ރަޝިއާއަށް ޖާސޫސްކޮށްދިން ކަމަށް ތުހުމަތުކޮށް އިނގިރޭސި ރައްޔިތަކު ކޯޓަށް ހާޒިރުކޮށްފި

އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓު. ފޮޓޯ/އިންގްލިޝް އަރަބިއާ

ރަޝިއާގެ ފޮރިން އިންޓެލިޖެންސް ސާވިސްއަށް އެހީތެރިވި ކަމަށް ދައުވާ އުފުލައިފައިވާ އިނގިރޭސިވިލާތުގެ ރައްޔިތަކު ލަންޑަންގެ ކޯޓަކަށް ހާޒިރުކޮށްފިއެވެ.

ލަންޑަންގެ އިރުމަތީގައި އޮންނަ ހާލޯއަށް ނިސްބަތްވާ ހަވާޑް ފިލިޕްސް، 64، ގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުންނެވެ.

އޭނާ ވަނީ ބުރާސްފަތި ދުވަހު ހައްޔަރުކޮށް ވެސްޓްމިންސްޓާ މެޖިސްޓްރޭޓްސް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުގެ ކުރިއަށްއޮތް އަޑުއެހުން ބާއްވަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުގެ އަޑުއެހުމެއް ދެން އޮންނާނީ ޖޫން 14 ވަނަ ދުވަހުއެވެ.

މެޓްސް ކައުންޓާ ޓެރަރިޒަމް ކޮމާންޑްގެ އޮފިސަރުން އިސްކޮށް ހަރަކާތްތެރިވާ އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އޮފިސަރުން ވަނީ ހާޓްފޯޑްޝަޔާ ސަރަހައްދުގެ އެޑްރެހަކާއި އެސެކްސް ސަރަހައްދުގެ އެޑްރެހެއް ވެސް ބަލައިފާސްކޮށްފައެވެ.

ފިލިޕިސްއަށް ދައުވާކޮށްފައިވާއިރު، އެ މައްސަލަ ފެންމަތިވެފައި ވަނީ ރަޝިއާ އިން ބުނެގެން ލަންޑަނުގައި ހުރި ޔޫކްރެއިންގެ މަރުކަޒެއްގައި އަލިފާން ރޯކޮށްލުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ 20 އަހަރުގެ ފިރިހެނެއްގެ މައްޗަށް މިދިޔަ އޭޕްރީލް މަހު ދައުވާ ކުރުމުންނެވެ.

ކޯޓުގެ ލިޔެކިޔުންތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ޑައިލިން އާލް ކިޔާ އެ މީހާއަކީ އިނގިރޭސި ސަރުކާރާއި އެހެން ގައުމުތަކުންވެސް ޓެރަރިސްޓް ގްރޫޕެއް ކަމަށް ކަނޑައަޅައިފައިވާ ރަޝިއާގެ ވެގްނާ ގްރޫޕާ ގުޅުން ހުރި މީހެކެވެ.

comment ކޮމެންޓް