ރައީސް، މޫނު ބުރުގާގެ ދިފާއުގައި، ހެދުން އަޅާގޮތަކުން ތަފާތުކޮށްގެން ނުވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެ މީހަކު އަޅައިފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު، މޫނު ބުރުގާ އަޅައިގެން ތިބެ ވަޒީފާ އަދާކުރުން ދިފާއުކުރައްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިސްލާމްދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދައި، އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ!،" ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވީ، ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލި މީހަކު މޫނު ބުރުގާ އަޅާތީ ވަޒީފާ ނުދޭން ނިންމި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ޕޯސްޓަކާ ގުޅިގެންނެވެއެވެ.

ވަޒީފާ ނުލިބުނު އަންހެން މީހާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާ ކުރިމަތިލީ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމަށް ކަމަށެވެ. އަދި އިންޓަވިއުއާއި ޕްރެކްޓިކަލް ނިމުނު ފަހުން ކޯޓުން ފޮނުވާފައިވާ އީމެއިލްއެއްގައި، އޭނާ މޫނު ބުރުގާ އަޅާތީ ވަޒީފާ ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

އެ އީމެއިލްގެ ސްކްރީންޝޮޓްގައި ވަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައިވާތީ، މޫނު ބުރުގާ އަޅާނަމަ ރެކްރޫޓްމެންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އަންގައިފައިވާ ކަމަށެވެ.

އެހެންވެ، ޑީޖޭއޭގެ އެންގުމުގެ މަތިން އެ އަންހެން މީހާ ވަޒީފާ ދިނުމުގެ މަރުހަލާއިން ޑިސްކޮލިފައިކޮށްފައިވާ ކަމަށް ކޯޓުން ފޮނުވި ކަމަށް ބުނާ އީމެއިލްގައިވެއެވެ.

މީގެ ކުރިން މުދައްރިސުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާ ކުރެވޭ އުސޫލެއްގެ މައްސަލަ ހޫނުވިއެވެ. އެ އުސޫލުގައި ވަނީ ކިޔަވައިދޭ ވަގުތު ހުރިހާ މުދައްރިސުން ވެސް ތިބެންވާނީ ކާކުކަން އެނގޭ ގޮތަށް ކަމަށެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓު މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔަވައިދޭ ވަގުތު މޫނު ބުރުގާ އެޅޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑު އިސްލާހުކޮށްފައެވެ.

comment ކޮމެންޓް