16 މަސްދަޅު ވަގަށް ނެގުމުގެ ތުހުމަތު، ބުނީ "ވައްކަން ކުރެވުނީ" ކަމަށް

މާލޭގެ މަގެއްގައި މީހަކު ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިހާރައަކަށް ވަދެ ފެލިވަރު ބްރޭންޑުގެ 16 ތެޔޮ މަސްދަޅު ނަގައިގެން ދާން އުޅުނު މީހަކު ހައްޔަރު ކުރުމުން ވައްކަން ކުރެވުނީ ކަމަށް ފުލުހުން ގާތު ބުނެފިއެވެ.

މިއަދު އެ މައްސަލައިގައި ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖެހީ، ގދ. ގައްދޫ ރޯޝަނީގޭ، އަބްދުﷲ ސަމީރުގެ މައްޗަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، ކާނޭޝަންމަގު، ޕާމާސް ފްރުޓް އެންޑް ވެޖިޓެބަލް ފިހާރައިން މީހަކު ގޮވުމުން ފުލުހުން އެ ސަރަހައްދަށް އެޓަންޑުވިއެވެ. އޭރު އެ ފިހާރައިގެ ވެރިފަރާތުން ވަނީ ސަމީރު ހިފަހައްޓައިފައެވެ.

ސޭޓު ބުނި ގޮތުގައި އެ ފިހާރައަށް އައިސް، ސަމީރު އުޅުނީ ފެލިވަރު ބްރޭންޑުގެ 16 ތެޔޮ މަސްދަޅު އޭނާ ގެންގުޅުނު ކޮތަޅަކަށް ލައިގެން ދާށެވެ. މި މައްސަލައިގައި ފުލުހުން އޭނާއާ ސުވާލުކުރުމުން ބުނީ "ވައްކަން ކުރެވުނީއޭ" ކަމަށް ކޯޓުން އަމުރުގައިވެއެވެ.

އަމުރުގައިވާ ގޮތުން 26 ފަހަރު ސަމީރު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 16 ފަހަރުވަނީ ބަންދަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ގިނަ އަދަދަކަށް ފާހަގަކުރެވިފައިވާ ކަމާއި، ބަންދު ލޮގަށް ބަލާއިރު، އެއީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން ކޯޓު އަމުރުން އެނގެއެވެ.

ސަމީރު ކޯޓުގައިވަނީ ކުށަށް އެއްބަސްވެ، ވީހާ ވެސް ކުރު މުއްދަތެއް ޖަހައިދިނުމަށް އެދިފައެވެ.

ފުލުހުންގެ ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ މިހައިތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ. އަހަރުގެ މިހައިތަނަށް ވައްކަމުގެ 1،367 މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް