ލޯބިވެވުމުން... 12

ރަޒީނާގެ އަޑު އިވުމުން ލިމްޔާ ތެޅިގަތެވެ. ރަޔާނާއި ދުރަށްޖެހުނެވެ. އަވަސް އަވަހަށް ކަރުނަތައް ފޮހެލުމަށްފަހު، ހިނިތުންވެލެވޭތޯ ލިމްޔާ މަސައްކަތް ކުރިއެވެ.

********

"އެހާ ބޮޑުކަމެއް ނޫވެއޭ ދޯ ލިމް؟" ރަޔާން އަވަސް އަވަހަށް ބުނެލިއެވެ.

"މަންމަ އަންނަންދެން ދެމީހުން ނުކައިދޯ ތި ތިބެނީ" ލިމްޔާގެ ކޮނޑުގައި ފިރުމާލަމުން ރަޒީނާ ބުނެލިއެވެ. "މަންމައަށް އެކަނި ކާންދިނަކަސް ނުނިމޭނެ. އާދޭ ދެކުދިންވެސް"

ލިމްޔާ ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ރަޒީނާއަށް އެނގުނެވެ. އެނޫނީ ލިމްޔާ ފެންނަނީ އަބަދު ހިނިތުންވެލާފައި ހުންނަ ތަނެވެ. މިއަދު އެމޫނުގައި އުފާވެރިކަމެއް ނެތެވެ.

ރަޒީނާއާއި ލިމްޔާ ގެއަށް ވަންނަންދެން ރަޔާން ބަލަން ހުއްޓެވެ. ގޮތް ހުސްވެފައިވާ ނަޒަރަކުންނެވެ. ރަޒީނާ ލިމްޔާދެކެ ލޯބިވާވަރާއި ރަޔާނާއި ގުޅުވަން ބޭނުންވާވަރު ރަޔާނަށް އެނގެއެވެ. ލިމްޔާވެސް އޭނާގެ މަންމައަށް އަޅާލައެވެ. ރަޔާންއަށް އޭނާގެ ބޮލުގައި އަތުން ހިފަހައްޓާލެވުނެވެ. ފުންނޭވާއެއް ދޫކޮށްލުމުންވެސް ރަޔާނަކަށް ހަމަޖެހުމެއް ނުލިބުނެވެ. ލިމްޔާގެ މަޑު ގިސްލުމުގެ އަޑު އޭރުވެސް ރަޔާންގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ރަޔާންއަށް ގޮތް ހުސްވިއެވެ. ނިމާލުގެ އެއެދުމާއި ދެކޮޅު ހެދުމަށްފަހު ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތައް ހޭދަކުރަންވީ ހެއްޔެވެ؟ ނޫނީ ނިމާލުގެ ހުށަހެޅުން ބަލައިގަތުމަށްފަހު ލިމްޔާގެ ހިތުގައި ޖައްސައި ރޮއްވަންވީ ހެއްޔެވެ؟ ޔަލްވީގެ ސަބަބުން ރަޔާންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ހިނގައްޖެއެވެ.

********

އިރު އޮއްސެމުން އައި ވަގުތެވެ. އެހެން ދުވަސްދުވަހު އުޑުމަތިން ފެންނަ ރީތި ކުލަތަކެއް ނެތެވެ. އުޑުމަތި ވަނީ ކަޅު ވިލާތަކުން ބައްދާލާފައެވެ. އަފްސަމާއި ރަޔާން ތިބީ އަތިރިމަތީގައި ބަހައްޓާފައިވާ ޖޯލިފައްޗެއްގައެވެ. ރަޔާންގެ ނަޒަރު ހުއްޓިފައިވީ ބަނަވެފައިވާ ފަޒާއަށެވެ. އޭނާގެ ދިރިއުޅުންވެސް އެފަދައެވެ. ކުއްލިއަކަށް ހަޔާތް އަނދިރިވެގެންދިޔައީ ނުވިސްނާ ހުއްޓައެވެ.

