އެޗްޑީސީގެ ހިންގުން ބަދަލުކުރުމުގެ ފައިދާ މިހާރު ފެންނަން ފަށައިފި: ރައީސް

ރައީސް މުއިއްޒާއި ފަޒުލް ރަޝީދު: ފަޒުލް ވަކިކޮށް، އެޗްޑީސީގެ ހިންގުން ބަދަލުކުރުމުގެ ފައިދާ މިހާރު ފެންނަން ފަށައިފި ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިންގުމަށް ގެނައި ބަދަލުގެ ފައިދާ, މިހާރު ފެންނަން ފަށާފައިވާ ކަމަށް, ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް, މިނިސްޓަރެއްގެ ފެންވަރުގައި ފުރަތަމަ އައްޔަން ކުރެއްވީ, ފެލިދޫ ދާއިރާގެ މެންބަރަކަށް އޭރު ހުންނެވި ފަޒުލް ރަޝީދެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި, ސަރުކާރުގެ އެތެރެއިންނާއި ބޭރުން ވެސް ދިޔައީ ފާޑުކިޔަމުންނެވެ. އަދި އެ ޝަކުވާތައް އެޗްޑީސީގެ ޗެއާމަންއަކަށް ހުންނެވި, އަހުމަދު ޒުހޫރު ވެސް ރައީސަށް ހުށަހެޅުއްވި ކަމަށް ވެއެވެ.

ނަމަވެސް ފަހުން މައްސަލަ ގޯސްވީ, މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި އޮތް, ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން ކަމަށް ބުނާ މައްސަލައެއް ފަޅާއެރި ހިސާބުންނެވެ. މި މައްސަލައިގެ އިތުރުން ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ހަމަ އެ ދުވަސްވަރު ފަޅާއަރުވާލިއެވެ.

އެއާއެކު ސަސްޕެންޑް ކޮށްފައި ވަނިކޮށް ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މި މައްސަލައިގެ ތަހުގީގަށް ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން ފަޒުލްގެ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ގެންދިޔައެވެ.

ހުރިހާ ތުހުމަތުތަކަކަށް ފަޒުލް އިންކާރު ކުރައްވައެވެ.

ފަޒުލްއާއި ބޭބެ ފަޒީލް --

ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ ވެރިއަކަށް ރައީސް އައްޔަން ކުރެއްވީ, މިހާރު އެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލެވެ.

ހުޅުމާލޭ އާ މާސްޓާ ޕްލޭން ނެރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް އެކި ބަދަލުތައް ގެނެސް، ކުންފުނިތައް ހިންގާ ބޭފުޅުން ވެސް ބަދަލުކުރައްވާ ކަމަށެވެ. ބޭނުމަކީ 'ގުޑް ގަވަނަންސް' ޔަގީންކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ދެފުށް ފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނިތައް ހިންގުން ޔަގީންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ފުރިހަމަކަން ނޫނީ އޭގެ ފައިދާ، އިރާދަކުރެއްވީތީ އެޗްޑީސީން މިހާރު މިވަނީ ފެންނަން ފަށާފައި،" ރައީސް ވިދާޅުވިއެވެ.

https://sun.mv/204076

"އަޅުގަނޑުމެން އައިސް މިތިބީ ޓައި އަޅައިގެން މަސައްކަތް ކުރަން ރައްޔިތުން ބުނެގެން ރައްޔިތުން ހަވާލުކޮށްގެން. ރައްޔިތުންނަށް މި ކަންތައްތައް ކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިިބުނީމާ. އެކަމަކު އެ ހޯދާ މުސާރައަކީ، އާމްދަނީ އަކީ ވާންޖެހޭ ހެޔޮ ގޮތުގައި ހޯދާ އެއްޗަކަށް،"

ރައީސް ވިދާޅުވީ މަގާމަކީ މުސާރައިގެ ބޭރުން ފައިދާ ލިބިގަންނަން އޮންނަ ފުރުސަތަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން ދެފުށް ފެންނަ އިޚުލާސްތެރި ޚިދުމަތެއް ކުރުމުގައި ކުރިއަށްދިއުމަކީ އެމަނިކުފާނާއި އެހެނިހެން ވެރީންގެ ވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމާ ގުޅިގެން ދޫކުރި ގޯތިތަކުގެ މައްސަލައިގައި ތުހުމަތުކުރެވިގެން ފަޒުލް ހިމެނޭހެން 24 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓިއެވެ. ނަމަވެސް މިއަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނި ގޮތުގައި މިހާރު ވަނީ ޕާސްޕޯޓު ހިފެހެއްޓި އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފައެވެ.

ވެރިކަން ކުރާ, ޕީއެންސީއިން ވަރަށް ފަހުން ބޭއްވި ސިޔާސީ ހަރަކާތެއްގެ އިސް ސަފުން ފަޒުލް ވަނީ ފެނިފައެވެ. އެއާއެކު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

comment ކޮމެންޓް