އެކި އުމުރުފުރައިގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެނިމޭޝަން ޝޯ ކަމަށްވާ "އެވެޓާ ދަ ލާސްޓް އެއާބެންޑާ"ގެ އޮރިޖިނަލް ކެރެކްޓަރުންނަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު އަންނަ އަހަރު ނެރުމަށް ތައްޔާރުވެއްޖެއެވެ.
ކުޑަކުދިންނަށް ޚާއްސަ ޗެނަލްއެއް ކަމަށްވާ ނިކަލޯޑިއަން އިން 2005 ގައި ދައްކަން ފެށި ޝޯ އެވެޓާވީ އެތައް ބަޔަކަށް ވަރަށް ކަމުދިޔަ ޝޯއަކަށެވެ. ޖުމްލަ ތިން ސީޒަނަށް ނުވަތަ ތިން ފޮތަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޝޯގެ މަގުބޫލުކަމާ ގުޅިގެން އޮރިޖިނަލް ޝޯއަށް ބިނާކޮށް ފިލްމެއް ނެރެފައިވެއެވެ. އެއަށްފަހު ޝޯއަށް ބިނާކޮށް މިދިޔަ އަހަރު ނެޓްފްލިކްސްއިން ވަނީ ލައިވް އެކްޝަން ޝޯއެއް ދައްކަން ފަށާފައެވެ.
އެވެޓާގެ ދުނިޔެއަށް ބިނާކޮށް ސީކުއަލް އެނިމޭޝަން ފިލްމެއް އިއުލާނު ކޮށްފައިވަނީ މީގެ ތިން އަހަރު ކުރީންނެވެ. އޮރިޖިނަލް ކެރެކްޓަރުން ބޮޑުވެ އެއަށްފަހު ދިމާވާ ވިލަންތަކުގެ ވާހަކަތައް މި ފިލްމުގައި ކިޔައިދޭނެއެވެ. އެގޮތުން "ލެޖެންޑް އޮފް އޭންގް: ދަ ލާސްޓް އެއާބެންޑާ" ކިޔާ މި އެނިމޭޓެޑް ފިލްމު ނެރޭނީ ސިނަމާއަށެވެ.
ނިކަލޯޑިއަން އާއި ޕެރަމައުންޓުން ގުޅިގެން ނެރުމަށް ހަމަޖެހިފައިވާ މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހުގައެވެ. އަލަށް ނެރޭ ފިލްމަށް އަޑު އަޅާނީ ހޮލީވުޑްގެ މަގުބޫލު ތަރިން ކަމަށްވާ ސްޓީވެން ޔޫން އާއި ޑޭވް ބޯޓިސްޓާއެވެ. އޭންގެ ރޯލަށް އަޑު އަޅާނީ މަޝްހޫރު ކޮރިއަން ލަވަކިޔުންތެރިޔާ އެރިކް ނާމް އެވެ. އަދި އޭގެ އިތުރުން ޑިއޯން ކުއޯން އާއި ޖެސިކާ މެޓެންވެސް މި ފިލްމަށް އަޑު އަޅާފައިވެއެވެ.