"ދަރިފުޅަށް ފެންނަ ގޮތަކަށް ހެދުން ފެހިޔަސް މަންމައަށް އެންމެ ރަނގަޅު. އެކަމަކު ބައްޕަ ކައިރީ އަހަލާތި އިނގޭ..." ނަފީސާ ރުހުން ދިނީ ހިތާއި ދެކޮޅަށެވެ.
********
ގެއަށް ދިޔަގޮތަށް ލިމްޔާ ވަނީ ކޮޓަރިއަށެވެ. އެކަކާއިވެސް ކުރިމަތިލާނެ ހިތްވަރެއް ލިމްޔާގެ ގަޔަކު ނެތެވެ. އެނދުމައްޗަށް ބަންޑުން ވެއްޓިގަތުމާއިއެކު، ލިމްޔާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ. ލިމްޔާ ރޯ އަޑު އަހަން، ދޮރުކައިރީގައި ހުރެފައި އަމީރާ ގޮސް ބަދިގެއަށް ވަނެވެ. ލިމްޔާ ހިތުގައިޖެހިފައި ރޯންވީ ކީއްވެ ހެއްޔެވެ؟ އުފަލުގައި އުޅުނު ދަރިފުޅުގެ ހިތް ހަލާކުކޮށްލީ ކާކު ހެއްޔެވެ؟ އެތައް އިރެއް ވީއިރުވެސް ލިމްޔާ ނުނުކުތުމުން އަމީރާ އެނބުރި ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރުވެސް ލިމްޔާގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ.
"ދަރިފުޅާ!" ލިމްޔާގެ ކައިރީގައި އިށީނދެފައި، ބުރަކަށީގައި ފިރުމައިލަމުން އަމީރާ ގޮވައިލިއެވެ.
ލިމްޔާ ކުޑަކޮށް ތެދުވެލާފައި، އަމީރާގެ އުނގުގައި ބޯއަޅައިލިއެވެ. މަންމަގެ ގާތްކަން ލިބުމުން ލިމްޔާ މާބޮޑަށް ހިތުގައި ޖެހޭގޮތްވިއެވެ.
"އެއްޗެއް ނުބުނެ ތިހެން އޮތަސް، މަންމައަކަށް ނޭނގޭނެ ހަދަންވީ ގޮތެއް" އަމީރާ ބުނެލިއެވެ. "ރަޔާން އެއްޗެއް ބުނީތަ؟"
ލިމްޔާ އެންމެފަހުން ދިޔައީ ރަޔާންގެ ގެއަށް ކަން އަމީރާއަށް އެނގެއެވެ. އަމީރާ ނިންމީ ލިމްޔާއާއި ރަޔާންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގީ ކަމުގައެވެ.
ރަޔާންގެ ވާހަކަ ބުނުމުން ލިމްޔާ އަވަސް އަވަހަށް ތެދުވެ، ކަރުނަތައް ފޮހެލިއެވެ. ގަދަކަމުން ހިނިތުންވެލުމަށްފަހު، މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެ ރަތްވެފައިވާ ދަރިފުޅުގެ ދެލޯ ފެނި އަމީރާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ލޯބިވާ ދަރިފުޅު އެހާ ބޮޑު ހިތާމައެއްގައި ވާތަން ދުށުމަށް މައިލަގޮނޑިއަށް ކެތެއް ނުވިއެވެ.
"ރަޔާން ކީކޭ ބުނީ؟.." އަމީރާ އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
"ރަޔާން އެއްޗެއް ނުބުނެއޭ މަންމާ!" ކަރުނަ ފޮހެމުން ލިމްޔާ ވާހަކަ ދެއްކިއެވެ.
"ދެން ކީއްވެ ދަރިފުޅު ތި ރޮނީ؟" އަމީރާ ބޭނުންވީ ސަބަބު އެނގޭށެވެ.
"މަންމަގެ އެކުވެރި ނަފީސާ ދައްތަގެ ދަރިފުޅު ޔަލްވީ.... އާ... ރެން.." ލިމްޔާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ރަޔާން ދެކެ ލޯބިވާ ވާހަކަ ހާމަކުރަން ފަސްޖެހުނެވެ.
"މީ ދަރިފުޅުގެ މަންމައޭ. މަންމަދެކެ ދަރިފުޅު ޖެހިލުންވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. މަންމަ އަބަދުވެސް އެދެނީ ދަރިފުޅަށް ހެޔޮގޮތް ވާން" ލިމްޔާގެ ބޮލުގައި ފިރުމައިލަމުން އަމީރާ ބުނެލިއެވެ.
"ރެން... ރެން އުޅެނީ... ޔަލްވީއާ ކަ..އިވެ..ނި ކުރަން..." ލިމްޔާއަށް އޭނާގެ ޖުމުލަ ފުރިހަމަކުރެވުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.
ރަޔާން އެހެން މީހެއްގެ ހައްގަކަށް ވެގެންދާނެއޭ ހިތަށް އެރުވުމަކީވެސް ލިމްޔާގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ.
"ދަރިފުޅު ރަޔާން ދެކެ ލޯބިވަނީތަ؟" ފުން ވިސްނުމެއްގައި އިނދެފައި އަމީރާ އަހައިލިއެވެ.
ދަރިފުޅުގެ ހާލާއިމެދު އަމީރާއަށް ހަމްދަރުދީ ވެވުނެވެ. ރަޔާންދެކެ އެދަރިފުޅު ވާ ލޯބި ދެލޮލުން ހާމަވާން ހުއްޓެވެ. ލޯބިވާ މީހަކު ގެއްލި ދިޔުމަކީ ކިހާ ވޭން ހުރި ކަމެއްކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އަމީރާއެވެ. އަމިއްލަ ދަރިފުޅާއި ދޭތެރޭ އެފަދައިން ކަންތައް ވާކަށް އަމީރާ ފަހަރެއްގައި ވެސް ނޭދެއެވެ. ނަމަވެސް ތަގުދީރުގެ ނިޔާއަކީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. އަމީރާގެ މާޒީގައި ކޮންމެ ގޮތަކަށް ކަންހިނގާފައި އޮތަސް، މިހާރު އޭނާއަކީ އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެކެވެ. ވީއިރު، މުސްތަގުބަލުގައި އަމީރާގެ ދަރިފުޅަށްވެސް އެ އުފާވެރިކަން ނުލިބެންވީ ކީއްވެ ހެއްޔެވެ؟
"ލިމް ދެން ކިހިނެއް ހަދާނީ؟..." އަމީރާގެ ވާހަކައަށް ނުސީދާކޮށް އެއްބަސްވަމުން ލިމްޔާ ބުނެލިއެވެ.
"ދެން ހުއްޓާލާ!" ލިމްޔާގެ ކަރުނަތައް ފޮހެލަދެމުން އަމީރާ ވާހަކަ ދެއްކިއެވެ. "ދަރިފުޅު ލޯބިވާ ވާހަކަ ރަޔާން ކައިރީ ބުނިންތަ؟"
"ނޫން.." ލިމްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ދެން ކީއްވެ ރޯން ތިއޮތީ؟ އަދިވެސް ވަގުތު އެބައޮތް ދަރިފުޅާ. ދަރިފުޅު ބޭނުންތަ ރަޔާންއާ ކައިވެނިކުރަން؟" އަމީރާއަށް އައު ހިތްވަރެއް ލިބުނެވެ. "މަންމަ ރަޔާންއާ ވާހަކަ ދައްކަންތަ؟"
"ނޫން މަންމާ ނޫން.." ލިމްޔާ އަވަސް އަވަހަށް ބުނެލިއެވެ.
"މަންމައަށް ޔަގީން ދަރިފުޅު ރަޔާންއާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނެފިއްޔާ ތިކައިވެނި ކުރެވޭނެކަން. ރަޒީނާގެ ހުއްދަ ލިބޭނެ. ރަޒީނާ ދަރިފުޅުދެކެ ނުލާހިކު ލޯބިވޭ" ރަޒީނާ އެކައިވެންޏާއި ރުހި ގަބޫލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަމީރާއަށް އޮތެވެ.