"ކީކޭ ދެން ބުނާނީ" ރަޔާންގެ ވާހަކަ އަޑުއަހަން އިން އަފްސަމަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. "ތިހުންނަނީ މީހުންގެ މަކަރުވެރިކަން ހުންނަވަރު"

ރަޔާންގެ ދިރިއުޅުމުގެ ކަންކަން ހިއްސާކުރާ ހަމައެކަނި ފަރާތަކީ އަފްސަމްއެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އޭނާ އަފްސަމަށް އިތުބާރު ކުރެއެވެ. ބޮޑުކަމެއް ދިމާވާ ކޮންމެ ފަހަރަކު އެކަމަކުން އަރައިގަތުމަށްވެސް އެހީތެރިވެދެނީ އަފްސަމެވެ.

"ކިހިނެއް އެނގެނީ އެއީ އެމީހުން ރާވައިގެން ދޭންއުޅޭ ލަނޑެއް ނޫންކަމެއް. މާލޭ މީހުންނޭ އެއީ. މި ސިކުނޑިން ވިސްނާލަބަލަ!" ރަޔާންގެ ބޮލުގައި އަތް ޖައްސައިލަމުން އަފްސަމް ވާހަކަ ދެއްކިއެވެ. "އެއްގޮތަކަށްވެސް ތިކައިވެންޏާ އެއްބަސްވާނެކަމެއް ނެތް"

"ދެން އަހަންނަށް އިތުރުގޮތެއް އެބަ އޮތްތަ؟..." ރަޔާންގެ އަޑުގައިވީ މާޔޫސްކަމެވެ.

"ގޮތް ހުހެއް ނުވާނެ! އަހަރެން މިބުނާގޮތަށް ހަދާބަލަ!" އަފްސަމް ބުނެލިއެވެ.

"އެކަމަކު އަހަންނަށް އެއްބަސްވެވިއްޖެ..." ފުން ނޭވާއެއް ދޫކޮށްލަމުން ރަޔާން ބުންޏެވެ. "ކައިވެނިކޮށްގެން މިރަށުގަ އުޅެން އެމީހުން އެއްބަސްވީމަ އަހަރެން..."

"އަދި އެއްބަސްވެފަ އައިސްތަ މަގޭ ކައިރީ ތިހުރިހާ ވާހަކައެއް ތި ދެއްކީ؟" ރަޔާންގެ ވާހަކަ ނުނިމެނީސް އަފްސަމް ހިތްހަމަނުޖެހިފައި ބުނެލިއެވެ. "އަހަންނަށް ހީވަނީ އެ މަންޖެ ކޮންމެސް ބޮނޑިއެއް ބޮއެގެން ކަންނޭގެ މިރަށަށް ތިއައީ. އެކަންތައް ރަޔައްޓެ ބޮލުގަ އަޅުވަން އެމީހުން އެ އުޅެނީ. ނިކަން ވިސްނާލަބަލަ! އެހާ މުއްސަނދި މީހެއް، ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި އެހާ ފަސޭހައިން ނުވެސް ދަންނަ ބީރައްޓެއްސަކާ ކުއްލިގޮތަކަށް ހަމަޖެއްސީ ކީއްވެ؟ އަނެއްކާ ތިބުނީ އެކުއްޖާ މިރަށުގަ އުޅޭގޮތަށްވެސް އެމީހުން އެއްބަހޭ. ހުރި ހަމައެކަނި ދަރިފުޅު މިކަހަލަ ރަށަކަށް ދޫކޮށްލާފަ ދާން ނިންމާނީ ގައިމު ކޮންމެސް ނުބަޔެއް އުޅޭތީނު"

އަފްސަމްގެ ވާހަކަތަކާއިމެދު ރަޔާނަށް ފުންކޮށް ވިސްނާލެވުނެވެ. އަފްސަމް ދެއްކީ ބުއްދި ހަމަޖެހޭ ވާހަކަތަކެކެވެ. ވިސްނާލުމުން، ކަމެއް ގޯސްހެން ރަޔާނަށްވެސް ހީވާން ފެށިއެވެ.

"ރީއްޗަކަސް ހާދަ ފާޑެއްގެ މަންޖެއެކޭ އެއީ" ޔަލްވީ އުޅުނުގޮތާއި ދޭތެރޭ ވިސްނާލަމުން އަފްސަމް ބުނެލިއެވެ. "އަހަރެން މި ހިތަށް އަރަނީ ރަޔައްޓެއަށް އެމަންޖެއާއެކީ ކެތްކޮށްލެވޭނެބާއޭ؟ އެދެން ރަޔައްޓެގެ ސްޓައިލެއްވެސް ނޫނެއްނު"

ދެމީހުންގެ ދޭތެރޭގައި ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. އަފްސަމްވެސް އޮތީ ދެން ހެދޭނެގޮތަކާއިމެދު ވިސްނާށެވެ.

"ޔެސް!..." އަފްސަމް ކުއްލިއަކަށް ފުންމައިގެން ޖޯލިން ތެދުވިއެވެ.

ރަޔާން ދިޔައީ ސިއްސައިގެންނެވެ. އަފްސަމްއާއި އެއްކޮށް ރަޔާންވެސް ހުރީ ކޮޅަށް ތެދުވެއެވެ.

"ކޯއްޗެއް؟ ކޯއްޗެއް؟" ވަށައިގެން ހޯދަމުންދިޔަ ރަޔާންގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.

"ޔަލްވީ" އަފްސަމްގެ ހިނގަނޑު ފަޅައިގެން ދިޔައެވެ. "ޔަލްވީއެއްނު ދެން މިތަނުން ފެންނާނީ. އޭނަގެ ވާހަކަވިއްޔަ މި ދައްކަނީ"

"ވަޓް؟..." ރަޔާން ޖޯއްޔަށް ވެއްޓިގަތެވެ.

"ތިހާ ބިރުގަންނަންޏާ ކިހިނެއް ހިޔާލެއްވެސް ދޭނީ" ޖޯލީގައި އިށީންނަމުން އަފްސަމް ބުނެލިއެވެ. "އަހަންނަށް އައިއްސިއޭ ވަރަށް ސަޅި އައިޑިޔާއެއް. ތިކަންތަކުން ވަރަށް ފަސޭހައިން ސަލާމަތްވެވިދާނެ ގޮތެއް ބުނަންތަ؟"

"ކޮންގޮތެއް؟..." ރަޔާން ޝައުގުވެރިވިއެވެ.

"ތި ކައިވެނި ކުރޭ!" އަފްސަމް ހިޔާލު ދިނެވެ. "ކައިވެނީގެ ފަހުން ހުރިހާ ބާރެއް އޮންނާނީ ފިރިމީހާގެ އަތުގަ. އެމަންޖެ ކުރި ކަންތަކުގެ ބަދަލު ހިފާލާ"

"ތީތަ ބުނަން އުޅުނު މޮޅު ހިޔާލަކީ؟.." ރަޔާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކީއްތަވީ؟ ކުޑަކަމެއް ނޫނޭ އޭނަ ކުރީ. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކުރަން ހިތުވެސް ނުލާވަރުގެ ފިލާވަޅެއް ދިނީމަ އެއްޗެއް ވިސްނިދާނެ. ދުވަސްކޮޅަކުން އޭނަ އަމިއްލައަށް ރަޔައްޓެގެ ދިރިއުޅުމުން ހިނގައިދާނެ. އޭރުން ހުރިހާ ޕްލޭންއެއް އެއްފަހަރާ ކާމިޔާބުވީ. ސަޅިއެއްނޫންތަ މިއައިޑިއާ؟" އަފްސަމް ނިތް އަރުވައިލިއެވެ.

ރަޔާންގެ މޫޑު ގޯސްވިއެވެ. ބަދަލު ހިފުމުގެ ރޫހު ރަޔާންގެ ކިބައިގައި ނެތްއިރު، އެފަދަ ކަމަކަށް އެއްބަސްވެވޭނީ ކިހިނެއް ހެއްޔެވެ؟

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ. އަހަރެން ބޭނުންވީ މިކައިވެނި ނުކޮށް ވާނެ އެއްވެސް ގޮތެއް އޮތްތޯ ބަލަން. އެކަމަކު، އެއްވެސް ސޮލިއުޝަންއެއް ނުފެނޭ. ނޭނގެ ކީއްވެ ކަމެއް އަހަރެންގެ ހިތް މިހާ ނުތަނަވަސް މިވަނީ. ހީވަނީ ހުރިހާ ކަމެއް މިދަނީ ގޯސްކޮށޭ. އަނެއްކޮޅުން ޔަލްވީއަކީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއް. ގޭތެރޭގެ މަސައްކަތްތަކުގަ މަންމައަށް އެހީތެރިނުވަންޏާ އަހަރެން މަންމައަށް ދައްކާނީ ކޮން މޫނެއް؟" ރަޔާން ވިސްނީ އޭނާގެ މަންމައާއިމެދުގައެވެ.

"އަހަންނަށް ހީވަނީ އެމަންޖެ ހެދުން އަޅާގޮތް ފެނިފަވެސް ރަޒީނައްތައަށް ހާޓް އެޓޭކެއް ޖެހޭނެހެން.. އެމީހުން ރަޒީނައްތަ ކައިރިއަށް ގެންދިޔުމުގެ ކުރިން ހުރިހާ ވާހަކައެއް ކިޔާދޭން އަހަންނަށް ފެންނަނީ. ރަޒީނައްތަ އަންޑަސްޓޭންޑް ވާނެ" އަފްސަމް ހިޔާލު ދިނެވެ.

"ބޯހަލާކު.." ރަޔާން އޭނާގެ ދެއަތުން މޫނުގައި ފިރުމައިލިއެވެ.

"ތި ކައިވެނި ކުރުން ނޫން ގޮތެއް ދެން ނެތް. ތިހުރީ އެއްބަސްވެގެން" ގޮތް ހުސްވެފައިވާ ރާގަކަށް އަފްސަމް ބުނެލިއެވެ. "ނިމާލަކީ ކިހާ ނުރައްކާތެރި މީހެއްކަން އަހަންނަށް އެނގިއްޖެ. މިހާރު ބޮޑަށް ވިސްނަންވީ ރަޒީނައްތައާ ދޭތެރޭ. ރަޒީނައްތައަށް ދެރަގޮތެއް ވެއްޖެއްޔާ މާދެރަ. ތެދަށް ބުނަންޏާ، ތި ކައިވެނި ކުރުމަށްވުރެ ނުކުރުމުން ރަޔައްޓެއަށް ލިބޭ ގެއްލުން މާ ބޮޑުވާނެ. އެމީހުން ރަޔައްޓެ ހަމަޖެހިގެން އުޅުނަކަ ނުދޭނެ"

ރަޔާންގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅީ ރަޒީނާއެވެ. އަފްސަމަށް ފޯނުގެ އިސްކްރީން ދައްކައިލުމަށްފަހު، ރަޔާން ތެދުވެގެން ދިޔައެވެ. އެކުވެރިޔާގެ ހާލާއިމެދު އަފްސަމަށް ހަމްދަރުދީ ވެވުނެވެ. އެހީވާން ކިތަންމެ ބޭނުންވި ނަމަވެސް އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ.

********

"އަހަރެން ބޭނުންވަނީ މިގޮތަށް ވެޑިންގް ޑްރެސް ފަހަން. ހަމަ މިހެން ފަހާނީ" ޔަލްވީ އޭނާގެ ފޯނުން ނަފީސާއަށް ތަސްވީރެއް ދެއްކިއެވެ.

"އެކަމަކު ދަރިފުޅާ! މަންމައަށް ތި ހެދުން އެއްގޮތަކަށްވެސް ކަމަކުނުދޭ" ޔަލްވީ ދެއްކި ހެދުން ނަފީސާއަކަށް ކަމަކުނުދިޔައެވެ. "ކަރުވެސް އެހާ ބޮޑު. ބުރަކަށިވެސް ތިއޮތީ ފެންނާކައްނު"

"އެކަމަކުވެސް ހެޔޮ. ހަމަ މިކަހަލަ ހެދުމެއް ބޭނުންވަނީ" ޔަލްވީ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

"ބައްޕަ ހިތްހަމައެއް ނުޖެހޭނެ ދަރިފުޅާ! ތީ ދެން މުސްލިމުން ލާކަހަލަ ހެދުމެއްވެސް ނޫނެއްނު" ނަފީސާއަށް އެއްބަހެއް ނުވެވުނެވެ.

ޔަލްވީގެ މޫނަށް ވެރިވި ކުލަވަރުން ނަފީސާ ޖެހިލުންވިއެވެ. ދަރިފުޅު ހުރިގޮތުން ހިނިވެސް އައެވެ. ޔަލްވީ އާއި ދެކޮޅުހެދުން އެއީ ނަފީސާއަށް ކުރެވުނު ގޯސްކަމެކެވެ. އެކަން ފޫބައްދަން ނަފީސާއަށް ޖެހޭނީ ޔަލްވީ އެދޭ އެދުމާއި އެއްބަސްވާށެވެ. ޔަލްވީ އެހާ ރަނގަޅަށް ހުއްޓާ، މޫޑު ހަރާބުކުރާކަށް ނަފީސާ ބޭނުމެއް ނުވިއެވެ.

"މަންމަ އަބަދުވެސް ބުނަމެއްނު ތިގޮތަށް މޫނު ކުނިނުކުރާށޭ. ދަރިފުޅު ރުޅިއައީމަ ތުންކޮޅުވެސް އިންނާނީ ސަތޭކަ ފޫޓަށް ދިގުކޮށްލާފަ" ނަފީސާ ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ދަރިފުޅު ތިއުޅެނީ މިހާރު މީހަކާ އިންނަން. ތަންކޮޅެއް ވިސްނުން ހަރުދަނާ ކުރަންވާނެ"

"މިގަޑީ މަޖާކުރާކަށް ބޭނުމެއް ނޫން. މަންމައަށް ވެޑިންގް ޑްރެސް ކަމުނުދިޔަސް، އަހަރެންގެ އެކުވެރިންނަށް ނުލާހިކު ރީތިވެގެން އުޅުނު"

"ހެދުން ހަޑި ވާހަކައެއް މަންމަވެސް ނުބުނަމެއްނު. މަންމަ މި ބުނަނީ ހެދުން ތަންކޮޅެއް ނިވާކަން ކުޑައީއޭ" ނަފީސާ ތަކުރާރުކޮށް ބުނެލިއެވެ.

"މަންމަ ތީ މާ ކުރީޒަމާނުގެ މީހެކޭ. މަންމަގެ ހުންނާނީ ކުރީޒަމާނުގެ ކަޓު ހިޔާލު. އެހެންވީމަ މަންމައަށް ކޯއްޗެއްތަ އެނގޭނީ" ޔަލްވީ ހުރީ ހިތްހަމަނުޖެހިފައެވެ. "މިޒަމާނުގަ ކާކުތަ ތިބުނާހާ ނިވާވެގެން އުޅެނީ؟ ޒަމާން މިއޮތީ ބަދަލުވެފައޭ. ޒަމާނާ އެއްވަރަށް މީހާގެ ލޯވެސް ހުޅުވެން ޖެހޭނެ. އަހަރެން ބޭނުންވަނީ އަހަރެން ފެނިފަ އެންމެން އަޖައިބުވާވަރު ކުރަން. މާލޭގަ ތިބި ފްރެންޑްސްވެސް ޕާޓީއަށް އަންނާނެ"

"ހުރިހާ ކަމެއްވެސް ދާނީ ދަރިފުޅު ބޭނުންވާ ގޮތަށޭ. އެކަމަކު މަންމަގެ ބޭބީ ތުންކޮޅު ދިގުކޮށްލާފަ ހުންނައިރުވެސް ހާދަ ރީއްޗޭ! ހަމަ ހީވަނީ ކުޑަކުޑަ ޕްރިންސަސް އެއްހެން...." ނަފީސާ ބޭނުންވީ ޔަލްވީ ރުޅިގަދަވުމުގެ ކުރިން ހެއްވާލާށެވެ.

ހަގީގަތުގައި ނަފީސާ ހުރީ ހާސްވެފައެވެ. ނިމާލަށް އެހެދުން ފެނިއްޖެނަމަ، ވަގުތުން ދެކޮޅުހަދާނެކަން ނަފީސާއަށް އެނގެއެވެ. އެހެންވެއްޖެނަމަ ޔަލްވީ ރުޅިއައިސްގެން ކައިވެންޏަށް ދެކޮޅުވެސް ހަދައިފާނެއެވެ. އެންމެންގެ ތެރޭގައި ބޭޒާރުވެގެން ދާނީ ނަފީސާމެންނެވެ.

"ދަރިފުޅަށް ފެންނަ ގޮތަކަށް ހެދުން ފެހިޔަސް މަންމައަށް އެންމެ ރަނގަޅު. އެކަމަކު ބައްޕަ ކައިރީ އަހަލާތި އިނގޭ..." ނަފީސާ ރުހުން ދިނީ ހިތާއި ދެކޮޅަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު