ޖީއެމްއާރު މައްސަލައިގެ ތެރެއަށް އިންޑިއާ ސަރުކާރު ވަނުމަށް އެދިފައިވާ ސިޓީއެއް ލީކްވެއްޖެ

ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އިއްތިހާދުވެފައިވާ މައި ޕާޓީތަކުން އެއާޕޯޓް އޮޕަރޭޓް ކުރާ ޖީއެމްއާރަށް ފިއްތުންތައް ކުރި މަތިކުރަމުންދާ ކަމަށް ބުނެ އެކަމުގައި އިންޑިޔާ ސަރުކާރުގެ އެހީއަށް އެދި އެ ގައުމުގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހަށް އެ ކުންފުނިން ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ލީކުވެއްޖެ އެވެ.

އިންޓަނެޓްގެ ޒަރިއްޔާ އިން ލީކު ކޮށްލާފައިވާ އެ ސީޓީއަކީ އެޕްރީލް 4 ވަނަ ދުވަހުގެ ތާރީހުގައި ޖީއެމްއާރު ގްރޫޕުގެ ޗެއާމަން، ޖީއެމްރާއޯގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރަށް އެޑްރެސްކޮށްފައިވާ ސިޓީ އެކެވެ. ނަމަވެސް އޭގައި ޖީއެމް ރާއޯގެ ސޮއެއްނެތެވެ.

ހަތަރު ސަފުހާގެ އެ ސިޓީގައި ބުނަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ޖީއެމްއާރަށް އެވޯޑް ކުރީ އިންސާފުވެރި ބީލަމަކުން ކަމަށާއި ނަމަވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އިސްކޮށް ތިބީ މި ސަރުކާރުގައި އިއްތިހާދުވެފައިވާ ބައެއް ޕާޓީތަކުން ކަމަށެވެ. އަދި އެ ޕާޓީތަކަކީ އެއާޕޯޓް ޖީއެމްއާރަށް ހަވާލުކުރުމާ ދެކޮޅަށް އަޑުއުފުލި ފަރާތްތައް ކަމަށާއި އެ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ބާރުލިބުމުން ޖީއެމްއާރާ ދެމެދު ނުބައި ތަސައްވަރެއް އުފައްދަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ޖީއެމްއާރާއި އިންޑިއާޔާ ދެމެދު ދިވެހިންގެ ތެރޭގައި ނުބައި ތަސައްވަރެއް އުފައްދުމަށް އެ ޕާޓީތަކުން އަންނަނީ ރާވައިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ކުންފުންޏާ ގުޅޭ ގޮތުން އަދި އިންޑިޔާއާ ގުޅޭ ގޮތުން ވެސް އެ ފަރާތްތަކުން އަންނަނީ މީޑިޔާގައި ތަފާތު ވާހަކަތައް ދައްކަމުންނެވެ،" ސިޓީގައިވެ އެވެ.

ޖީއެމްއާރާއި އަދި އިންޑިޔާއާ ދެމެދު ނުބައި ތަސައްވަރެއް އުފައްދާ ފަރާތްތައް ކަމަށް ބުނެ އެ ސިޓީގައި ވަނީ ބައެއް ފަރާތްތަކުގެ ނަންތައް ވެސް ހިމަނައިފަ އެވެ. އެގޮތުން ރައީސް ޑރ. މުހަންމަދު ވަހީދަށް ލަފާ އަރުވާ މުޝީރެއްގެ ގޮތުގައި ހުންނެވި ޑރ. ހަސަން ސައީދާއި ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ނަންފުޅު ހިމަނާފައިވެ އެވެ. އަދި އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝުކޫރާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދުގެ ނަންފުޅު ވެސް ސިޓީގައި ހިމަނާފައިވެ އެވެ. އަދި އެބޭފުޅުން ޖީއެމްއާރާ ދެކޮޅަށް އެކި ފަހަރުމަތިން މީޑިޔާގައި ދައްކަވާފައިވާ ވާހަކަތައް ވެސް ވަނީ ސިޓީގައި ހިމަނައިފަ އެވެ.

