ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކޮށްފި

އާ މަޖިލީހުގެ މެންބަރުންގެ ހުވާކުރެއްވުމުގެ ތެރެއިން: ވިހިވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނަނީ 10:15 ގައި -- ފޮޓޯ/ މަޖިލީސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވެވަޑައިގެން މެންބަރުން، މެންބަރުކަމުގެ ގާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

އާ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައެވެ.

އާ މަޖިލީސް ހުވާކުރަން މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އަލަށް އިންތިޚާބުވެވަޑައިގެން 93 މެންބަރުން ވެސް ވަނީ ހުވާކުރައްވައިފައެވެ. މެންބަރުން ހުވާކުރެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައެވެ.

އާ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ކާމިޔާބުކޮށްފައެވެ.

ވިހިވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:15 ގައެވެ. އެ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓު ނެގުމެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީއެއް އޮތް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އެ ޕާޓީގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަދި ނައިބު ރައީސްއަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބުކުރަން ފާސްކޮށްފައެވެ.

https://sun.mv/192506

މި މަޖިލީހުގެ މެޖޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނަވާނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކަމަށް ވެސް ޕީއެންސީން ވަނީ ނިންމައިފައެވެ. އަދި، އިދިކޮޅު އެމްޑީޕީން ވަނީ މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިންތިޚާބުކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު 19 ވަނަ މަޖިލީހަކީ އިދިކޮޅު އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ. އެކަމަކު، މި ފަހަރުގެ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން މި ފަހަރު އެމްޑީޕީއަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ހޮވުމަށް ފަހު ސޮއިކުރި އަމިއްލަ މެންބަރުންނާ އެކު 75 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ވެސް، އެމްޑީއޭއިން ދެ ގޮނޑި، އަދި، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވަނީ -- ފޮޓޯ/ މަޖިލިސް

ނިމުނު 19 ވަނަ މަޖިލީހުގެ ތިއްބެވި މެންބަރުންގެ ތެރެއިން މި ފަހަރުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވުނީ އެންމެ 11 މެންބަރުންނަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 19 ވަނަ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން މި ފަހަރުގެ އިންތިޚާބުގައި ވާދަ ވެސް ނުކުރެއެވެ. ގޮނޑި ދިފާއުކުރެއްވި މެންބަރުންނަކީ:

  • މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)
  • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
  • އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)
  • ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
  • މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
  • މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  • މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު
  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
comment ކޮމެންޓް