"އެކަމަކު..." ލިމްޔާ އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ.
"ދެން ހުއްޓާލާ ދަރިފުޅާ. ދިރިއުޅުމަކީވެސް އިމްތިހާނެކޭ. ރަޔާން ނޫނަސް ދަރިފުޅަށް އިންނާނެ ރަނގަޅު ކުއްޖަކު ވެދާނެއެއްނު. މަންމަވެސް އަދި މިހުރީނު ދަރިފުޅު ކައިރީ" އަމީރާ ލިމްޔާއަށް ހިތްވަރު ދިނެވެ.
"ރަޔާންއަށް އެ ކައިވެނި ކުރުން ނޫންގޮތެއް ނެތޭ މަންމާ. ރެންއަށް ލިމްއަކާ މެރީއެއް ނުކުރެވޭނެ" ލިމްޔާއަށް ބުނެވުނެވެ.
ބުނެވުނީ މަންމަގެ ކައިރީ ބުނަން ނުވާވަރުގެ ވާހަކައެއްކަން އެނގުމުން ލިމްޔާގެ ހިތް ތެޅިގަތެވެ. ރަޔާންގެ ސިއްރެއް އަމިއްލަ މައިމީހާގެ ކައިރީގައިވެސް ހާމަކުރަން ލިމްޔާ ބޭނުމެއް ނުވެއެވެ.
********
ގެއަށް އައިސް ވަން ރަޔާންއަށް އަފްސަމް ދެއްކި ވާހަކަތަކާއިމެދު ވިސްނާލެވުނެވެ. އަފްސަމް ދެއްކީ ގަބޫލުކުރެވޭ ކަހަލަ ވާހަކައެވެ. އަފްސަމް ބުނިހެން ޔަލްވީ އާއި ކައިވެނިކުރުން ނޫން ގޮތެއް ރަޔާންއަކަށް ނެތެވެ.
"މަންމާ!..." ރަޒީނާގެ ކޮޓަރި ދޮރު ހުޅުވާލަމުން ރަޔާން އޭނާގެ މަންމައަށް ގޮވާލިއެވެ.
ރަޒީނާ އިނީ ޤުރުޢާން ކިޔަވާށެވެ. ރަޔާން އެތެރެއަށް ވަނުމުން ފޮތް ލެއްޕިއެވެ.
"ކަމަކުތަ މަންމަ ގުޅީ؟.." އެނދުގައި އިށީންނަމުން ރަޔާން އަހައިލިއެވެ.
ރަޒީނާ މުސައްލަ އޮޅާލާފައި އެ އޮންނަ ތަނަށް ލިއެވެ. އެއަށްފަހު ރަޔާންގެ ކައިރީގައި އިށީނެވެ. އޭނާ ބޭނުންވީ ލިމްޔާގެ ވާހަކަ ދައްކާށެވެ. އެކަމަކު، ރަޔާންގެ މޫނުންވެސް ވާހަކައެއް ބުނަން ބޭނުންވާފަދަ އަސަރުތަކެއް ފެނުމުން، ދަރިފުޅަށް ފުރުސަތު ދޭން ނިންމިއެވެ.
"މަންމަ އަށް ހީވަނީ ދަރިފުޅު މަންމަ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފަހެން ތީނީ..." އަޅައިގެން އިން ފޮތްކިޔާ އައިނު ނެގުމަށްފަހު، އެނދުގެ ސައިޑް ޓޭބަލް މަތީގައި ބާއްވާލަމުން ރަޒީނާ އަހައިލިއެވެ.
"މަންމަ އަބަދުވެސް އުޅެނީ އަޅުގަނޑު މީހަކާ ނީނދެގެންނެއްނު. މަންމަގެ އެދުން ލަސްތަކެއްނުވެ ފުރިހަމަވެދާނެ" ހިތުގެ އިހުސާސްތައް ފޮރުވަމުން ރަޔާން ބުންޏެވެ.
