ޖަސްޓިން ބީބާ ބައްޕައަކަށް ވަނީ

ހެއިލީ ބީބާ ބަނޑުބޮޑު ކަމަށް އިއުލާނުކުރުމަށް ޖަސްޓިން ސޯޝަލް މީޑިއާއަށް ލީ ފޮޓޯއެއް

މިއުޒިކްގެ މި ވަގުތު އެންމެ ވަރުގަދަ ތަރީންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ބައްޕައަކަށް ވާން އުޅޭކަން އިއުލާނު ކޮށްފިއެވެ.

ޖަސްޓިންއާއި އޭނާގެ އަންހެނުން ހެއިލީ ބީބާއާ ދެ މީހުން ވަނީ އާއިލާއަށް އާ މެންބަރަކު އަންނަން އުޅޭކަން ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ދެ މީހުންގެ ސޯޝަލް މީޑިއާގައި ވެސް ވަނީ ހެއިލީ ބަލިވެއިންކަން ހާމަކުރާ ޕޯސްޓުތަކެއް އާންމުކޮށްފައެވެ.

މި ޕޯސްޓުތަކުގައި ދެމަފިރިން އެކީގައި ތިބެ ނަގާފައިވާ ފޮޓޯތަކެއް ހުއްޓެވެ. ޖަސްޓިންގެ ޕޯސްޓުގައި އިތުރު ވާހަކަތަކެއް ބުނެފައެއް ނުވެއެވެ. ހެއިލީގެ ޕޯސްޓުގައި ވެސް އިތުރު ވާހަކައެއް ނެތެވެ.

ހެއިލީ ބަލިވެއިން ކަމަށް ބުނެ އެމެރިކާގެ މީޑިއާތަކުން ވާހަކަތައް ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް، ދެމަފިރިން މީގެ ކުރީން އެ ވާހަކަ ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެންމެ ފަހުން އެ ވާހަކަ ކަށަވަރު ކޮށްދިނުމާ އެކު ތަރީންނާއި ފޭނުން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ދެމަފިރިންނަށް ދަރިއެއް ލިބެން އުޅެނީ ދެ މީހުންގެ ކައިވެންޏަށް ހަ އަހަރު ވީ ފަހުންނެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރީން ވެސް ހެއިލީ ބަލިވެއިން ކަމަށް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް، އެ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

ހެއިލީއާއި ޖަސްޓިން އެކީގައި ގުޅި އެންގޭޖު ވެފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި، ދެ މަހަށް ފަހު ދެ މީހުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ކައިވެނިކޮށްފައެވެ.

ވޯގްއަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ހެއިލީ ބުނެފައިވަނީ ދެ މީހުން ދިމާވެފައިވަނީ ވަރަށް ޒުވާން އުމުރެއްގައި ކަމަށެވެ. ދެ މީހުން ދިމާވުމުގެ ކުރީން ހެއިލީއަކީ ޖަސްޓިންގެ ވަރަށް ބޮޑު ފޭނެކެވެ.

comment ކޮމެންޓް