ތަފާތު އެކި ކަހަލަ ކުށްތަކުގެ މައްސަލަތައް ފެންމަތިވެ އެކްޓިން އާ ދުރަށް ޖެހިފައިވާ އެކްޓަރު އެޒްރާ މިލާ އަނެއްކާ އެކްޓިން އަށް ނިކުންނަށް ތައްޔާރުވެއްޖެއެވެ.
ޑީސީގެ އެންމެ ބޮޑު އެއް ކެރެކްޓަރު ކަމަށްވާ "ފްލެޝް"ގެ ރޯލުން ފެނިގެންދާ އެކްޓަރު އެޒްރާ ގިނަ ބަޔަކަށް އެނގެނީ އެ ރޯލުންނެވެ. ނަމަވެސް 2022ވަނަ އަހަރު ފްލެޝް ނެރުނުއިރު ވެސް އޭނާ އާ ގުޅޭގޮތުން ކޮންމެ ވެސް ވަރަކަށް އެކި ކަހަލަ މައްސަލަތައް ވަނީ ފެންމަތިވާން ފަށާފައެވެ.
ފިލްމު ރިލީޒް ކުރުމުގެ ކުރީން ވެސް ވަނީ އޭނާ އާ ފޭނުންގެ މެދުގައި ތަފާތު އެކި މައްސަލަތައް ފެންމަތިވާ ކަމުގެ އަޑުތައް އަރާފައެވެ. އޭގެތެރޭގައި އަމިއްލަ ފޭނުންނަށް ހަމަލާ ދިނުމާއި އެ މީހުންނާ ބޭއަދަބީކޮށް ވާހަކަ ދެއްކުން ފަދަ މައްސަލަތައް ހިމެނެއެވެ.
ނަމަވެސް އެންމެ ބޮޑު މައްސަލައެއް ފެންމަތިވެފައިވަނީ އޭނާ ހަވާއީ އަށް ގޮސް އުޅުނު ގޮތުގެ ސަބަބުންނެވެ. ހަވާއިއަށް ގޮސް ގަވާއިދާ ހިލާފަށް ކާރު ދުއްވައި އެކްސިޑެންޓު ކޮށްލިއިރު ޖޫރިމަނާ ވެސް ދައްކާފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. ދެން އިވިގެން ދިޔައީ އޭނާގެ އަމިއްލަ ފޭނެއް ކިޑްނެޕް ކުރަން އުޅުނު ކަމުގެ މައްސަލައިގެ އަޑެވެ.
މި މައްސަލަތަކާ ގުޅިގެން އެތައް ބަޔަކު އުއްމީދު ކޮށްގެން ތިބީ އޭނާ ދުވަހަކު ވެސް އަނބުރާ ހޮލީވުޑަށް ނާންނާނެ ކަމަށެވެ. އެކަމަކު ދާދިފަހުން ބޭއްވި ފިލްމު ފެސްޓިވަލް އެއްގެ ރެޑް ކާޕެޓަށް އޭނާ ގޮސްފައިވެއެވެ. އެ އިވެންޓުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ މިހާރު އަލުން ފިލްމު އިންޑަސްޓްރީއަށް ނުކުންނަން ރެޑީވެފައިވާ ކަމަށެވެ.
އާ އުފެއްދުމެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. ނަމަވެސް އެ އުފެއްދުމާ ގުޅޭގޮތުން އެއްވެސް ކަހަލަ މައުލޫމާތެއް އާންމުކުރުން ވަރަށް އަވަސް ކަމަށް އޭނާ ބުންޏެވެ.
އެޒްރާގެ ކެރިއަރުގައި އޭނާ ވަނީ ހޮލީވުޑްގެ ބައެއް ބޮޑެތި ނަންތަކާ ގުޅުންތައް ވަރުގަދަކޮށްފައެވެ. މިއީ އޭނާ ކެންސަލު ކޮށްލިއިރު ވެސް މަސައްކަތް ކުރަން ފުރުސަތު ލިބޭ އެއް ސަބަބެވެ.