މި ސަރުކާރުން މިސްކިތްތައް މަރާމާތު ކުރަން 19 މިލިއަން ރުފިޔާ ހަރަދުކޮށްފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު-- ސަން ފޮޓޯ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ފަހުން މިހާތަނަށް މިސްކިތްތައް މަރާމާތު ކުރަން ސަރުކާރުން 19 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަކުރި 19 މިލިއަން ރުފިޔާގެ ތެރެއިން 15 މިލިއަން ރުފިޔާ ހޭދަ ކުރީ ސަރުކާރުގެ ބަޖެޓުން ކަމަށެވެ. އަނެއް ހަތަރު މިލިއަން ރުފިޔާ ހޭދަކުރީ މިސްކިތު ފަންޑުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ސަރުކާރު އައިއިރު މިސްކިތްތަކާ ގުޅޭ ގިނަ ބިލްތަކަކަށް ފައިސާ ވެސް ނުދައްކާ ހުރި ކަމަށެވެ.

"ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 27 މިލިއަން ރުފިޔާގެ ބިލްތައް ހުރި ނުދައްކާ. މިސްކިތް މަރާމާތުކުރުމަށްފަހު. މިސްކިތް ބިނާކުރި ކުންފުނިތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ކުރީ ސަރުކާރުން މިސްކިތްތައް މަރާމާތު ކުރުމަށްފަހު ނުދައްކާ ހުރި ބިލްތަކަށް މި ސަރުކާރުން ފައިސާ ދައްކާފައިވާ ކަމަށެވެ.

މިސްކިތްތަކާ ބެހޭ މަޖިލީހެއް އުފެއްދުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު 42 މަޝްރޫއެއް ކުރިއަށްދާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް