"މީޑިޔާގައި އުޅޭ ރިޕޯޓާ އަޅުގަނޑުމެންގެ ރިޕޯޓަކީ އެކައްޗެއްތޯ ބަލާނަން"

ފެބްރުއަރީ 7،6 ގައި ހިންގި އިންސާނިއްޔަތާ ހިލާފު ކަންކަން ތަހުގީގު ކުރުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގުޅުން ހުރި ފަރާތްތަކާ ހިއްސާކޮށްފައިވާ ރިޕޯޓާބެހޭ ގޮތުން ރަސްމީ މީޑިޔާތަކުގަ އާއި ސޯޝަލް މީޑިޔާތަކުގައި އެކި ކަހަލަ މައުލޫމާތު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ މިއަދު ވިދާޅުވީ ފެބްރުއަރީ ހައެއް ހަތެއްގެ ރިޕޯޓް އެއްވެސް މީޑިއާކަށް އަދި ޕާޓީއަކާވެސް ކޮމިޝަނުން ހިއްސާކޮށްފައި ނުވާނެ ކަމަށާއި އެ ރިޕޯޓް ހިއްސާކޮށްފައި ވާނީ އެކަމާ ގުޅުން ހުރި ފަރާތްކާ އެކަނި ކަމަށެވެ.

އެޗްއާރްސީއެމްގެ ރިޕޯޓް ކަމަށް ބުނެ ފުރަތަމަ މީޑިއަށް މައުލޫމާތެއް ހިއްސާ ކުރީ ޕީއެމުންނެވެ. އޭގެ ފަހުން މިއަދު ޖުމްހޫރީ ޕާޓީ ވެސް ވަނީ ނޫސްވެރިންނަށް އެ ރިޕޯޓާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ރިޕޯޓް ކޮމިޝަނުން އާންމެއް ނުކުރަން. މިހާރު އާންމުވެގެން އެ އުޅޭ ރިޕޯޓާ އަޅުގަނޑުމެންގެ ރިޕޯޓާ އެއީ އަކެއްޗެއްތޯ އަޅުގަނޑުމެންގެ ކޮމިޝަނުން ޖެހޭނީ އަޅައި ކިޔައި ބަލަން،" އަޒުރާ ވިދާޅުވި އެވެ. ޕީޕީއެމުންނާއި ޖުމްހޫރީ ޕާޓީ ހިއްސާ ކުރި ރިޕޯޓަކީ ކޮމިޝަންގެ ރިޕޯޓް ނޫން ކަމަކަށް ވެސް އެކަމަނާ ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ "އެކަން ވެސް ޖެހޭނީ ބަލަން" ކަމަށެވެ.

އަޒުރާ ވިދާޅުވީ ކޮމިޝަނުން ރިޕޯޓެއް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވަނިކޮށް އަދި އެ ރިޕޯޓް އާންމުކޮށް ނުނެރެނީސް ކޮމިޝަނުން ނިންމި ގޮތް ކަމަށް ބުނެ ރަސްމީ މީޑިޔާ ގަ އާއި ސޯޝަލް މީޑިގައި އެކިކަހަލަ ވާހަކަތައް ދައުރުވަމުން ދިއުމަކީ ކޮމިޝަން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ކޮމިޝަންގެ ރިޕޯޓާ ގުޅުވައިގެން އެފަދަ ވާހަކަތައް ނުލިޔުމަށާއި ބްރޯޑްކާސްޓް ނުކުރުމަށް ކޮމިޝަނުން އެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކުލަވައިލި ރިޕޯޓް ހިއްސާ ކުރީ އެކަމާބެހޭ ފަރާތްތަކާ... ދެން ސްޓޭކް ހޯލްޑަރުން އެހެން ބަޔަކާ ހިއްސާ ކުރި ނަމަވެސް އެއީއަކީ ކޮމިޝަނަށް ބެލޭނެ ކަމެއް ނޫން،" އެކަމަނާ ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ ރިޕޯޓް ކަމަށް ބުނެ ބައެއް އުނި ކުރުމަށްފަހު ޕީޕީއެމުން ހިއްސާކުރި ކޮމިޝަންގެ ތައްގަނޑު ޖަހާފައިވާ ޑޮކިއުމެންޓް ބުނާ ގޮތުން ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި އެމްޑީޕީގެ ބަޔަކާއި "23 ޑިސެމްބަރު އިއްތިހާދުން" ކުރި މުޒާހަރާގައި އެ ސަރައްދުގައި އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން ދުރަށް ގެންދިއުމަށް ސިފައިންގެ އިސް ވެރިންނަށް އޭރު ރައީސް މުހައްމަދު ނަޝީދު އަމުރު ކުރައްވާފައި ވެއެވެ. އަދި އެ އަމުރަކީ ގާނޫނު އަސާސީގެ 238 ވަނަ މާއްދާއާ ހިލާފަށް ނަޝީދު ކުރައްވާފައިވާ އަމުރެކޭ ވެސް ބުނެ އެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން ރައީސް ނަޝީދު ގާނޫނާ ހިލާފު އަމުރުތައް ތަކުރާރުކޮށް ފުލުހުންނާއި ސިފައިންނަށް ކުރެއްވިކަމަށް ވެސް އެ ރިޕޯޓްގައި ލިޔެފައި އޮވެ އެވެ.

މީގެ އިތުރުން، 57 ސަފުހާގެ އެ ރިޕޯޓު ނިންމާލަމުން ބުނެފައި ވަނީ ހަތެއް ފެބްރުއަރީގައި ބަންޑާރަކޮށީގައި ނަޝީދު ހޭދަކުރެއްވި ވަގުތު އެމަނިކުފާނު އަވަހާރަކޮށްލަން އެއްވެސް ބަޔަކު އުޅުނުކަން ތަހުގީގަށް ސާފުވެފައި ނުވާ ކަމަށެވެ.

ޕީޕީއެމުން މި މައުލޫމާތު ހިއްސާކޮށްފައި ވަނިކޮށް މިއަދު ޖުމްހޫރީ ޕާޓީން ނޫސްވެރިން އެއްކުރުމަށްފަހު ބުނެފައި އެޗްއާރުސީއެމް އިން އެކުލަވާލާފައިވާ ރިޕޯޓަކީ، ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ ސުވާލު އުފައްދާ މީހުންގެ އަނގަމަތީގައި އެޅުނު ޓޭޕެއް ކަމަށާއި އެ ރިޕޯޓް ނެރުން މާބޮޑަށް ލަސްވެއްޖެ ކަމަށެވެ. އެކަމަކު އެ ރިޕޯޓަކީ ކޮމިޝަނުން ކޮށްފައިވާ ފުރިހަމަ މަސައްކަތެއް ކަމަށް ވީޓީވީގައި ވެސް އިސްކޮށް ހުންނަވާ އަމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު