ކަނޑު ދަތުރުކޮށް، މޫދަށް އެރި އުޅެވޭ ވަރަށް މޫސުން ރަނގަޅުވެއްޖެ: މެޓް އޮފީސް

މޫސުން ގޯސްވެފައިވާ ދުވަސްވަރެއް--

ކަނޑު ދަތުރުފަތުރުކޮށް މޫދަށް އެރި އުޅެވޭ ވަރަށް މިހާރު މޫސުން ރަނގަޅުވެއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ބުނެފިއެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ފާއިތުވި ދެ ދުވަހު ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން ދެ މީހަކު ގެނބިގެން މަރުވެފައެވެ. އަދި ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.

ނަމަވެސް ތިން ދުވަސް ވަންދެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އޮރެންޖު އެލާޓުން، ރީނދޫއަށް ދަށްކޮށް، އެންމެފަހުން ހުދު އެލާޓަށް ރޭ ވަނީ ދަށްކޮށްފައެވެ.

https://sun.mv/192397

"ސަން"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، ކުރިއަށް ވުރެ ވައި މަޑުވެ ކަނޑުތައް ވެސް މިހާރު މަޑު ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކޮށް މޫދަށް އެރި އުޅެވޭ ވަރަށް މޫސުން ރަނގަޅުކަމަށް އެ އޮފީހުން ބުންޏެވެ.

ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން މެދުރާއްޖެ ތެރެއަށާއި އުތުރަށް ވިއްސާރަ ކަމަށާއި ނަމަވެސް ދެކުނަށް މޫސުން ރަނގަޅު ކަމަށް އެ އިދާރާއިން ބުންޏެވެ.

މެޓް އޮފީހުން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައި ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހަމައެއާއެކު ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެއަށް ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގެ ވަރަކަށް ހުންނާނެ ކަމަށާއި ދެކުނަށް ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު ކަަމަށް މެޓުން ބުންޏެވެ.

ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން މީގެ ކުރިން މެޓުން ވަނީ މޫދަށް އެރި ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ވަނީ ގެނބިގެން މަރުވެފައެވެ. އަދި އިއްޔެ މާލެ އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ވެސް ގެނބިގެން މަރުވެފައިވެއެވެ.

comment ކޮމެންޓް