ބާކީ އޮތް ތިން އަހަރު ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ: ބާކީ އޮތީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރު---ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރާއި ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތާއި ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްގީގެ ގިނަ މަޝްރޫޢުތަކަށް މާލީ ދަތިކުރުންތައް ކުރިމަތި ކުރުވިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ގާނޫނީ ގޮތުން އިންތިޚާބުވެފައިވާ ސަރުކާރެއް މަޖިލީހުގެ ތެރެއިން ވައްޓާލުމަށްވެސް މަސައްކަތްކުރެއްވި ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

https://sun.mv/214034

އެ ގޮންޖެހުންތަކާ ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރެއްވި ދުރުވިސްނުންފުޅު ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގައުމީ ތަރަައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނޭ ތިން އަހަރު ކަމަށެވެ.

ދަތި އުނދަގޫ، ނަމަވެސް އެކަމެއް ކުރުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރެއްވުމުގައި ރައީސް މުޢިއްޒު ފަސްޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިފަދަ ކަންކަމަކީ ދުރާލާ ރޭވިގެން، މުވައްސަސާތަކަށް ދޭންޖެހޭ ގާނޫނީ ބާރުވެރިކަން ދީގެން، ކުރިއަށް ގެންދެވޭނެ ކަންކަން ކަމަށެވެ. މީގެ ސަބަބުން، ހެޔޮ ވެރިކަމުގެ ނިޝާންތައް ފެންނަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/214041

އަދި، ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަސްކޮށް، އެއާޕޯޓު ހުޅުވުމާއި، އެތެރޭގެ އުދުހުންތައް ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރަށް ރައްޔިތުން މިހާތަނަށް ދެއްވާފައިވާ ތާއީދާއި ކުރައްވާ އިތުބާރު، ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަވަމުން ގެންދަވާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ. އަދި، ގައުމުގައި ހުރި މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި، އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވައި، އާމްދަނީ އިތުރުކޮށް، އިގުތިސާދީ އަދި އިޖުތިމާޢީ ހަމަޖެހުން ކަށަވަރުކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

ކުރިއަށް އޮތް ތިން އަހަރު މަޝްރޫއުތައް ހިންގާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއިރު، މި ސަރުކާރުގައި ގިނަ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމުގެ ކަންބޮޑުވުންތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތީ އިތުރުވެފައެވެ. އޭގެ ސަބަބުން ދައުލަތުގެ ކެޕިޓަލް ޚަރަދާއި ޕީއެސްއައިޕީ ޚަރަދު އޮތީ ކުޑަވެފައެވެ.

މި ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ޚަރަދު ކުޑަ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، ގިނަ އަދަދެއްގެ މަޝްރޫއުތައް ވަނީ ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ސަބަބުން، މިހާރު ވެސް ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރަން ޖެހޭ ދައުލަތުގެ ކުންފުނިތަކަށް ބާރު ބޮޑުވުމާއި ޕްރައިވެޓް ވިޔަފާރިތަކަށް މަސައްކަތް ނުލިބުމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

https://sun.mv/213589

އެ މައްސަލަ އެެހެން އޮއްވައި، މި މަހުގެ ހަވަނަ ދުވަހު ސަރުކާރުން ވަނީ އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއެއް އެއްފަހަރާ ހަވާލުކޮށްފައެވެ. އެހެންނަމަވެސް އެ މަޝްރޫއުތައް ހަވާލުކުރީ ބީލަމަށް ނުލައި، ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން ހުރި މިންވަރަށް ނުބަލައި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

މީގެ އިތުރުން، އަންނަ އަހަރު ދައުލަތުން 1.1 ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭއިރު، ގިނަ އަދަދެއްގެ މަޝްރޫއުތަކަށް ފައިސާ ދީގެން ޚަރަދު ކުރެވޭނެ ކަމާ މެދު، އިދިކޮޅުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސުވާލު އުފައްދަވައިފައެެވެ.

comment ކޮމެންޓް