން ނުވާނެއޭ....މަ ބޭނުމެއްނޫން އޭނަގެ ހިޔަނިވެސް މަގޭ ހަޔާތަށް އެޅެން. އޭނަގެ މަންމައެކޭ ކޮން ތަފާތެއް ހުންނާނީ..." ޖެނީފާ އަޑުގަދަކޮށްލިއެވެ."ބުނަން ވާހަކައެއް. މަށަށް ހީވަނީ ކަލޭމެން އެންމެންވެގެން ކުޅޭ ކުޅިގަނޑެއްހެން. މިތަނުން ދާންވީކަން ނޭގޭ..."
"ކޮންތަނަކަށް ދާނީ؟ މާމަ ގާތަށް އަންނަންވީނު.."އާރިކް ނުސީދާކޮށް ދައުވަތުދިނެވެ. އަދިވެސް އޭނަގެ ސިކުނޑީގެ ނާރުތަކަށް ވާންވެލިގޮތަށް ލުޔެއް ނުލިބުނެވެ. އޭނަ ނާހަނީސް މަންމަ ދޮންމަންމަގެ ނަން ބުނެފިއެވެ. އަލާނާއަކީ ސަބްރާގެ ދަރިއެއްކަން ޔަގީންވެއްޖެއެވެ. އަލާނާއަށް އޭނައަކީ ކާކުކަން ހަމަ ނޭގެނީހެއްޔެވެ؟ ރަގަޅަށް އެނގޭނެއެވެ. ސަކަކޮށް އުޅުނަސް އަލާނާގެ ސިކުނޑި ބަރާބަރެވެ.
"މާމަ...ނުދާނަން...ވަންނާނެ ތަނެއް ނެތި މަގުގައި އޮތަސް...ކަލޭމެންނަށް ކީއްތަ؟ މަ މިހުރިހާ ދުވަހުވެސް އުޅުނީނު..."އެ ލަފުޒުތައް ހަބަރަށްވުރެ ހިތިއެވެ.
***
އާރިކް ގެއަށް ދިޔައިރު މާމައާއި ބާބިލް އޭނަގެ އިންތިޒާރުގައި ސައި ހަދައިގެން ތިއްބެެވެ. ސިކުނޑި ހަލަބޮލިވިޔަސް އޭނަގެ މޫނުމަތިން ފެންނަނީ ހަމަޖެހޭކަމެވެ. އެންމެ ހައިރާންވީ މިއަދު ފުރަތަމަ ފަހަރަށް ބާބިލް އާދައިގެ ހެދުމެއްގައި ހުއްޓާ ފެނުމުންނެވެ. ގަޔަށް ދޫ ހެދުމަކާއި ހަރުވާޅަކާއެކު އިސްތަށިގަނޑުގައި ޝޯލް އޮޅާލައިގެންނެވެ.
"އާރިކް މިއޮތް އައީ...."
"އެކަމަކު.."އާރިކް ދާންވެގެން އެނބުރިލިއެވެ.
"އިޓްސް އޯކޭ.....ނިގާބު އަޅައިގެން ބޭރުތެރޭގައި އުޅުނަސް ގޭގައި މިގޮތްވެސް ރަގަޅުވާނެ.."ބާބިލް ހީލިއެވެ. ރީތި ހިނިތުންވުމެކެވެ. ލޮލުން ފެންނަނީ މައުސޫމްކަމެވެ. ލޯ ހުދުވެފައި ސާފުކަމުން ބިއްލޫރިކޮޅެއްފަދައެވެ.
"ބާބިލްއާއި އާރިކް ކިރުގެ ގޮތުން އުޚުތަކަށްވެފައިވަނީ.."
"ކޮއްކޮއަކަށް ވީ އެހެންވެތަ؟"އާރިކްއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ. ނިގާބު އަޅައިގެން ހުރި ކުއްޖަކު އެހާ ފަސޭހައިން ހިލޭ ފިރިހެނެއްގެ ކައިރީ މޫނުބުރުގާ ނަގާފާނެކަމަށް ގަބޫލުކުރަން އުދަގޫވީއެވެ. ނޫނީ އެއީ އެހެން މަގުސަދެއްގައި މޫނު ބުރުގާ އަޅަނީއެވެ.
"ދޮންބެ ކިޔަސް އޯކޭތަ؟"
ގަމަރިއްޔާ އިނީ އުފާވެރިކަމާއެކު ދެބެންގެ ވާހަކަތައް އަޑުއަހައިގެން ހިނިތުންވެލައިގެންނެވެ.
ނުނިމޭ