ކިއުބީއަށް ދިމާވި މައްސަލަ ހައްލުކޮށްފި، މިހާރު ޕާސްޕޯޓު ނަގަން ޓޯކަން ނެގޭނެ

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ/ އިމިގްރޭޝަން

އިއްޔެ ކިއުބީ އެޕްލިކޭޝަނަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި، މިހާރު ޕާސްޕޯޓު ނަގަން އެދި އެ އެޕްލިކޭޝަން މެދުވެރިކޮށް ކިޔޫ ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިއްޔެ ހެނދުނު ކިއުބީ އެޕްލިކޭޝަނަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ނަގަން ޓޯކަން ނަންބަރު ނެގުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. އެހެންވެ، އިއްޔެ އެ އިދާރާއިން ވަނީ ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންސްގެ ކައުންޓަރުން ޓޯކަން ނަންބަރު ނަގަން އެދިފައެވެ.

އެކަމަކު، އެ މައްސަލަ ހައްލުކޮށް، މިހާރު ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކިއުބީއަށް ދިމާވި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

ކިއުބީއަކީ ސަރުކާރުން ޚިދުމަތްދޭ އެކި އިދާރާތަކާއި ހޮސްޕިޓަލުތަކާއި ބޭންކުތަކުން ވެސް ގޭގައި ހުރެގެން ކިއޫ ނަންބަރު ނެގޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

comment ކޮމެންޓް