ރަޝިއާގެ ދިފާއީ ވަޒީރު މަގާމުން ދުރުކޮށްފި

ޕޫޓިން، ޝުވީގޯ އާއެކު

މޮސްކޯ (13 މޭ 2024) : ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން، އެ ގައުމުގެ ދިފާއީ ވަޒީރު ސަރްގޭ ޝުވީގޯ މަގާމުން ދުރުކުރައްވައި ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އަމީން އާންމު ކަމުގެ މަގާމަށް އޭނާ އައްޔަން ކުރައްވައިފިއެވެ.

ރަޝިއާގެ ރިޔާސީ ތަރުޖަމާނު ދިމިތްރީ ބިސްކޯވު ވިދާޅުވިގޮތުގައި ޝުވީގޯ އަކީ ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަސައްކަތްތަކާބެހޭ ތަޖުރިބާ ވަރަށް ބޮޑަށް ހުރި ބޭފުޅެކެވެ. ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހަކީ ދިފާއީ ކަންކަމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މަޖިލީހެއްކަން ބިސްކޯވް ފާހަގަ ކުރެއްވިއެވެ.

މުރާސިލުން ބުނާގޮތުގައި ޕޫޓިން އޭނާގެ ކެބިނެޓަށް މިގެންނެވި ބަދަލަކީ ރިޔާސީ ފަސް ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެން މަގާމުގެ ހުވާކުރެއްވުމަށްފަހު ގެންނެވި ފުރަތަމަ ބަދަލެކެވެ. މީގެ އިތުރުން އިތުރު އެހެން ބަދަލުތައް ކެބިނެޓަށް ގެންނެވުމަކީވެސް ޕޫޓިން ކުރެއްވުން އެކަށީގެންވާ ކަމެކެވެ.

ދިފާއީ ވަޒީރުކަމުން ދުރުކުރެއްވި ޝުވީގޯއަކީ ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހަކީ ސީދާ ޕޫޓިން ޗެއާ ކުރައްވާ މަޖިލީހަކަށް ވެފައި އެ މަޖިލީހުގެ އަމީން އާންމުކަމަށް ޝުވީޣޯ އައްޔަން ކުރެއްވުމަކީ ޝުވީގޯ ޑީމޯޓު ކުރުންކަމަށް ނުބެލެވޭކަމަށް ރަޝިއާގެ މީޑީއާ ތަކުން ބުނެއެވެ.

ދިފާއީ ވަޒީރުކަމަށް އައު ބޭފުޅަކު އައްޔަން ކުރެއްވުމަށް ޕޫޓިން ނިންމެވީ ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމަ ދިގުލައިގެންދާތީ އައު ވިސްނުންތަކެއް އަސްކަރިއްޔާއަށް ގެނައުމުގެ ބޭނުމުގައި ކަމަށް ރަޝިއާގެ ރަސްމީ މީޑިއާ ބުނެއެވެ.

ކްރެމްލިން އާ ވަރަށް ގާތް މަސްދަރެއް ބުނާގޮތުން ދިފާއީ ވަޒީރުކަމަށް އަލަށް އައްޔަންކުރަން ޕޫޓިން ނިންމަވާފައިވާ ބޭފުޅަކީ ރަޝިއާގެ މަޝްހޫރު އިގްތިސާދީ ތަޖުރިބާކާރެއްކަމަށްވާ އެންޑްރޭ ބިލަސޯވްއެވެ. އޭނާއަކީ އަސްކަރީ ބެކްގްރައުންޑްގެ ބޭފުޅެއް ނޫނެވެ. ދިފާއީ ވަޒީރުކަމުގެ މަގާމަށް އައްޔަންކުރާނެ ދުވަހެއް އަދި ސާފުވެފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް