މެޓް ގާލާގައި އާލިއާގެ ފެނިލުމަށް ތައުރީފު

ބަތަލާ އާލިއާ ބަޓް މި އަހަރުގެ މެޓް ގާލާ އިވެންޓުގައި -- ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަހަރަކު އެއްފަހަރު އެމެރިކާގެ ނިއުޔޯކްގައި ބާއްވާ އޭ ލިސްޓު ތަރިންގެ ބިޔަ ހަފުލާ 'މެޓް ގާލާ 2024'ގެ މި އަހަރުގެ ހަފުލާގައި ބޮލީވުޑް ބަތަލާ އާލިއާ ބަޓްގެ ފެނިލުމަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

ކޮންމެ އަހަރަކު ވެސް ވަކި ހާއްސަ ތީމެއްގެ ދަށުން އިންތިޒާމު ކުރެވިގެން ބާއްވާ މި އަހަރުގެ މެޓް ގާލާގެ ތީމަކީ 'ދަ ގާޑްން އޮފް ޓައިމް'އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ނުފޫޒުގަދަ ފަންނާނުންނާ ފިލްމީ ތަރިން ބައިވެރިވާ މި ހަފުލާގައި އާއްމުކޮށް ފިލްމީ ތަރިން ފެންނާނީ ވަރަށް ޑްރެމެޓިކް ލުކް އެއްގައެވެ.

ބަތަލާ އާލިއާ ބަޓް--ފޮޓޯ/ބޮލީވުޑްހަންގާމާ

އެހެންވެ ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އާލިއާ ވެސް މި ހަފުލާގައި ފެންނާނީ އެފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަމެއް ދިނުމަށް ފަހު އާލިއާ މި ހަފުލާގައި ފެނިފައިވަނީ ވަރަށް ވަތަނީ ގޮތަކަށް އިންޑިއާގެ ގައުމީ ހެދުން ރަމްޒުކޮށްދޭ ސާރީއެއް އަޅައިގެން ހުއްޓައެވެ.

މި އަހަރުގެ މެޓް ގާލާގެ ތީމްއާ ގުޅުވައިގެން އާލިއާ އަޅައިގެން ހުރި ސާރީއަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބްޔަސާޗީ މުކަރުޖީގެ ޑިޒައިނެކެވެ. މި ސާރީ ތައްޔާރުކޮށްފައިވަނީ ޖުމްލަ 163 މަސައްކަތްތެރިންގެ އެމްބްރޮއިޑަރީ ހުނަރު ބޭނުންކޮށްގެންނެވެ.

އާލިއާ ބުނެފައިވަނީ އަޅައިގެން ހުރި ސާރީ ތައްޔާރުކުރުމަށް 1،965 ގަޑިއިރު މަސައްކަތްތެރިން ހޭދަކުރި ކަމަށެވެ.

ހަމަ އެއާއެކު އާލިއާ އަޅައިގެން ހުރި ގަހަނާތަކަކީ ވެސް ބަލާލަން ފަސޭހަ މާ ގޮތްބޮޑު ނޫން ގަހަނާތަކަށް ވެފައި އާލިއާ މި ހަފުލާގައި ދައްކުވައިދިން ސާދާކަމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ބަތަލާއަށް ތައުރީފުކޮށްފައެވެ. މިއީ އާލިއާ މެޓް ގާލާ ހަފުލާގައި ބައިވެރިވި ދެވަނަ ފަހަރެވެ.

comment ކޮމެންޓް