ބިބީ އަކީ ބިރުވެރި ކޮމެޑީއެއް

ބިބީ ފިލްމުގެ ޝޫޓިން ތެރެއިން

ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އާ ޕްރޮޖެކްޓު "ބިބީ" އަކީ ހޮރޯ ކޮމެޑީއެއް ކަމުގައި ހާމަކޮށްފިއެވެ.

ޑާކްރެއިންއިން ތަފާތު ގިނަ އާ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރެވެ. ޖުމްލަ ހަ ޕްރޮޖެކްޓެއް އިއުލާނު ކުރި ދުވަސްވަރު އަލަށް އިއުލާނުކުރި އެއް ޕްރޮޖެކްޓަކީ ބިބީއެވެ. މިި ފިލްމު އިއުލާނުކޮށް ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި އަހަރު އެންމެ ވަރުގަދައަށް ޑާކްރެއިންއިން މިހާރު ދައްކަމުން ދަނީ ބިބީގެ ވާހަކައެވެ. އެއާ އެކު ޝޫޓިންގެ މަސައްކަތް ނިމެން ކައިރިވާއިރު ފިލްމުގެ ތަފާތު މައުލޫމާތުތައް ދަނީ ހާމަކުރަމުންނެވެ.

އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ބިރުވެރި އަދި މަޖާ ފިލްމަކަށް ވާނެއެވެ. މިއީ އެކި އުމުރުތަކުގެ މީހުންނަށް ވެސް މަޖާވާނެ ފިލްމެއް ކަމުގައި ޑާކްރެއިންއިން ވަނީ އިޝާރާތްކޮށްފައެވެ.

މިހާރު ވެސް ޑާކްރެއިންއިން މި އަހަރު ފިލްމު އަޅުވާފައިވާއިރު އިތުރު ފިލްމުތަކެއް ވެސް މި އަހަރަށް ވަނީ ތާވަަލުކޮށްފައެވެ. ނަމަވެސް ވާހަކަ ދެކެވޭ ގޮތުގައި އެންމެ އަވަހަށް އަޅުވާނީ ބިބީއެވެ. އެކަމަކު، މި ފިލްމު އަޅުވާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

ޑާކްރެއިންއިން ބުނަނީ ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ފިލްމާ ގުޅޭ ޓީޒަރާއި އިތުރު މަންޒަރުތައް ހާމަކުރާނެއެވެ.

ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

މި ފިލްމުގެ ކާސްޓުގެ ގޮތުގައި ހިމެނެނީ ޝަރަފު އަބްދުﷲ އެވެ. ޝަރަފަކީ މި ވަގުތު ފިލްމު އިންޑަސްްޓްރީގައި އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ. ޑާކްރެއިން އިން އެންމެ ފަހުން ދައްކާފައިވާ ފިލްމު "ފުރޭތަ"ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ އޭނާއެވެ. ޝަރަފުގެ އިތުރުން މި ފިލްމުން ފެންނާނީ މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ.

comment ކޮމެންޓް