"ދަރިފުޅު ތިބުނީ ދަރިފުޅު މީހަކާ އިންނަ ވާހަކަތަ؟" ރަޒީނާ އަހައިލިއެވެ.
މަންމަ ހާދަ އުފާވެއްޖެއޭ" ރަޔާން ބޯޖަހައިލުމުން، ރަޒީނާއަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. "ދަރިފުޅުގެ ދުލުން ތިހެން ބުނެލާ އަޑު އަހާލާ ހިތުން މަންމަ މިހުންނަނީ ކެތްމަދުވެފަ. މަންމައަށް އޭރުވެސް އެނގުނޭ ދަރިފުޅުމެން އުޅުނު ގޮތުންވެސް ލަސްތަކެއްނުވެ މަންމަ ބޭނުންވާ ހަބަރު ލިބޭނެކަން"
މަންމަ ދައްކަނީ ލިމްޔާގެ ވާހަކަ ކަން އެނގުމުން ރަޔާން ހާސްވިއެވެ. ރަޒީނާގެ ދުލުން ލިމްޔާގެ ނަން ބުނުމުގެ ކުރިން ޔަލްވީގެ ވާހަކަ ބުނަން ރަޔާން އަވަސްވެގަތެވެ.
"ތީ މަންމަވެސް ދައްކަން އުޅުނު ވާހަކަ" ރަޔާނަށްވުރެ ކުރިން ރަޒީނާ ވާހަކަ ދައްކަން ފެށިއެވެ. "ލިމްޔާއަކީ ހުރިހާ ގޮތަކުންވެސް ދަރިފުޅަށް އެންމެ އެކަށީގެންވާ ކުއްޖާ. ދަރިފުޅުގެ ތި ނިންމުމަށް މަންމަ ހިތުން ރުހުމުން ގަބޫލު. މަންމަ ބޭނުންވަނީ ހަމަ މިއަދުން މިއަދަށްވެސް ތި ކައިވެނި ކުރަން. މަންމަ މިއަދު ވަރަށް އުފާވެއްޖެ"
ލިމްޔާ ނޫން އެހެން އަންހެން ކުއްޖަކާއިއެކު ރަޔާން ފެނިފައިނުވާތީ ރަޒީނާއަށް ހީކުރެވުނީ އެކުއްޖަކީ ލިމްޔާ ކަމަށެވެ. އެ ދެކުދިން ގުޅުމަކީ ރަޒީނާ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެކެވެ.
ރަޔާންގެ ދުލުގައި ކަސްތޮޅު ލެވުނެވެ. މަންމަ އެހާ އުފާވެފައި ހުއްޓާ ދެރަކޮށްލާކަށް ހިތެއް ނޭދުނެވެ. އެކަމަކު، ހާލަތާއި ވަގުތުގެ ގޮތުން ނުބުނެ މަޑުކުރެވޭކަށްވެސް ނެތެވެ. ހުރިހާ ކޮޅަކުން ފިތި ބާރުވަމުންދާ ކަހަލަ އިހުސާސެއް ރަޔާންއަށް ކުރެވެމުން ދިޔައެވެ. އެއް އަނދަވަޅަކުން ސަލާމަތްނުވެ އުޅެނިކޮށް އަނެއް އަނދަވަޅަކަށް ވެއްޓުނީއެވެ.
"ކިހިނެއްވީ؟" ރަޔާން އެއްޗެއް ނުބުނެ އިންނަން ފެށުމުން ރަޒީނާ ސުވާލުކުރިއެވެ.
"ލިމްއަކީ އަޅުގަނޑުގެ ގާތް ފްރެންޑެއް" ރަޔާން ބުނެލިއެވެ.
ރަޔާންގެ ވާހަކައިން ކައިވެނި ކުރަން އުޅޭ ކުއްޖަކީ ލިމްޔާ ނޫންކަން ރަޒީނާއަށް އެނގުނެވެ. ރަޒީނާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ރަޔާން އާއި އިތުރު އަންހެން ކުއްޖަކާއި ގުޅުމެއް އޮންނަކަން އޭގެކުރިން ރަޒީނާއަށް އެނގިފައެއް ނުވެއެވެ. ވީއިރު އެހާ ކުއްލި ގޮތަކަށް ރަޔާން ކައިވެނީގެ ވާހަކަ ދެއްކުމުން ރަޒީނާ ހައިރާންވިއެވެ. ރަޔާން އޭނާގެ ހަޔާތުގެ ބައިވެރިޔަކު ހިޔާރުކުރާނީ ވަރަށް ވިސްނާފައިކަން ރަޒީނާއަށް އެނގެއެވެ. އެކަމަކު، އެކުއްޖަކީ ލިމްޔާ ނޫންކަން އެނގުމުން ރަޒީނާ އިނީ މާޔޫސްވެފައެވެ.
"އެއީ ކޮންކުއްޖެއް؟" ރަޒީނާ އަހައިލިއެވެ.
"ނަން ބުންޏަސް މަންމައަށް ނޭނގިދާނެ. މިރަށު ކުއްޖެއް ނޫން އެއީ. މާދަމާ އަންނާނެ މަންމައާ ބައްދަލުކޮށްލަން. ޔަލްވީގެ ޕޭރެންޓްސްވެސް އަންނާނެ" ރަޔާން ތަފްސީލް ދިނެވެ.
"ޔަލްވީ! ޔަލްވީތަ ކިޔަނީ؟" ފުންވިސްނުމެއްގައި އިނދެފައި ރަޒީނާ އަހައިލިއެވެ.
ރަޔާން ބޯ ޖަހާލުމުން ރަޒީނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ރަޔާން އާއި ޔަލްވީ އޭ ކިޔައިގެން ތުންތުންމަތިން ފެތުރިފައިވާ ވާހަކައިގެ އަޑު ރަޒީނާގެ ކަންފަތަށްވެސް ވަނީ ފޯރައިފައެވެ. އެ ވާހަކަތަކާއި ކައިވެންޏާއި ގުޅުމެއް އޮވެދާނެ ބާއޭ ރަޒީނާގެ ހިތަށް އެރިއެވެ. ރަޒީނާ އޭނާގެ ދަރިފުޅަށް އިތުބާރު ކުރެއެވެ. އެފަދަ ގޯސްމަގަކުން ދަރިފުޅު ގޮސްދާނެއޭ އޭނާގެ ހިތެއް ނުބުނެއެވެ.
********
ލިމްޔާ ރޮމުން ގެއަށް ދިޔަ މަންޒަރު ރަޔާންގެ ހިތުން ފިލުވައެއް ނުލެވުނެވެ. ލިމްޔާއާއި ބައްދަލުކޮށްލަން ހިތް އެދެން ފެށިއެވެ. ރަޔާންގެ ކޮންމެ ހިތާމައެއްގައި ލިމްޔާ ވަނީ ބައިވެރިވެފައެވެ. ވީއިރު، ލިމްޔާ ހިތުގައި ޖައްސާފައި ރަޔާން ދުރުގައި ހުރުމަކީ ރަނގަޅުގޮތެއް ނޫނެވެ.
ލިމްޔާގެ ގޭގެ ދޮރުމަތީގައި ހުރެފައި، ރަޔާން ސަލާން ގޮވާލިއެވެ. ސަލާން ބަލައިގަތީ، އަމީރާއެވެ. ރަޔާން ފެނުމުން އަމީރާއަށް ހިނިތުންވެލެވުނެވެ.
"ހާދަ ދުވަހެއް ކޮށްލާފަ ތިއައީ. އާދޭ އިށީންނަން. ދައްތަ އެބަ އަންނަން ލިމްޔާއަށް ގޮވާލާފަ" އަމީރާ އަވަސްވެގަތީ ލިމްޔާއަށް ގޮވަން ދާށެވެ. ރަޔާން އައުމުން ލިމްޔާ އުފާވާނެވަރު އަމީރާއަށް އެނގެއެވެ.
(ނުނިމޭ)