ތަށި ދިފާއު ކުރަން ނުކުތް އާޖެންޓީނާގެ ފެށުން ރަނގަޅުކޮށްފި

މެސީވަނީ ކޮޕާ އެމެރިކާގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށް ވެގެން ގޮސްފަ / ފޮޓޯ: ފްރާންސް 24

ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކާމިޔާބުކޮށް އެޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އެމެރިކާގައި މިފަހަރު ބާއްވާ މިމުބާރާތުގެ ފުރަތަމަ މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވަނީ ކެނެޑާއާ ބައްދަލުކޮށް ދެ ލަނޑު ސުން ލަނޑުންނެވެ.

އެޓްލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. ނަމަވެސް ކެނެޑާއިންވަނީ މިމެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލައިފައެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި އާޖެންޓީނާއިން ލީޑު ނަގައިފާވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.

މިއީ އޭނާ އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން އަށް ވަނަ ލަނޑެވެ. މިމެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ލައުޓާރޯ މާޓިނޭޒްއެވެ. މިލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިމެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އާޖެންޓީނާއަށް ލިބުނެވެ. މީގެތެރޭގައި މެސީއަށް ލިބުނު ހުސް ދެ ފުރުސަތެއް ވެސް ފާހަގަކޮށްލެވުނެވެ.

މިމެޗުގައި މެސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އޭނާވަނީ މިމެޗާއެކު ގިނަ ރިކޯޑްތަކެއް ގާއިމްކޮށްފައެވެ. މިގޮތުން މިމެޗާއެކު މެސީ ވަނީ ކޮމެބޯލް ކޮޕާ އެމެރިކާގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށް ވެފައެވެ. މިމެޗުގައި ކުޅުމާއެކު އޭނާ މިވަނީ ކޮޕާ އެމެރިކާގައި 35 މެޗުގައި ވާދަކޮށްފައެވެ. އަދި މިމެޗުގައި އޭނާ ކުރި އެސިސްޓާއެކު މެސީ ވެފައިވަނީ ބައިނަލްއަޤްވާމީ ބޮޑު މުބާރާތްތަކުގައި އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާއަށްވެސް ވެފައެވެ.

އޭނާވަނީ ވޯލްޑް ކަޕާއި ކޮޕާ އެމެރިކާގައި މިހާތަނަށް ލަނޑު ޖެހުމަށް 28 އެސިސްޓް ކޮށްފައެވެ. އަދި ހަމައެއާއެކު ފުޓްބޯޅައިގައި ރިކޯޑް ކުރެވިފައިވާ ތަފާސްހިސާބަށް ބަލާއިރު ފުޓްބޯޅައިގެ ތާރީޚުގައި 373 އެސިސްޓާއެކު އެންމެ ގިނަ އެސިސްޓް ކޮށްފައިވާ ކުޅުންތެރިޔާއަށްވެސް ވެފައެވެ. މީގެތެރޭގައި އޭނާ ކުޅުނު ކްލަބްތަކާއި ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި ވެފައިވާ އެސިސްޓްތައް ހިމެނެއެވެ.

މީގެއިތުރުން ކޮޕާ އެމެރިކާގެ ހަތް މުބާރާތެއްގައި މަދުވަގެން އެއް އެސިސްޓް ކުރި ހަމައެކަނި ކުޅުންތެރިޔާއަށްވެސް މެސީވަނީ ވެފައެވެ.

މިމެޗުން ލިބުނު ކާމިޔާބީއާއެކު އާޖެންޓީނާގެ ފެށުން ރަނގަޅު ކޮށްފައިވާއިރު ކެނެޑާއަށް މިވަނީ މިމުބާރާތުގެ ދެވަނަ ބުރަށް ދާން ބޭނުން ކަމަށްވާނަމަ ކުރިއަށް އޮތް ދެމެޗުގައި ރަނގަޅު ނަތީޖާއެއް ހޯދަން ޖެހިފައެވެ. މިމުބާރާތުގައި މިރޭ ފަތިހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭއަށް ނިސްބަތްވާ އަނެއް ދެޓީމު ކަމުގައިވާ ޕެރޫ އާއި ޗިލީއެވެ.

comment ކޮމެންޓް