އަންހެނުން ސިޔާސީ ފުރުސަތުތަކަށް ތައްޔާރުވުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ވިދާޅުވެއްޖެއެވެ.
ސާޖިދާ މިގޮތަށް ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ސާޖިދާ ވަނީ ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާއީ ޒިންމާތަކަށް އިޝާރާތްކުރައްވާފައެވެ. އެކަމަނާ ވަނީ، ފަންނިއްޔާތަށް އަހުލުވެރިވުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި، ސިޔާސީ ފުރުސަތުތަކަށް އަންހެނުން ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ވިޔަފާރީގެ އައު ގޮތްތައް އީޖާދުކުރަން އެބަޖެހޭ. ސިޔާސީ ގޮތުން ހުރި ގިނަގުނަ ފުރުސަތަށް ތައްޔާރުވާން އެބަޖެހޭ. އެ ގާބިލުކަން ދިވެހި އަންހެނުންގެ ކިބައިގައި ހުންނާނެކަން ކަށަވަރު. ދިވެހި އަންހެނުންނަކީ އިލްމީ ގޮތުން ކުރިއަރާފައިވާ ވިސްނުންތެރި، ދުރުފެންނަ، އަބުރުވެރި، ހުޝިޔާރު ބައެއްކަމުގެ ރީތި މިސާލުތައް ދިވެހި ތާރީޚު ވަނީ އެތައް ސަފުހާތަކަކުން ދައްކައިދީފާ" ސާޖިދާ ވިދާޅުވެފައިވެއެވެ.
މިރޭގެ ރަސްމިއްޔާތުންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ގާބިލުކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައި ވާ ގުރުބާނީކަމަށް ސާޖިދާ ވިދާޅުވިއެވެ. އެކަމަނާ ވަނީ، އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.

ރައީސުލުްޖުމްހޫރިއްޔާގެ އަނބިކަނބަލުން ރެހެންދި އެވޯޑު ހަވާލުކޮށްދެއްވަނީ---ފޮޓޯ: ރައީސް އޮފީސް
ކޮންމެ އިންސާނެއްގެ ވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ، ގައުމަށް އެކި ރޮނގުރޮނގުން ޚިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.
އަދި އަންހެނުން، ކޮންމެ ވާޖިބެއް އަދާކުރިކަމުގައި ވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައިކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރޭގެ ހަފުލާގައި 14 ކަނބަލަކަށާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވެއެވެ. ރޭގެ ހަފުލާގައި އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ރެހެންދި އެވޯޑަކީ، ގައުމީ ޚިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދޭ ހާއްސަ އެވޯޑެކެވެ.