ކުލި ކޮންޓްރޯލް ކުރުމަކީ ކަމުދާ ކަމެއް ނޫން، އެއީ މާކެޓަށް ދޫކޮށްލަންޖެހޭ ކަމެއް: ހައިދަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: އޭނާ ވިދާޅުވީ ކުލި ކޮންޓްރޯލް ކުރުމަކީ ކަމުދާ ކަމެއް ނޫން ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މާލެ ސަރަހައްދުގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލްކުރުން އެއީ އެންމެ ކަމުދާ ގޮތް ނޫން ކަމަށާއި، އެއީ ހައުސިން މާކެޓަށް ދޫކޮށްލަންޖެހޭ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުލި ކޮންޓްރޯލްކުރުން މާކެޓަށް ދޫކޮށްލަން ޖެހެނީ އެ ކޮންޓްރޯލްކޮށްފި ނަމަ އޭގެ ސަބަބުން ބައެއް މައްސަލަތައް ދިމާވެދާނެތީ ކަމަށެވެ.

"އެހެން ނޫނިއްޔާ އެވާ ގޮތަކީ ކުލި ކޮންޓްރޯލްކުރަން ފަށައިފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭ ގެއްލުންތަކެއް ވެސް އުޅޭނެ،" ހައިދަރު ވިދާޅުވިއެވެ.

"އެއީ ހުޅުވާލެވިފައިވާ މާކެޓެއް އޮންނަ ގައުމެއްގައި ކުރަން ކަމުދާ ކަމެއް ކަމުގައި އިކޮނޮމިސްޓުން ވެސް ގަބޫލެއްނުކުރޭ. އެހެންވީމަ އަޅުގަނޑަކަށް ހިޔެއްނުވޭ ކުލި ކޮންޓްރޯލްކުރުމަކީ އަޅުގަނޑުމެން ކުރަން ކަމުދާ ކަމެއްހެނެއް،"

މާލެ ސަރަހައްދުގައި ދިރިއުޅެން ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ކޮންޓްރޯލްކުރުމަކީ އަބަދު ވެސް އާންމު ފަރުދުންނާއި ބައެއް ޖަމިއްޔާތަކުން ވެސް ކުރުމަށް ގޮވައިލާ ކަމެކެވެ.

މީގެ ކުރިން 800އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު މާލޭ ޓެނަންޓްސް ޔޫނިއަނުން ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލައިފައެވެ.

މުޅި ރާއްޖެއަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ހައްލުކޮށްދެއްވާނެކަމުގެ ވައުދުފުޅާ އެކުގައެވެ. އެ މަނިކުފާނު ވަނީ މި ފަސް އަހަރު ނިމޭއިރު، ބޯހިޔާވަހިކަން ބޭނުންވެ، އެ ކަން ފުރިހަމަނުވާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް