މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފި

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުހައްމަދު މާވީ

މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ އއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިރޭ 21:30އިން 1:30ގެ ނިޔަލަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މެޓް އޮފީހުން "ސަން"އަށް ބުނީ، ވިލާގަނޑުގައި ވައިގަދަވެ ކަނޑަގަދަވުން އެކަށީގެންވާ ނަމަވެސް އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނީ އާދައިގެ ވަރަކަށް ކަމަށެވެ. އަދި މިހާރު ވެސް ކުރަމުން އަންނަނީ، އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭތީ ދެ މޫސުން ބެދޭ ވިއްސާރަކަން އެ އިދާރާއިން ފާހަގަކުރިއެވެ.

މި ދުވަސްވަރަކީ ވިއްސާރަނުކުރާނަމަ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެކެވެ. އަދި ވާރޭ ވެހޭ ނަމަ ބޯކޮށް ވާރޭ ވެހި ގުގުރައެވެ.

މިއަދު ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކޮށްފައިވެއެވެ.

comment ކޮމެންޓް