އެތައް އަހަރެއް ތައުލީމް އުނގެނުމަށްފަހު މަސައްކަތްކުރަން ނޭނގުމަކީ ދެރަކަމެއް، ނިޒާމު ބަދަލުކުރަންޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ އަމަން ލަތީފް

އެތައް ޚަރަދެއްކޮށްގެން އެތައް އަަހަރެއް ތައުލީމް އުނގެނުމަށް މަސައްކަތް ކުރުމަށްފަހު، ދަސްކުރާ އެއްޗެއްގެ ބޭނުން ވަޒީފާގެ މާހައުލުގައި ހިފަން ނޭނގުމަކީ މިއަދު އާންމު ކަމެއް ކަމަށާއި، އެ ކަން ބަދަލުކުރުމަށް ޓަކައި ތައުލީމީ ނިޒާމު ފުރިހަމަކޮށް، ބެލެނިވެރިން ވެސް ސަމާލުކަން ދޭންޖެހޭ ކަމަށް އެމްޑީއޭގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތަކުން ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއެކު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދައިކުރުމަށް ބައްދަލުކުރެއްވުމުގެ ގޮތުން ސިޔާމް ގެންދަވަނީ އެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. މިރޭ ވަޑައިގެންފައިވަނީ ދ. ހުޅުދެއްޔަށެވެ.

މި ރަށުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި އާމްދަނީގެ މަގުތައް ތަނަވަސްކޮށްދީ ބިން ފަދަ ގުދުރަތީ ވަސީލަތްތަކުން ނަފާވެރިކަން ނެރެދިނުން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ އާ ޖީލެއް، ރަނގަޅު ޖީލެއް މި ރަށުން އުފެދިގެން ދިއުން،" ބޭނުންވަނީ ތައުލީމީ، ތެދުވެރި، އިޚްލާސްތެރި ޖީލެއްކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް، އެ މަނިކުފާނު ވިދާޅުވީ އެ ފަދަ ޖީލެއް ބިނާކުރެވޭނީ ޒުވާން ޖީލަށް ސްކޫލު ނިމޭއިރު މަސައްކަތުގެ ހުނަރުތައް ދަސްކޮށްދީގެންކަމަށެވެ.

"12، އަހަރު 15 އަހަރު ކިޔަވައިފައި އަންނަ ކުއްޖާއަށް ވަޒީފާއެއް އަދައިކުރާކަށް ނޭނގޭ،" ސިޔާމް ފާހަގަކުރެއްވިއެވެ.

އެތައް އަހަރެއްގެ ތައުލީމަށް މައިންބަފައިން ކުރާ ޚަރަދާއި، ދައުލަތުން ކުރާ ހޭދައިގެ ފައިދާ ނުފެންނަ ކަމަށާއި ބިލިއަނުން ކުރާ ޚަރަދުގެ ބަދަލުގައި، އެ ކިޔެވި އެއްޗެއްގެ ބޭނުން ހިފަން ކުއްޖާއަށް ދަސްކޮށްދޭން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

އެހެން ނޫންނަމަ ވަޒީފާގެ މާހައުލުގައި އަލުން ކަންކަން ދަސްކުރަން ފަށަން ޖެހޭނީ 'އަލިފުން' ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ދާއިރާގެ އިންތިޚާބީ މެމްބަރުގެ ހައުސިއްޔަތުން، މިރޭގެ ހަފްލާގައި ސިޔާމްވަނީ އެ މަނިކުފާނު އިންތިޚާބުކޮށްދިނުމަށް ހުޅުދެލީގެ ރައްޔިތުން ކުރި މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް