ކޮޕާ އެމެރިކާ: ޗިލީއާއި ޕެރޫ އެއްވަރު، ފާޑުކިޔުން މި ފަހަރު ވެސް ވިނަގަނޑަށް

ޕެރޫ އާއި ޗިލީ ބައްދަލުކުރި މެޗުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވޭ -- ފޮޓޯ: ޑެޓިކްސްޕޯޓް - ޑެޓިކްކޮމް

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޕެރޫއާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޓެކްސަސްގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. "އޭޓީ އެންޑް ޓީ" ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް މާ ރަނގަޅު ކުޅުމެއް ނުކުޅެވުނެވެ.

އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 16 ވަނަ މިނެޓުގައި ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒަށެވެ. ނަމަވެސް، ވިކްޓާ ޑަވީލާ ޕެރޫގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ލިބުނު މި ފުރުސަތުގައި ސަސްޗޭޒް ޖެހި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑުމަތިން ބޭރަށެވެ.

މެޗު އެއްވަރުވުމާ އެކު އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ އެއް ޓީމަކަށް ވެގެންދާނީ ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން ބަލިވި ކެނަޑާއެވެ. މިއާ އެކު ދެވަނަ ބުރަށްދާން ކެނެޑާއަށް ފުރުސަތު ބޮޑުވީއެވެ. ނަމަވެސް އެކަން ވާނީ ކެނެޑާއިން މި ދެޓީމާ އެކު ކުޅޭ ދެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިގެންނެވެ.

ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ސްޓޭޑިއަމްގެ ވިނަގަނޑަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މި ގޮތުން ޕެރޫގެ ކެޕްޓަން ހޯގޭ ފޮސާޓީއަށް މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އަނިޔާވެގެން ބާލަން ޖެހުނީ ވިނަގަނޑުގެ ސަބަބުން ކަމުގައި އޭނާވަނީ މެޗަށް ފަހުން ހާމަކޮށްފައެވެ.

އޭނާ ބުނީ، ދަނޑުގައި އިންދާފައިވާ ވިނައަކީ ފުޓްބޯޅަ ދަނޑެއްގައި އިންދާ ކަހަލަ ވިނައެއް ނޫންކަމަށެވެ. އާޖެންޓީނާއާއި ކެނެޑާ ބައްދަލުކުރި މެޗުގައި ވެސް ދަނޑުގެ ވިނަގަނޑަށް ވަނީ ފާޑުކިޔުން ކުރިމަތިވެފައެވެ. މިގޮތުން، އާޖެންޓީނާ ޓީމުގެ ކޯޗު ލިއޮނެލް ސްކޮލޯނީ ފާހަގަކުރިގޮތުގައި މެޗު ކުޅުނު ދަނޑުގެ ވިނަގަނޑަކީ މި ފެންވަރުގެ ކުޅުންތެރިން ކުޅޭ ވަރުގެ ވިނައެއް ނޫނެވެ.

މުބާރާތުގައި މާދަމާ ފަތިހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެކުއެޑޯއާއި ވެނެޒުއޭލާއެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެން ފްރަންސިސްކޯގެ ލިވައިސް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް