މޫސުން މަޑުމަޑުން ރަނގަޅުވެ، އޮރެންޖުން ހުދު އެލާޓަށް ދަށްކޮށްފި

ވިއްސާރަވެ ކަނޑުގަދަވުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ދުވަސް ވަންދެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އޮރެންޖު އެލާޓުން، ރީނދޫއަށް ރޭ ދަށްވެ، އެންމެފަހުން ހުދު އެލާޓަށް މިރޭ ދަށްކޮށްފިއެވެ.

އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށްލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައިވަނީ މިރޭ 20:00 އިން މެންދަމު 1:00ގެ ނިޔަލަށެވެ.

މެޓުން ވަނީ އެ ސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، އެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެއާއެކު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުގެތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި ހަތް ފޫޓާއި ދިހަ ފޫޓު ހުންނާނެ ކަމަށް މެޓުން ބުނެއެވެ.

ނަމަވެސް، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

https://sun.mv/192297

މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، މިދިޔަ ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ އޮރެންޖު ސަމާލު ނެރެފައެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ފުލުހުން މިދިޔަ ބުދަ ދުވަހު ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރާން އިލްތިމާސްކޮށްފައެވެ. އަދި، ފަޅު ރަށްރަށަށް ދަތުރު ދިއުމާއި މޫދަށް އެރުން ފަދަ ކަންކަން ނުކުރާން ވެސް ފުލުހުން ވަނީ އަންގައިފައެވެ.

comment ކޮމެންޓް