އެ މިނިސްޓްރީގެ އިސްނެގުމާއެކު، ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ކ. ހިންމަފުށީގެ ޑީޓީއާރްސީގައި އެންޑީއޭއިން އަލުން ހިންގަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ހިއްސާކުރި މެސެޖެއްގައި ގައި ބުނީ، މި ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓާނީ ފުލުހުން ކަމަށެވެ.
އޭގެއިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެކަމުން ރަނގަޅުވާނެ ބޭނުންވާ ހަތް މީހަކު މިދިޔަ ހޮނިހިރު ދުވަހުން އިއްޔެގެ ނިޔަލަށް ފުލުހުންގެ ފަރާތުން އެންޑީއޭއާ ހަވާލުކޮށްފައިވާ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

ހުޅުމާލެ ރިހެބިލިޓޭޝަން ސެންޓަރު: ހޯމް މިނިސްޓްރީގެ އިސްނެގުމާއެކު، ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު، ހިންމަފުށީގައި ވަނީ އަލުން ހިންގަން ފަށައިފަ ސަން ފޮޓޯ/ ފަޔާޒު މޫސާ
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ މި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެފަދަ މައްސަލަތަކުގައި ފުރާވަރުގެ ކުދިން ވެސް ޝާމިލުވާކަން ފާހަގަކުރެވޭއިރު މިފަދަ މައްސަލަތަކަށް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައެއް ނެތެވެ.
ބައެއް މީހުން އެ ވަބާއިން ސަލާމަތްވުމަށް ރިހެބިލިޓޭޓްކުރި ނަމަވެސް އަނެއްކާ ވެސް އެ ވަބާއަށް ގޮސްފައި އެބަ ހުއްޓެވެ.
މި މަހު ފަހެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ، ތިން ހަތަރު ފަހަރު ވިސްނާލުމަށް ފަހު ރާއްޖޭގައި އެކަން ކުރުމަށް ބިރުގަންނަވަރު ފުލުހުން ކުރަންޖެހޭނެ ކަމަށެވެ.
ކުރީ ސަރުކާރުތަކުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ނިޔަތެއް ނެތުމުން، އެ މައްސަލަ ހައްލުނުވެ އޮތް ނަމަވެސް، މި ސަރުކާރުގެ އެ ނިޔަތް އެބަ އޮތް ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ހަމަ އެކަނި ނިމިދިޔަ މެއި މަހުގައި މަސްތުވާތަކެތީގެ 88 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ އޭޕްރިލް މަހުގައި މަސްތުވާތަކެތީގެ 116 މައްސަލައެއް ހުށަހަޅާފައިވެއެވެ.