ޕިކަޕަކުން އެއްލައިލާފައި އޮތް ކަޅު ދަބަސްތަކަކުން 221 ކާޓަންގެ ސިނގަރޭޓު ފުލުހުން ރޭ ހޯދައިފިއެވެ.
ބޮޑުރަސްގެފާނު މަގުން ކަޅުކުލައިގެ ތިން ދަބަސް އެއްލައިލާފައި ޕިކަޕެއް ފިލައިގެން ދިއުމުން އެކަން ތަހުގީގުކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން، ތަހުގީގުގައި އެ ދަބަސްތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދާދި ފަހުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން އަތުލައިގެންފައެވެ.
އެ ސިނގިރޭޓުތައް އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ފްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ކަސްޓަމްސްއަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.