މާލޭ ފާމަސީއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ، ހުކުމެއް އިއްވާފައިވާ މީހަކު، ބިރު ދެއްކުމުގެ މައްސަލަތަކެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
މާލޭ ފާމަސީއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ ކުރިން ހުކުމެއް އިއްވާފައިވަނިކޮށް އަލުން ހައްޔަރުކޮށްފައިވާ މީހަކީ ގދ ގައްދޫ. ފެތިރޯނުގެ، އަބްދުﷲ މުތުއިމް މުހައްމަދެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިއްޔެވަނީ 15 ދުވަސް ޖަހައިފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބިރު ދެއްކުމުގެ މައްސަލަތަކާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ދައުލަތުން އެދުނެވެ. އެކަމަކު އޭނާގެ ބަންދަށް 15 ދުވަސް ޖެހީ، ޝަރިއަތް ނިމެންދެން ބަންދު ކުރަން ނިންމާނީ މައްސަލަ ބަލާ ގާޒީ ކަމަށް ބަލައިފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުން މާލޭ ފާމަސީއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ އަބްދުﷲ މުތުއިމް މުހައްމަދު 28،800 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެއެވެ. އެއީ ޖޫން 4, 2020 ގެ 4:00 ހާއިރު އިތުރު ބަޔަކާއެކު އޯކިޑު މަގުގައި ހުންނަ ސެންޓްރަލް މެޑިކަލް ސެންޓަރުގެ ފާމަސީގެ ދޮރު ހަލާކުކޮށްގެން ވަދެ އެފާމަސީގެ ތިޖޫރީއެއް ވަގަށް ނެގި މައްސަލައިގައެވެ.
ތިޖޫރީ ވަގަށް ނެގުމުގެ އިތުރުން، ރެކޯޑްތަކުން ދައްކާ ގޮތުގައި މާލޭ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް ރަހީނުކުރި މައްސަލައިގައި ވެސް އަބްދުﷲ މުތުއިމް މުހައްމަދުގެ މައްޗަށް ދައުވާ އުފުލިއެވެ.
އެއީ 2022 އޯގަސްޓް 23 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ދެމާގަސްދޮށުގޭގައި ހިންގަމުންދާ ޝާކް ފިންސް ގެސްޓް ހައުސް އަށް މީހަކު ގެންގޮސް ރަޙީނުކުރުމަށްފަހު އޭނާއާއިމެދު މާރާމާރީ ހިންގާ ފައިސާ ފޭރިގަނެފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވެ.