އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވްއަށް: "މިއީ ލިބޭނެ ލުޔެއް"

އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވްއަށް ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: އެންސްޕާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ބައެއް ޚިދުމަތްތައް ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް "ވަންގަވް"އަށް މިއަދު ބަދަލުކޮށްފިއެވެ.

ވަންގަވްގެ ކަންކަން ބަލަހައްޓާ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ)ގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އެ އިދާރާގެ ޚިދުމަތްތައް "ވަންގަވް"އަށް ބަދަލުކުރުމުގެ ސަބަބުން އެ އިދާރާގެ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަވެ، ހަލުވިކަމާއެކު ރައްްޔިތުންނަށް ޚިދުމަތް ދެވޭނެ ކަމަށެވެ.

އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ލިސްޓުތައް ނިންމުމަށް މުވައްޒަފުން މެނުއަލްކޮށް ކުރަމުން ދަނީ ބުރަ މަސައްކަތެއްކަން ހީނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ވަންގަވް މެދުވެރިކޮށް އެންސްޕާއިން ފަސް ޚިދުމަތެއް މިހާރު ލިބޭނެއެވެ. އެގޮތުން ވަންގަވްއިން މިހާރު ލިބޭނީ:

  • ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ
  • ފަގީރު ހާލުގައި އުޅޭ އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދެމުންދާ އެހީ
  • ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
  • ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއަށް ދޭ އެހީ

ހީނާ ވިދާޅުވީ އެ ޚިދުމަތްތައް ރަސްމީކޮށް އަންނަ އަހަރުން ފެށިގެން ވަންގަވްއަށް ބަދަލުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތައް ވެސް ވަންގަވް ޕްލެޓްފޯމުން ލިބޭނެ ކަމަށެވެ.

މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ ސަރުކާރުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަމާޒަކީ 2028ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ހުރިހާ އިދާރާތަކެއް ޑިޖިޓަލްކުރުން ކަމަށާއި، މި އަހަރު އިތުރު ފަސް އިދާރާއެއް ވަންގަވްއަށް ބަދަލުވާނެ ކަމަށެވެ.

comment ކޮމެންޓް