ރިޔާޒު ވަކިކޮށް ވަޒީފާ އިއާދަކޮށްދިން ގޮތުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށާއި މަޖިލީހަށް!

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒް: އޭނާ ވަކިކުރަން އަމަލުކުރިގޮތުން ސަރުކާރަށް ފާޑުކިޔަނީ -- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ވަކިކުރުމަށް ފަހު އެ ނިންމުން ބަދަލުކޮށް ވަޒީފާ އިއާދަކޮށްދިން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު އަވަސް އަރުވާލައިގެން ވަކިކުރަން ނިންމުމުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ، ގިނަ ބަޔަކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ރިޔާޒު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިން ލަފާގެ މަތިން އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހެވެ. ނަމަވެސް ލިބުނު އިތުރު މައުލޫމާތު ދިރާސާކޮށް، ރިޔާޒު ވަކިކުރަން ނިންމި ނިންމުން މުރާޖައާކޮށް މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީން ނިންމީ އޭނާގެ ވަޒީފާ އިއާދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށެވެ.

https://sun.mv/213646

ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިއާދަކޮށްދިން ނަމަވެސް، އޭނާ ވަކިކުރި ގޮތާ މެދު ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބަޔާން 'އެކްސް'ގައި ހިއްސާކުރައްވައި ވިދާޅުވީ، މީހުންގެ އަބުރާއި ވަޒީފާއަށް އަސަރުކުރާނެ ނިންމުންތައް އަވަސް އަރުވާލައިގެން ނިންމާކަށް ނުވާނެ ކަމަށެވެ.

ރިޔާޒާ ދޭތެރޭ އަމަލުކުރި ގޮތުން، ގެއްލުނު އަބުރު ހޯދަން އޭނާއަށް ދައުވާކުރެވޭނެ ކަމަށް ބައެއް މީހުން ލިޔެފައިވެއެވެ.

"ގެއްލުނު އަބުރުގެ ބަދަލު ޔަގީނުން ވެސް ލިބޭނެކަން، ކަން ހިނގާފައިވާ ގޮތުން ސާފެވެ،" 'ބޫމާ ޝަމާއިލް'ގެ ނަމުގައި 'އެކްސް'ގައި މީހަކު ލިޔުނު ޕޯސްޓެއްގައިވެއެވެ.

ސަރުކާރުން މައުލޫމާތުގެ ސައްހަކަން ޔަގީންނުކޮށް އަމަލުކުރުމުން އެކަމުގެ އަސަރު ކުށެއް ނެތް މީހުންނަށް ކުރާ ކަން ފާހަގަކުރައްވައި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝަފާއު ހަސަން ލިޔުއްވާފައިވާ ގޮތުގައި، އެއީ މުޅި ގައުމު ރިޔާޒުގެ ކިބައިން މައާފަށް އެދެންޖެހޭ ވަރުގެ ކަމެކެވެ.

"ގައުމަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅަކު، ޤައުމީ ފެންވަރުގައި ބަދުނާމު ކުރުމުގެ ސަބަބެއްގެ ގޮތުން، [ރައީސް] މުޢިއްޒު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޕަބްލިކްގަ ރިޔާޒްގެ ކިބައިން މާފަށް އެދުން, ހުރިހާ ކަމެއްގަވެސް ހާވަނީ ތިކަހަލަ ހަޑި، ގައުމެއްގެ ސިފަ ގެއްލުވާލައިފި،" މުހައްމަދު އަދުހަމްގެ ނަމުގައި މީހަކު 'އެކްސް'ގައި ލިޔެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް, މި މައްސަލައިގައި ވަކިކުރި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވެފައިވެއެވެ.

https://sun.mv/213326

އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް، އެ ދުވަހު އޭނާ ވިދާޅުވިއެވެ.

އަދި އޭނާގެ ނަޒާހާތްތެރިކަމަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެން، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒުގެ މެސެޖުގައިވެއެވެ.

ރިޔާޒު ވަކިކުރި މައްސަލައިގައި ކަސްޓަމްސްގެ ގިނަ މުވައްޒަފުންތަކެެއް ވެސް އޭނާގެ ދިފާއުގައި ވަނީ ވާހަކަދައްކައިފައެވެ.

https://sun.mv/213343

ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ހޯކްސްގެ ބޯޓަކުން ވަގަށް އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ވެއާހައުސްގައި ހުރި ސިނގިރޭޓު ޝިޕްމަންޓެއް ގެއްލުނު މައްސަލަ ފެންމަތިވީ އޭގެ ފަހުންނެވެ.

ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ.

comment ކޮމެންޓް