"ސަރުކާރުގެ އެކި މިނިސްޓަރުންނަށް ޕްރެޝާކުރައްވައިގެން ތަފާތު ސްޓޭޓްމަންޓްތައް ނެރުއްވުމުގެ އަޑީގައި ހުންނެވީ ޑރ. ހަސަން ސައީދުކަން ވަނީ އެނގިފަ އެވެ. އަދި ސަރުކާރުން އަންނަނީ ޖީއެމްއާރާ އެކު ކޮށްފައިވާ އެގްރިމަންޓްގެ މަގުސަދު ގެއްލޭ ކަންތައްތަކެއް ސިސްޓަމެޓިކް ގޮތެއްގައި ކުރަމުންކަން ފާހަގަކުރެވެ އެވެ،" ސިޓީގައިވެ އެވެ.

ސާކު ސަރަހައްދުގައި އޮތް އިންޑިއާގެ ކުންފުންޏެއްގެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ޖީއެމްއާރުން އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެެއާޕޯޓް (އައިއެންއައިއޭ) އަށް ކުރާ ހަރަދުކަން ފާހަގަ ކުރަމުން ސިޓީގައި ބުނަނީ އެ އިންވެސްޓްމަންޓް ހިމާޔަތް ކުރުމަކީ އިންޑިޔާ ސަރުކާރުން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި ޖީއެމްއާރާ އެކު ކޮށްފައިވާ އެގްރިމަންޓަށް ދިވެހި ސަރުކާރުން އިހުތިރާމް ކުރޭތޯ ކަށަވަރު ކުރުމަށް އިންޑިޔާ ސަރުކާރުން އެދޭ ކަމަށެވެ.

"އެއާޕޯޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާ އިންޑިއާގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި ދިވެހި ސަރުކާރުން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމަށް އިހުތިރާމްކޮށް މައްސަލަތަކެއް ހުރި ނަމަ އެކަން ހައްލުކުރުމަށް އިންޑިއާ ސަރުކާރުން އެހީވެ ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ އެ ވާހަކަ ދަންނަވަމެވެ. އަދި ދިވެހި ސަރުކާރުގައި ތިބި ފަރާތްތަކުން ޖީއެމްއާރާ ދެމެދު އުފައްދާ ނުބައި ތަސައްވަރު ރަނގަޅު ކުރުމަށް އެހީވެދިނުމަށް ވެސް މި ކުންފުނިން އެދެމެވެ،" ސިޓީގައިވެ އެވެ.

އަދި އެ މައްސަލައިގައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)އާ އިންޑިއާ ސަރުކާރުން ވާހަކަދައްކައި އައިއެފްސީގެ ނިންމުންތައް ދިވެހި ސަރުކާރާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އެ ސިޓީއާ ބެހޭ ގޮތުން ޖީއެމްއާރުގެ ބަހެއް ހޯދުމަށް އެއާޕޯޓުގެ ސީއީއޯ އެންޑްރޫ ހެރިސަންއާ ގުޅާލުމުން އޭނާ މިއަދު ވިދާޅުވީ އެ ސިޓީގެ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާތީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ދެންނެވެން ނެތް ކަމަށެވެ. އިތުރު ކޮމެންޓެއް އޭނާ އެކަމުގައި ނުދެއްވި އެވެ.

އެ ސިޓީ ލީކުވެފައިވާ މިދަނޑިވަޅުގައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާ ބޮޑުވަޒީރު މަންމޯހަންސިންހާ ވެސް މަޝްވަރާތަކެއް ބާއްވަވައިފައިވާ ދަޑިވަޅެއްގަ އެވެ. އެ މަޝްވަރާތަކަށް ފަހު ނޫސްތަކަށް ދެއްވި އިންޓަވިއުތަކުގައި ރާއްޖޭގެ ހުރި ފޮރިން އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށް އޭނާ ބާރުއަޅުއްވާ ވާހަކަދެއްކެވި އެވެ. އެ ސިޓީގެ ތާރީހުގެ ފަހުން އައިއެފްސީގެ ވަފުދެއް ވެސް ރާއްޖެ ވަޑައިގަތް ސަރުކާރާއި މަޝްވަރާތަކެއް ބޭއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު