މީޑިއާތަކަށް އިންޒާރު ދިނުން ކުށްވެރިކުރަން، ނޫސްވެރިން ހިމާޔަތްކުރާނަން: ސަރުކާރު

ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން: މީޑިއާތަކަށް އިންޒާރު ދިނުން ކުށްވެރިކުރާ ކަމަށާއި ނޫސްވެރިން ހިމާޔަތްކުރާނެ ކަމަށް ރައީސް އޮފީހުން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެ އަމަލު ކުށްވެރިކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާއި މީޑިއާތަކަށް އަރުވާ ކަމަށެވެ.

ނޫސްވެރީންނަށާއި މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހުގީގު ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ފަށައިފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، އެކަން ކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާއި ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

މީގެ އިތުރުން އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާ ނަމަ ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ މީހަކު ވެސް އަދާކޮށް، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރުމަށް އެ އޮފީހުން އިލްތިމާސްކުރިއެވެ.

އެ ބަޔާނުގައިވަނީ، ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށެވެ. އަދި ނޫސްވެރިންނަށާއި މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމައުގެ މަސަލަސްކަމާއި ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަމުން ގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

https://sun.mv/191437

ރައީސް އޮފީހުން އެހެން ބުނީ، ރާއްޖެ ޓީވީގެ ދުވަސް ދުއްވައިލާނެ ކަމަށާއި، އެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ އެ ޓީވީ ސްޓޭޝަނުން ފުލުހަށް ހުށަހެޅި ފަހުންނެވެ.

comment ކޮމެންޓް